Last Updated: July 18, 17:34
Saturday, July 18, 2026
ޚަބަރު

ފުލުހުން ސައިކަލެއްގެ ވެރިފަރާތް ހޯދަނީ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސައިކަލެއްގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ ސައިކަލަކީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު މާލޭގެ ކޯރުކެނޑިމަގާއި ބުރުޒުމަގު ގުޅުނު ކަންމަތިން ފުލުހުން ހުއްޓުވި ސައިކަލެއް ކަަމަށެވެ. އަދި އެ ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިންޖީނު ނަންބަރު ނުފެންނާނެހެން ކަހާލާފައި ހުރުމުގެ ސަބަބުން ކަމަށް ބުންޏެވެ.

އަދި މި މައްސަލައާ ގުޅިގެން އިތުރަށް ބެލި ބެލުމުން، އެ ސައިކަލުގައި ބޭނުންކޮށްފައިވާ ރަޖިސްޓްރީ ނަންބަރަކީ އެ އުޅަނދުގެ އަސްލު ނަންބަރު ނޫންކަން ވެސް ކަށަވަރު ކުރެވި އޭގެ ޗެސިސް ނަންބަރު ޗެކްކުރިއިރު، އެ ނަންބަރަކީ ވެސް ރަޖިސްޓްރީކޮށްފައިވާ އެއްވެސް އުޅަނދެއްގެ ނަންބަރަކާ ދިމާވާ ނަންބަރެއް ނޫންކަން ފާހަގަވި ކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ މިހާތަނަށް ކުރެވުނު މަސައްކަތުން އެ ސައިކަލުގެ ވެރިފަރާތް ދެނެގަނެވިފައެއް ނުވެ އެވެ.

އެހެންވެ އެ ސައިކަލުގެ ވެރިފަރާތުން ނުވަތަ ސައިކަލާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާ ނަމަ، ފުލުހުންގެ ޓްރެފިކް އިންވެސްޓިގޭޝަންސްގެ ނަންބަރު 9444880 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.