މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބަލައި ފިޔަވަޅުއެޅުމާ ގުޅޭ އައު ގަވާއިދު އެކުލަވައިލައި، ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢުކޮށްފިއެވެ.
"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބެލުމާއި ފިޔަވަޅުއެޅުމުގެ ގަވާއިދު"ގެ މައިގަނޑު މަޤްޞަދަކީ މީޑިއާގެ ވަސީލަތްތަކުން ފަތުރާ ކޮންޓެންޓާ ގުޅިގެން ހުށަހެޅޭ ޝަކުވާތައް އިންސާފުވެރިކަމާއި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ބަލައި ޤާނޫނާއި ގަވާއިދާ ޚިލާފުވާ ހާލަތްތަކުގައި އެކަށީގެންވާ ފިޔަވަޅުއެޅުމެވެ.
މި ގަވާއިދުގެ ދަށުން، ކޮންމެ ފަރާތަކަށްވެސް މީޑިއާއާ ގުޅޭ ޝަކުވާތައް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ކަމަށާއި ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތީންނާއި، ދައުލަތުގެ މުއައްސަސާތަކުން ހުށަހަޅާ މައްސަލަތައްވެސް ބަލާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މި ގަވާއިދުގައިވާ ގޮތުން ކޮންޓެންޓަކާ ގުޅޭ ގޮތުން ޝަކުވާއެއް ހުށަހަޅާނަމަ އެ ކޮންޓެންޓެއް ޝާއިޢުކުރި ނުވަތަ ބްރޯޑްކާސްޓުކުރި ތާރީޚުން ފެށިގެން 45 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ. މައްސަލައިގެ ތަޙުޤީޤު މަރުޙަލާގައި މައްސަލަ ރައްދުވާ ފަރާތަށް ޖަވާބުދާރީވުމަށް 7 ދުވަހުގެ މުއްދަތެއް ދޭންޖެހޭއިރު މައްސަލައިގައި ހިމެނޭ ކޮންމެ ފަރާތަކަށްވެސް ޤާނޫނީ ވަކީލަކު ޢައްޔަންކުރުމުގެ ޙައްޤު ލިބިގެންވެއެވެ.
ޤާނޫނާއި ގަވާއިދާ، ނުވަތަ ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑާ ޚިލާފުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައް މި ގަވާއިދުގައި ވަނީ ވަރަށް ތަފްސީލުކޮށް ކަނޑައަޅާފައެވެ.
އެގޮތުން ވަކިވަކި ނޫސް މަޖައްލާތަކާއި، ނޫސްވެރިންނާމެދު އަޅާނެ ފިޔަވަޅުތައް ތަފްސީލުކޮށްފައިވާއިރު ނޫސް މަޖައްލާތައް ސުލޫކީ މިންގަނޑާ ޚިލާފުވެއްޖެނަމަ 5000 ރުފިޔާ އާއި އެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ނޫސްވެރިންނާ މެދު ފިޔަވަޅު އެޅުމުގައި ކަންކަން އިޞްލާޙުކުރަން އެންގުމާއި، އާންމުކޮށް މާފަށް އެދެން އެންގުމުގެ އިތުރުން އެހެނިހެން ފިޔަވަޅުތައް ހިމެނެއެވެ.
ކޮމިޝަނުގެ ނިންމުމަކާ މެދު ހިތްހަމަނުޖެހޭނަމަ އެ ނިންމުމެއް ނިންމި ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި އެ ނިންމުން މުރާޖަޢާކޮށްދިނުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މި ގަވާއިދުގެ ދަށުން އޮންނާނެއެވެ. އަދި ކޮމިޝަނުގެ ނިންމުމަކުން އެއްވެސް ފަރާތެއްގެ ޙައްޤަކަށް އުނިކަމެއް ލިބިއްޖެ ކަމަށް ދެކޭނަމަ، 6 މަސްދުވަހުގެ ތެރޭގައި އެ މައްސަލައެއް ކޯޓަށް ހުށަހެޅިދާނެއެވެ.