ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީން މަގުމައްޗަށް ނުކުތަސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވައްޓައެއް ނުލެވޭނެ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އަތޮޅު ކައުންސިލްތައް އުވައިލުމަށް ނިންމާފައިވާ ނިންމުން ބަދަލުކޮށް، އެ ކައުންސިލްތައް އަލުން ރުޖޫއަކުރުމަށް ހުށަހެޅި ބިލަށް ބަހުސް ކުރައްބަމުން އައިބީ ވިދާޅުވީ އެއީ ސަރުކާރަށް ޖެއްސުން ކުރުމަށްޓަކައި މަކަރުވެރި ރޭވުންތަކެއްގެ ތެރެއިން މަޖިލީހަށް ވައްދާފައިވާ ބިލެއް ކަމަށެވެ. އަދި އަތޮޅު ކައުންސިލްތަކަކީ ލާމަރުކަޒީ ނިޒާމު ވުޖޫދުވި އިރު ވެސް އޮންނަން ޖެހޭ އެއްޗެއް ނޫން ކަމަށާއި، ރަށްރަށުގެ ކައުންސިލްތައް އެކުލަވާލާފައި ވަނީ ވެސް އެއްވެސް އުސޫލަކުން ނޫން ކަމަށް އޭނަ ވިދާޅުވި އެވެ.
އައިބީ ވިދާޅުވީ ގާނޫނަށް އިސްލާހުތައް ގެންނަން ޖެހޭ ނަމަ ގެންނަން ވަރަށް މުހިންމު ކަންކަން އެބަހުރި ކަމަށާއި އައިބީ ވިދާޅުވީ އިސްލާހުތަކޭ ވިދާޅުވެ ތާކުންތާކު ނުޖެހޭ އިސްލާހުތައް މަޖިލީހަށް ވައްދައިގެން ކަންކަން ގޯސްކުރަން އިދިކޮޅުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭނަ ވިދާޅުވީ ފެންނަނީ އަބަދުވެސް ކޮންމެވެސް މޮޅު އެއްޗެއް ބުނެގެން މައްސަލަ ގޯސްކޮށް ފިތުނަ އުފައްދައިގެން ގައުމު ހަލަބޮލިކުރަން ކުރަން އުޅޭ ތަން ކަމަށާއި އެފަދަ ކަންކަން ކުރަނީ ގައުމު ހަލަބޮލިކޮށް ބަޣާވާތްކޮށް ވެރިކަން ވައްޓާލަން ބޭނުންވާ މީހުން ކަމަށް ވެސް އައިބީ ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ އެފަދަ ކަންކަމުގެ ސަބަބުން ކުރިން ވެސް މުޅި ގައުމުގެ އިގްތިސާދު އެއްކޮށް ފުނޑިގެން ހިނގައްޖެ ކަމަށާއި އެއީ ސީދާ އިދިކޮޅުން ހިންގި "ބަޣާވާތެއް" ކަމަށެވެ.
"ދިހަ އަހަރު ވެރިކަން ކުރަން ދިނީމަ ކީއްތޯ ކުރީ. ކޮންކަމެއްތޯ ކުރެވުނީ. މުޅި ގައުމު ފުނޑާލީއޭ. މައުމޫން ވެރިކަމުން ފޭބިއިރު ދަރަނި އޮތީ ހަ ބިލިއަނުގައޭ. ވެރިކަން ކޮށްފައިފޭބީ މުޅި ގައުމު ދަރުވާލާފައިމ އައިބީ ވިދާޅުވި އެވެ. "އެވަރުން ވެސް މަގުމައްޗަށް ނުކުމެ ވެރިކަން ވައްޓާލަން، ލާހިކެއް ނޫން ނަޝީދަކަށް ވެސް މި ވެރިކަން ވައްޓާލާކަށް."
އޭނަ ވިދާޅުވީ ވާހަކަ ދެއްކޭނީ ހަމައެކަނި އިދިކޮޅަށް އެކަންޏެއް ނޫން ކަމަށާއި ސަރުކާރުގެ މެމްބަރުންނަށް ވެސް ވާހަކަ ދައްކައި ޖެއްސުން ކުރެވޭނެ ކަަމެވެ. އެކަމަކު އެއީ ހަޑިހުތު މަންޒަރުތަކަށް ތީ އެކަން ނުކުރަނީ ވިދާޅުވި އެވެ.
ދާދި ފަހުން ނަޝީދު ވަނީ ސަރުކާރަށް އޮތީ ދެ ގޮތެއް ކަމަށް ވިދާޅުވެފަ އެވެ. އެއީ ސިޔާސީ ޕާޓީތަކާއި މަޝްވަރާ ކުރުން ކަމަށާއި ނޫން ނަމަ ހުއްޓުމެއް ނެތި މަގުމަތީގައި މުޒާހަރާތައް ކުރާނެ ކަމަށް ވިދާޅުވި އެވެ. އަދި މިވެރިކަން 2028 ގެ ކުރިން ބަދަލު ކުރަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީއެންއެފުން ވެސް އަންނަނީ މި މަހުގެ ކުރީކޮޅުން ފެށިގެން ސަރުކާރާ ދެކޮޅަށް މާލޭގައި ސިލްސިލާ މުޒާހަރާތައް ކުރަމުންނެވެ.