އެތައް ބައެއްގެ ސިކުނޑީގައި އެނބުރެމުންދާ ސުވާލަކީ އީރާނާއި، އެމެރިކާއާ ދެމެދު ކުރެވުނު މަޝްވަރާތައް ނިމިއްޖެ ހެއްޔެވެ؟ ނޫނެކެވެ. އެއީ އެހެން ހުންނަ ކަންތައްތަކެއް ނޫނެވެ. މަޝްވަރާތައް ދުވަހަކުވެސް ނުނިމޭނެއެވެ. ހަމައެކަނި ހުސް ވަގުތުކޮޅެއް ނަގަނީއެވެ. އަދި، އެ ހުސް ވަގުތުކޮޅުގައި، ދެ ފަރާތުން ވެސް އެމީހުންގެ މަޤާމުތައް ވަރުގަދަ ކުރަނީއެވެ.
މިހާރުގެ ޙާލަތަށް ރިޢާޔަތްކުރާ އިރު، އެމެރިކާއިން ތައްޔާރު ވަމުންދަނީ ގަދަކަމުން ހުރުމޫޒް ކަނޑުއޮޅި ހުޅުވުމަށެވެ. އެކަމަކު، އީރާނުން ވަޢުދުވެފައިވަނީ ހުރުމޫޒު ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުން އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. ފުރަތަމަ ކުރެވުނު މަޝްވަރާތަކުގައި، އެއްބަޔަކު އަނެއްބަޔަކަށް ހުށަހަޅާފައިވާ ޝަރުޠުތަކަށް ދުލެއްދޭކަށް އެއްވެސް ފަރާތަކުން ތައްޔާރެއް ނޫނެވެ. އެހެންވެ، މިހާރު މަޝްވަރާތައް ކުރިއަށްދަނީ މީޑިއާއި ދުރުގައި، ގިނަމީހުންނަށް ނޭނގޭ ގޮތަށެވެ. އަދި، އެގޮތުގެ މަތިން ކުރިއަށް ދާނެއެވެ.
ކުރިއަށް އޮތް ހަފްތާތައް ނުވަތަ މަސްތަކުގައިވެސް ދެމިއޮންނާނީ ހަމަ އެ އުސޫލެވެ. އެގޮތުން، ތައްޔާރީތަކާއި، ޕްރެޝަރާއި، ހިމޭންކަމާއި އަދި މަހުދޫދު ކުރެވިފައިވާ ޙަމަލާތަކެވެ. ހައްޖު މަސް ވެސް، މި އަންނަނީ ކައިރިވަމުންނެވެ. އެހެންކަމުން މިވަގުތު ބޮޑު ހަނގުރާމައެއް ހިނގުމުގެ ފުރުޞަތު ކުޑަކަމަށް ފެނެއެވެ.
ލުބުނާނުގައި ވެސް އޮތީ، ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލާފައެވެ. އެހެންކަމުން މިވަގުތު ވަލުދޮރާށިން ކުޅޭ ކުޅިވަރު ކުރިއަށް ގެންދާނެއެވެ. އަދި، ދެފަރާތުން ޤަބޫލުކުރެވޭ އެއްބަސްވުމަކަށް އާދެވިއްޖެނަމަ، އޮންނާނީ ޖޫރިމަނާއެވެ.
އެހެން ނޫން ނަމަ، އަނެއްކާވެސް މަހުދޫދު ކުރެވިފައިވާ ހަނގުރާމައިގެ މަރުޙަލާއެއް އަތުވެދާނެއެވެ. އެތަނުގައި ދެބައިމީހުންވެސް، އެއްބަޔަކު އަނެއް ބައެއްގެ ބާރު އިމްތިޙާނުކޮށްފައި، އަނެއްކާވެސް މަޝްވަރާގެ މޭޒުދޮށަށް އަންނާނެއެވެ.
ތާރީޚުވެސް ބުނެދެނީ ހަމަ އެއް ވާހަކައެކެވެ. އެމެރިކާއިން، ޠާލިބާނުންނާ އެކު ހެދި ޤަޠަރު އެއްބަސްވުން ހަނދާން ހުރީ ކިތައް މީހުން ހެއްޔެވެ؟ ކުރިން އެކަން ނުކުރެވުނީ ކީއްވެގެން ހެއްޔެވެ؟ އެއީ ހައްތާހާވެސް ކުރެވިދާނެ ކަންކަމެވެ. އެކަމަކު، އެކަން ޤަބޫލުކުރަން، ދެފަރާތުން ކުރެ ފަރާތަކުން ތައްޔާރެއް ނުވިއެވެ. މުއްލާ ޢުމަރުގެ ޒަމާނުގައި، އެންމެފަހުން ސަޢޫދީ ސަފީރުވެސް އަފްޣާނިސްތާނުން ބޭރުކުރަން ޖެހުނެވެ. އަދި، އެމެރިކާ އޮތީ، އެ ޤައުމުގެ ބާރުގެ މައްޗަށް މަސްތުވެފައެވެ.
އެއަށް ފަހު، 20 އަހަރުގެ ދިގު ހަނގުރާމައަކަށް ފަހު، ދެބައިމީހުން ވަރުބަލިވެ، ހަނގުރާމަ ކުރެވެން ނެތުމުން ޤަޠަރުގައި އެއްބަސްވުމެއް ހެދީއެވެ. މިއަދު ހަމަ އެ ޠާލިބާނުން ބުނަނީ، "އަހުރެމެންގެ ބިން އެއްވެސް ޤައުމަކާ ދެކޮޅަށް ބޭނުން ނުކުރެވޭނެ" ކަމަށެވެ. އަދި، އެމެރިކާވެސް މިހާރު ދަނީ ގެއްލުން ބޮޑު ދިގު ހަނގުރާމަތަކުން ފަހަތަށް ޖެހެމުންނެވެ. އިއްޔެ ޓުރަމްޕްގެ ބަޔާނުގައި ބުނެފައިވަނީ، "އަހުރެން ބޭނުމެއް ނޫން، ދިގު ހަނގުރާމައެއް ކުރާކަށް! އަހުރެން ބޭނުންވަނީ ކުރު ކެމްޕޭނެއް!" ކަމަށެވެ.
އެއީ، ވަރަށް ސާދާ ފޯމިއުލާއެކެވެ. އެއީ، ކުޑަކޮށް ޙަމަލާދިނުމާއި، މަޝްވަރާކުރުމާއި، މަޑުޖައްސާލުމާއި، އަދި ޕްރެޝަރު ކުރުމެވެ. އެ ފޯމިއުލާގެ ސަބަބުން އީރާނަށް އިތުރު ޕްރެޝަރު ކުރިމަތި ވާނެއެވެ. އަދި، އިޤުތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް މާކުރިއްސުރެން ފެށިގެން އެދަނީ މަސައްކަތް ކުރަމުންނެވެ. އާޚިރުގައި އެއީ ވަރަށް ސާދާ ކަމެކެވެ. ދެފަރާތުގެ ދެމެދުގައި، ޑީލެއް ހެދިގެން ދާނެކަމީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫނެވެ. ހަމައެކަނި ސުވާލަކީ، އެ ޑީލް ހެދިގެން ދާނީ ކިހައި ބޮޑު ހަނގުރާމައަކަށް ފަހު ހެއްޔެވެ؟ އަދި ކޮން އިރަކު ހެއްޔެވެ؟
އެކަން ބުނެދޭނީ ހަމައެކަނި ވަގުތެވެ. އަދި ވަގުތާއެކު، އެކަން އެނގިގެން ދާނެއެވެ.
ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.