Last Updated: July 11, 11:17
Saturday, July 11, 2026
ރިޕޯޓް

ނޫސްވެރިކަން: ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ މަގު

އިންސާނީ މުޖުތަމަޢެއްގައި މުވާޞަލާތު ކުރުމާއި، ޚަބަރުތަކާއި މަޢުލޫމާތު ބަދަލުކުރުމަކީ ދިރިއުޅުމުގެ މުހިންމު ބަހާއެކެވެ. މި ޒަމާނުގައި ނޫސްވެރިކަމަކީ "ހަތަރުވަނަ ބާރު" ގެ ގޮތުގައި ބެލެވޭ މުހިންމު ދާއިރާއެކެވެ. އިސްލާމީ ނަޒަރަކުން ބަލާއިރު ނޫސްވެރިކަމަކީ ހަމައެކަނި ވަޒީފާއެއް ނުވަތަ އާމްދަނީ ހޯދާ ވަސީލަތެއް ނޫނެވެ. އެއީ މުޖުތަމަޢުގެ އިޞްލާޙަށްޓަކައި އަދާކުރެވޭ މަތިވެރި އަމާނާތެކެވެ.

ޙަޤީޤީ ނޫސްވެރިކަމަކީ އެއްވެސް ތަޢައްޞުބެއް ނެތި، ތެދު މަޢުލޫމާތު ހޯދައި، އެ މަޢުލޫމާތު އޭގެ އަޞްލު ނުގެއްލޭނޭހެން އާންމުންނާ ހަމައަށް ފޯރުކޮށްދިނުމެވެ. އިސްލާމީ ތިލަފަތުން ބަލާއިރު، ނޫސްވެރިއަކީ ތެދުވެރި އަމާނާތްތެރިއަކަށް ވާންޖެހެއެވެ. ނޫސްވެރިކަމުގެ އަސާސަކީ އަދުލުވެރިކަމާއެކު ޙައްޤު ބަސް ބުނުމާއި، މުޖުތަމަޢުގެ މަޞްލަޙަތު އިސްކުރުމެވެ.

މަޢުލޫމާތު ފެތުރުމާއި ޚަބަރުތައް ލިބިގަތުމުގައި ގެންގުޅެންޖެހޭ އެންމެ މުހިންމު އަސާސަކީ "ތަބައްޔުން" ނުވަތަ ކަންކަން ކަށަވަރުކުރުމެވެ. މާތް ﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ. "يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا…" މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް ފާސިގަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ، އޭގެ ތެދުދޮގު ބަލައި ކަށަވަރުކުރާށެވެ." މިއީ ނޫސްވެރިކަމުގެ އެންމެ މުހިންމު އުޞޫލެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. "كفى بالمرء كذبا أن يحدث بكل ما سمع" މާނައީ: "މީހަކަށް އިވޭހާ ވާހަކައެއް (ކަށަވަރުކުރުމެއް ނެތި) ދެއްކުން، އޭނާއަކީ ދޮގުވެރިއަކު ކަމުގައި ފުދެއެވެ." މި ޙަދީޘުން އެނގެނީ ކޮންމެ ކޮންމެ ވާހަކައަކީ ޚަބަރަކަށް ހަދައިގެން ފެތުރުމަކީ އިސްލާމީ އަޚްލާޤާ ޚިލާފު ކަމެއް ކަމެވެ.

އިސްލާމީ މުފައްކިރުން ބަޔާންކުރައްވާ ގޮތުގައި، ޤަލަމަކީ ނުވަތަ ދުލަކީ އޭގެ ސަބަބުން މީހާ ސުވަރުގެއަށް ނުވަތަ ނަރަކައަށް ގެންގޮސްދޭނެ ވަސީލަތެކެވެ. އިމާމް އިބްނުލް ޤައްޔިމް ރަޙިމަހު ވިދާޅުވެފައިވަނީ، ބަހުގެ އަމާނާތްތެރިކަމަކީ ހިތުގެ ތެދުވެރިކަމުގެ ހެތްކެއް ކަމަށެވެ. ޒަމާނީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ނޫސްވެރިޔާގެ މަސްއޫލިއްޔަތަކީ ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. އެހެންކަމުން، ނޫސްވެރިޔާ ލިޔާ ކޮންމެ އަކުރަކާމެދު މާތް ގެ ޙަޟްރަތުގައި ސުވާލުކުރެވޭނެކަން ދަންނަންޖެހެއެވެ.

ދޮގު ޚަބަރު ފެތުރުމަކީ މުޖުތަމަޢުގައި ބޮޑެތި ފިތުނަ ފަސާދަ އުފެދޭ ކަމެކެވެ. އޭގެ ސަބަބުން ލިބޭ ބައެއް ގެއްލުންތަކަކީ:

* މީހުންގެ އަބުރު ގެއްލުން: ކަނޑައެޅިގެން ދޮގު މަޢުލޫމާތު ފެތުރުމުން މީހުންގެ އަބުރާއި ޢިއްޒަތަށް އުނިކަން އާދެއެވެ.
* އާއިލީ ގުޅުންތައް ކެނޑުން: ދޮގު ވާހަކަތަކުގެ ސަބަބުން އާއިލާތަކުގެ މެދުގައި ޝައްކު އުފެދި ގުޅުންތައް ހީނަރުވެއެވެ.
* ޤައުމީ ބައިބައިވުން: ސިޔާސީ ނުވަތަ އިޖުތިމާޢީ ގޮތުން ދޮގު ޚަބަރު ފެތުރުމުން ރައްޔިތުންގެ މެދުގައި ނަފުރަތާއި ރުޅިވެރިކަން އުފެދެއެވެ.
* އިތުބާރު ގެއްލުން: ނޫސްވެރިކަމުގެ ދާއިރާއަށް އޮންނަ އިތުބާރު ގެއްލި، ޙަޤީޤީ ޚަބަރުތަކާ މެދު ވެސް މީހުން ޝައްކުކުރަން ފަށައެވެ. މިފަދަ މައްސަލަތަކަށް އޮތް އެންމެ ބޮޑު ޙައްލަކީ "އަމިއްލަ ނަފްސު އިޞްލާޙު ކުރުމާއި ތަޤުވާވެރިވުމެވެ."
* ކަންކަން ކަށަވަރުކުރުން: ޚަބަރެއް ޝާއިޢުކުރުމުގެ ކުރިން މަދުވެގެން ދެ މަޞްދަރަކުން އެކަން ކަށަވަރުކުރުން.
* މަޞްލަޙަތު އިސްކުރުން: އެ ޚަބަރެއް ފެތުރުމުން މުޖުތަމަޢަށް ލިބޭނެ ފައިދާއާއި ގެއްލުމަށް ރިޢާޔަތްކުރުން.
* އަބުރަށް ރައްކާތެރިވުން: މީހުންގެ އަމިއްލަ ދިރިއުޅުމުގެ ސިއްރުތަކާއި އަބުރަށް އުނިކަން އަންނަ ފަދަ ކަންކަމުން ދުރުހެލިވުން.
* ބަހުގެ ތެދުވެރިކަން: ހިތްހަމަނުޖެހޭ މީހަކާ ބެހޭގޮތުން ލިޔުނަސް، ޢަދުލުވެރިކަމާއެކު ތެދު ބަހުން ލިޔުން.

ނިންމާލަމުން ދަންނަވާނީ، ނޫސްވެރިކަމަކީ ބާރެކެވެ. އެ ބާރުގެ ބޭނުން ހެޔޮގޮތުގައި ހިފައިފި ނަމަ އެއީ ދުނިޔެ އާއި އާޚިރަތުގެ ބޮޑުވެގެންވާ ކާމިޔާބީއެކެވެ. ނަމަވެސް އެ ބާރު ނަހަމަ ގޮތުގައި ހިފައިފި ނަމަ، އެއީ އަމިއްލަ ނަފްސަށާއި މުޅި މުޖުތަމަޢަށް ހުރި ބޮޑުވެގެންވާ ހަލާކެކެވެ.

ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.