Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

ތަހުގީގަށް މައުލޫމާތު ހޯދާ ގޮތަށް ގޮތް ކިޔުމުގެ ބާރެއް ނެތް

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުން

ފުލުހުންގެ ތަހުގީގަށް މައުލޫމާތު ހޯދާ ގޮތް ކަނޑައެޅުމުގެ އިހުތިޔާރެއް ގާނޫނުން ނުލިބޭކަމަށް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނެފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ކައިވެނީގެ ބޭރުން ގުޅުން ހިންގި ކަމަށް ތުހުމަތުކޮށް 'އަދަދު' ނޫހުން ހެދި ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ރޭ ވަނީ އެ ނޫސް ހިންގާ އޮފީސް ބަލައި ފާސްކޮށް ބައެއް ތަކެތި ގެންގޮސްފަ އެވެ. އަދި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފަ އެވެ.

މީޑިއާ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ކޮމިޝަނަކީ ރެގިއުލޭޓަރެއްގެ ހައިސިއްޔަތުން އިދާރީ ގޮތުން ކަނޑައަޅަންޖެހޭ މިންގަނޑުތައް ކަނޑައަޅައި ތަންފީޒުކުރާ ގާނޫނީ އިދާރާއެއް ކަމަށެވެ.

މިގޮތުން، ފުލުހުންގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމުގައި އަމަލުކުރާ މިންގަނޑުތައް ކަނޑައެޅުމުގެ އިހުތިޔާރު އެ ކޮމިޝަނަށް ލިބިފައި ނުވާކަމަށް އެ ބަޔާނުގައި ބުންޏެވެ.

ނަމަވެސް، މީޑިއާތަކުން އާންމުކުރާ ކޮންޓެންޓާ ގުޅުންހުރި މައްސަލަތައް ބަލައި ތަހުގީގު ކުރުމާއި އިދާރީ ފިޔަވަޅު އަޅަން ޖެހިއްޖެ ހިނދެއްގައި އެކަން ތަންފީޒު ކުރުމުގެ ޒިންމާ އަދާކުރާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ފުލުހުން "އަދަދު" ނޫހުގެ އޮފީސް ބަލައި ފާސްކޮށްފައިވާއިރު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަންހެން މީހާ ކުރި ތުހުމަތުތަކާ ގުޅޭ ގޮތުން "އަދަދު" ނޫހުގެ ނޫސްވެރިޔަކު ސުވާލު ކުރުމުން ރައީސް މުއިއްޒު ވަނީ އެ ތުހުމަތުކުރި މީހާ އާއި ޑޮކިއުމަންޓަރީ ހެދި 'އަދަދު' އަށް ވެސް ދައުވާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ އޭގައި ހުރީ ދޮގު ވާހަކަތަކެއް ކަމަށެވެ.