Last Updated: July 12, 22:47
Sunday, July 12, 2026
ޚަބަރު

މިއީ ނޫސްވެރިކަމަށް ހުރަސްއަޅާނެ ސަރުކާރެއް ނޫން

މިނިސްޓަރު އަހުމަދު ޝިޔާމް- ފޮޓޯ: ރައީސް އޮފީސް

މިއީ ނޫސްވެރިކަމަށް ހުރަސްއަޅާނެ ސަރުކާރެއް ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތަކެއް ކަމަށާއި ހަމަ މި ޙައްޤުތަކާއި އެކުއެކީ ޒާތީ ދިރިއުޅުމުގެ ޙައްޤާއި ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤަކީވެސް ހަމަ ކޮންމެ ރައްޔިތަކަށްމެ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ޙައްޤުތަކެއް ކަމަށެވެ. މިޙައްޤުތައް ކަށަވަރުވުމުގައި ޤައުމުގެ ވަލިއްޔުލްއަމްރު އިސްތިސްނާވެގެންނެއް ނުވާކަން ވެސް ޝިޔާމް ވަނީ ފާހަގަކުރައްވާފަ އެވެ.

މި ޙައްޤުތަކާއި މިނިވަންކަމަކީ އިސްލާމީ ރިވެތި އިންތަކާއި މިންތައް ފަހަނައަޅައި، މީހުންގެ އަބުރު ކަތިލައި، ސާބިތު ހިފޭ ހެކި ނެތި ޒިނޭ އާއި ޤަޛްފުގެ ތުހުމަތު އެއްވެސް މީހެއްގެ ބޮލުގައި އެޅުވުމަށް ދެވޭ ލައިސަންސެއް ނޫންކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ޤަޛްފާއި ޒިނޭއަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ 7 އުޑުމަތިން ބާވާލެއްވި އިސްލާމީ ޝަރީޢަތުގައި އެކަންކަން ސާބިތުކުރުމަށް ހެކީގެ ވަކި ޚާއްސަ މިންގަނޑެއް ކަނޑައަޅައި، ޙައްދު ކަނޑައަޅާފައިވާ ކުށްތަކެއް. އަދި އަބުރު ރައްކާތެރި ކުރުމަކީ އިސްލާމީ ޝަރީޢަތުގެ އެއް މަޤްސަދު ކަމުގައިވެފައި، އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމުން ކަމުގައިވާއިރު، ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި މީހުންގެ އަބުރު، އަދި ވަކިން ޚާއްސަކޮށް އިސްލާމީ ދައުލަތެއްގެ ވެރިޔާގެ އަބުރު ކަތިލުމަކީ ކުރެވިގެންވާނެ ކަމެއް ނޫން. އެއީ ބަލައިގަނެވޭނެ ކަމެއްވެސް ނޫން. އަޅުގަނޑުމެންގެ މުޖުތަމައަކީ އެފަދަ ކަންކަމަށް ތަރުހީބު ދޭނެ މުޖުތަމައެއްވެސް ނޫން،". ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ދިވެހި ނޫސްވެރިންނަކީ އެފަދަ ފާހިޝް ހުތުރު ކަންކަމަށް ހިތްވަރުދޭ، ދޮގު ޚަބަރު ފަތުރާ ބަޔަކަށްވުރެ މާ ތަހުޒީބު، މާ ޒިންމާދާރު ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅާނެ ސަރުކާރެއް ނޫންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ރައީސަކީ ނޫސްވެރިންނާ ވަރަށް ގާތުން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.

ކަންމިހެން އޮތް ނަމަވެސް މިއަދު ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި ޤައުމުގެ ރައީސުލްޖުމްހޫރިއްޔާގެ އަބުރު ކަތިލެވޭއިރު، މިކަން ނުހުއްޓުވައިފިނަމަ މާދަމާ މިކަމުގެ ޝިކާރައަކަށް ހަމަ ކޮންމެ ބޭފުޅަކުވެސް ވެދާނެކަމަށާއި އެހެންކަމުން، ނޫސްވެރިކަމަކީ ސާބިތު ހިފޭ ހެކިތަކުގެ މައްޗަށް ރައްޔިތުންނާ ހަމައަށް ތެދު މަޢުލޫމާތު ގެނެސްދޭ މަސައްކަތަކަށް ވާންޖެހޭނެކަމަށް ވިދާޅުވި އެވެ.

ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ފެށޭ ހިސާބަކީ އަނެކާގެ ޙައްޤުތަކާއި މިނިވަންކަން ނަގާލައި، އަބުރު ކަތިލެވޭ ހިސާބަށް ވެގެންނެއް ނުވާނެކަމަށް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.