އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ ރުބީނާ ދިލައިކް އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
އޭނަ އާއި ފިރިމީހާ އެކްޓަރު އަބިނާވް ޝުކްލާ އާއި އެ މީހުންގެ އެއްމާބަނޑު ދެ ދަރިންގެ އިތުރުން އާއިލާގެ އިތުރު ބަޔަކު ޗުއްޓީ ހޭދަކުރަމުން އަންނަނީ މެއްޔަފުށި ރިސޯޓްގަ އެވެ. އެތަނުގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ރުބީނާ ގެ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ.
މި ދެ ތަރިން ކުރިން ވެސް ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ އިރު ރުބީނާ އަކީ އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޝޯ، ބިގް ބޮސްގެ 14 ވަނަ ސީޒަންގައި ވާދަކޮށް އެ ޝޯ ކާމިޔާބު ވެސް ކޮށްފައިވާ ތަރިއެކެވެ. އާންމުންގެ ތެރޭގައި އޭނަ މަޝްހޫރުވީ ޒީޓީވީން ގެނެސްދިން ސިލްސިލާ ޗޯޓީ ބަހޫ އިންނެވެ.
ރުބީނާ ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި ކަލާސް ޓީވީގެ ޝަކްތީ: އަސްތިތުވާ ކޭ އެހްސާސް ކީ ހިމެނެ އެވެ.
އަކްސަރު 2 އާއި ލުކާ ޗުއްޕީ ފަދަ ބޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ރުބީނާގެ ފިރިމީހާ އަބިނާވް ވެސް އާންމުން ދަންނަ މޫނަކަށްވެގެން ދިޔައީ ޓީވީ ސިލްސިލާތަކުންނެވެ.