Last Updated: July 12, 22:47
Sunday, July 12, 2026
ޚަބަރު

ރަސްމާލެ އަކީ މަޖުބޫރު މަޝްރޫއެއް: މުއްތަލިބް

މާލެ ސަރަަހައްދަށް އޮތް ބިމުގެ ދަތިކަމާ ހެދި ބޯހިޔާވަހިކަމަށް ރަސްމާލެ އަކީ މަޖުބޫރު މަޝްރޫއެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމުން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަޙުމަދު ނަސީމް ކުރެއްވި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ރަސްމާލެ މަޝްރޫޢު ސަރުކާރުން ކުރިއަށް ގެންދިޔަ ނަމަވެސް ހުޅުމާލެ ފޭސް 3، ގުޅިފަޅާއި ގިރާވަރު ފަޅުގެ މަސައްކަތް ވެސް އިސްކަންދީގެން ކުރިއަށް ގެންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ އެތަންތާނގައި ފެނާއި ނަރުދަމާ އަދި ކަރަންޓު ވިއުގަ ވެސް ވީހާ އަވަހަކަށް ޤާއިމުކޮށް ރައްޔިތުންނަށް ދިރުއުޅެވޭނެ މަގު ފަހިކޮށް ދިނުމަށް ކަމަށއެވެ.

"އެކަމަށް މަޑުނުކޮށް، ސަރުކާރުން އެ މަސައްކަތްތައް އަވަސްކުރުމަށް މިހާރު މިވަނީ ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް އެ މަސައްކަތްތައް ކުރުމަށް ނިންމާފައި. އޭގެ ތައްޔާރީތައްވަމުން ދަނީ." މުއްތަލިބް ވިދާޅުވިއެވެ.

އޭނަ ވިދާޅުވީ ރަސްމާލޭގެ އެންމެ ބޮޑު މަޤުޞަދަކީ، މުސްތަޤުބަލަށް އޮތް ޕްލޭން ކަމަށެވެ.

"ގުޅިފަޅު، ގިރާވަރުފަޅި، ހުޅުމާލެ 3، މި ތަންތަނުގައި މިހާރު ބިމެއް ނެތް އިތުރަށް ދޭކަން. ގިނަވެގެން ކުރިމަގުގައި ދެވޭނީ 12،000 ފްލެޓް. އެހެންވީމަ ރަސްމާލެއަކީ މުސްތަޤުބަލަށް ރިއާޔަތްކޮށް ހިންގަން މަޖުބޫރު މަޝްރޫއުއެއް. ރައީސްގެ ތަޞައްވުރަކީ 20 އަހަރުގެ ޕްލޭނެއް. މިއީ ހިންގަން މަޖުބޫރު މަޝްރޫޢެއް." މުއްޠަލިބް ވިދާޅުވިއެވެ.

ރަސްމާލެ ހިއްކަން ފެށީ 2023 ޑިސެމްބަރުގަ އެވެ. ބިން ހިއްކުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާއިރު 500 އަށް ވުރެ ބޮޑު ހެކްޓަރެއް މިހާތަނަށް ވަނީ ހިއްކައިފަ އެވެ. ރަސްމާލެ އަށް ޖުމުލަ 1،009 ހެކްޓަރުގެ ހިއްކަ އެވެ.

ރަސްމާލެ މަޝްރޫޢުގެ ދަށުން 65،000 ގެދޮރު ޔަޤީންކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.