Last Updated: July 11, 11:17
Saturday, July 11, 2026
ޚަބަރު

ޕޭޕަލް އަންނަން ދެން މާ ގިނަ ދުވަހެއް ނެތް: ސައީދު

ފައިސާގެ މުއާމަލާތަށް ދުނިޔޭގައި މަޝްހޫރު ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް އަންނަން ދެން މާ ގިނަ ދުވަހެއް ދެން ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނަ ވިދާޅުވީ، މިހާރު އުރީދޫން ގެންދަނީ ޕޭޕަލްގެ އިންޓެގްރޭޝަން މަސައްކަތާއި ޓެސްޓިން ފޭސްގެ މަސައްކަތް ކުރަމުން ކަމަށެވެ. މިދިޔަ މަހުގެ 3 ގައި ވެސް ސައީދު ވިދާޅުވެފައި ވަނީ ޕޭޕަލް އޮތީ ޓެސްޓިން މަރުހަލާގައި ކަމަށެވެ.

"ދެން އޮންނާނީ ރަސްމީކޮށް ލޯންޗުކޮށް، ދިވެހިން ބޭނުންކުރަން ފެށުން، އަޅުގަނޑު ހިތެއް ނުބުނޭ މާ ގިނަ ދުވަސް ވެދާނެއެކޭ." މިނިސްޓަރު މިއަދު ވިދާޅުވި އެވެ.

އެކަމަކު، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތައާރަފު ކުރެވޭނީ ސީދާ ކިހާ ހިސާބެއްގައި ކަމެއް ވިދާޅެއް ނުވެ އެވެ.

އެ ހިދުމަތް ރާއްޖެ އަށް ތައާރަފު ކުރުމުގެ ވާހަކަ ސަރުކާރުން ދައްކަމުން އަންނަނީ 2024 އިން ފެށިގެންނެވެ. ރާއްޖެ އަށް ޕޭޕަލް ތައާރަފު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން، ރާއްޖެއަށް ޕޭޕަލްގެ އެކްސެސް ހޯދުމުގެ ޕްރޮޕޯސަލް އެ ކުންފުންޏަށް ހުށަހެޅީ 2024 ގަ އެވެ.

ޕޭޕާލް މެދުވެރިކޮށް އިންވާޑް ރެމިޓެންސް ލިބުމުގެ ހުއްދަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އުރީދޫ ފިންޓެކަށް ދީފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.