Last Updated: July 11, 02:43
Friday, July 10, 2026
ރިޕޯޓް

ލަފުޒުތަކަށް ފަރުވާތެރިވާށެވެ!

މި ލަފުޒުތަކުން ތިބާގެ ޙަޤީޤަތް ބަދަލު ކޮށްލާނެއެވެ. އެކަމަކު، އެކަމެއް ތިބާއަކަށް ނުވެސް އެނގޭނެއެވެ. ތިބާ، ދުވާލަކު ކިތައް ފަހަރު، އަމިއްލަ ނަފުސާއި ވާހަކަ ދައްކަން ހެއްޔެވެ؟ އަދި، ތިބާ އަމިއްލަ ނަފުސާއި ދައްކާ ވާހަކައާ މެދު، ތިބާ އެއްވެސް ވަރަކަށް، ދުވަހަކު ވެސް ވިސްނާލިން ހެއްޔެވެ؟

"އަހަންނަކަށް ނުކުރެވޭނެ!"
"ތިޔައީ އަހުރެންނާ އެކަށީގެންވާ ކަމެއް ނޫން!"
"އަހުރެންނާ މެދު އަބަދުވެސް ކަންތައްތައް ދިމާވަނީ މިހެން!"

އެއީ ހަމައެކަނި ލަފުޒުތަކެއް ނޫނެވެ. އެއީ، ތިބާގެ ޙަޔާތުގެ ހިމޭން ކޯޑެވެ. އަދި އެންމެ ނުރައްކާތެރި ކަމަކީ، ތިބާ ވިސްނުމެއް ނެތި، ކޮންމެ ދުވަހަކު، އެފަދަ ބަސްތައް ތަކުރާރުކުރާ ކުރުމެވެ. ސައިންސް ބުނާ ގޮތުގައި، އިންސާނާގެ ސިކުނޑިއަކީ ލަފުޒުތަކާއި، ޙަޤީޤަތުގެ ފަރަޤު ދަންނަ އެއްޗެއް ނޫނެވެ.

ތިބާ ތަކުރާރުކޮށް ބުނާ އެއްޗެއް، ތިބާގެ ސިކުނޑިއަށް އެއީ ޙަޤީޤަތަކަށް ވެގެންދެއެވެ. މާނައަކީ، ތިބާގެ ބަސްތަކުން، ތިބާގެ ވިސްނުން ބައްޓަން ކޮށްދެއެވެ. އަދި، ތިބާގެ ވިސްނުމުން، ތިބާގެ ޙަޔާތް ބައްޓަން ކޮށްދެއެވެ. ބައެއް މީހުން، ކިތަންމެ ދަތި އުނދަގޫ ޙާލަތްތަކުގައި ވެސް މިފަދައިން ބުނަނީ އެހެން ވެގެންނެވެ.

"އަހުރެން ގޮތެއް ހޯދާނަމެވެ." އަދި އެމީހުން ޙަޤީޤަތުގައިވެސް ގޮތެއް ހޯދައިގެން އެކަމެއް ކުރެއެވެ.
އަދި، ބައެއް މީހުން ވަރަށް ފަސޭހަ ޙާލަތުތަކުގައިވެސް މިފަދައިން ބުނެއުޅެއެވެ. "ތިޔައީ ކުރެވޭނެ ކަމެއް ނޫނެވެ." އަދި، ޙަޤީޤަތުގައި ވެސް އެއީ ކުރެވޭ ވަރުގެ ކަމެއް ކަމަކަށް ނުވެ ހިނގައިދެއެވެ. އެއީ ޖާދުލެއް ނުވަތަ ސިހުރެއް ނޫނެވެ. އެއީ ޕްރޮގްރާމިން އެވެ.

އެކަމަކު، ދެން އޮތީ އެއަށްވުރެ މާ ފުން ވާހަކައެކެވެ. އިސްލާމްދީނުގައި ލަފުޒުތަކަކީ ނުވަތަ ބަސްތަކަކީ ހަމައެކަނި މުވާޞަލާތެއްގެ ގޮތުގައި ނުދެކެއެވެ.

އެއާ ޚިލާފަށް، ލަފުޒުތަކަކީ އެއިން އަސަރުތަކެއް ފޯރުކޮށްދޭ އެއްޗެއްގެ ގޮތުގައި ދެކެއެވެ. ޚުދު ޤުރުއާނަކީ ވެސް ލަފުޒުތަކުގެ މަޖުމޫޢާއެކެވެ. އަދި އެ ލަފުޒުތަކުން އިންސާނާގެ ހިތާއި، ސިކުނޑިއާއި، ވިސްނުމާއި، މުޅި ޙަޔާތް ބަދަލުކޮށްލަދެއެވެ.

ނަބިއްޔާ ﷺ ޙަދީޘުފުޅު ކުރައްވާފައި ވެއެވެ. "ރަނގަޅު ބަހަކީ ޞަދަޤާތެކެވެ."

މާނައަކީ ރަނގަޅު ކޮންމެ ބަހަކީ، ހަމައެކަނި އަޑެއް ނޫނެވެ. އެއީ އޭގައި ބާރެއް އެކުލެވޭ އެއްޗެކެވެ.

ދެން ނިކަން، ތިބާ ކޮންމެ ދުވަހަކު ވާހަކަ ދެއްކުމުގައި ބޭނުންކުރާ ބަސްތަކާ މެދު ވިސްނާލަ ބަލާށެވެ. ތިބާ ޝުކުރުވެރި ވަނީ ހެއްޔެވެ؟ ނުވަތަ ޝަކުވާ ކުރަނީ ހެއްޔެވެ؟ ތިބާ އުއްމީދުގެ ވާހަކަ ދައްކަނީ ހެއްޔެވެ؟
ނުވަތަ ބިރުވެރިކަމުގެ ވާހަކަ ދައްކަނީ ހެއްޔެވެ؟ ސަބަބަކީ ތިބާ ބުނާ ކޮންމެ އެއްޗެއް، ތިބާގެ ހިތުގައި ބިންވަޅު ނެގެއެވެ. އަދި ތިބާގެ ހިތުގައި ބިންވަޅު ނެގޭ ކޮންމެ އެއްޗަކީ، ތިބާގެ ޙަޤީޤަތަށް ވެގެންދެއެވެ.
ނަފުސިއްޔާތުގެ ޢިލްމުވެރިން، އެއަށް މިކިޔަނީ އަމިއްލަ ނަފުސާ ވާހަކަ ދެއްކުން ނުވަތަ "ސެލްފު ޓޯކު" އެވެ.
އަދި ރޫޙާނީ ގޮތުން އެއަށް މިކިޔަނީ ނިޔަތާއި، ޒިކުރެވެ.
ތިބާ ތަކުރާރުކޮށް، "الله ވޮޑިގެންވަނީ ތިމަންނައާއެކު"
ކަމަށް ބުނުމުން، ތިބާގެ ހިތްވަރުގަދަވެގެންދެ އެވެ. އަދި ތިބާ ތަކުރާރުކޮށް، "އަހުރެންނަކީ އެކަނިވެރިއެކޭ" ބުނުމުން
ދެން ޙަޤީޤަތުގައިވެސް، ތިބާ އެކަނިވެރިވެ ބަލިކަށިކަން އިހުސާސްވާން ފަށައެވެ.

އެއީ ދެ މީހެއްގެ ދިރިއުޅުން މުޅިން ތަފާތުކޮށްދޭ ކުޑަކުޑަ ފަރަޤެވެ. މިހިސާބަށް އައިއިރު މުޅިން އައު އެއްޗެއް ވިސްނޭނެ ކަމަށް ހީކުރަމެވެ. ލަފުޒުތަކުން ބަދަލުވަނީ ހަމައެކަނި ތިބާގެ ވިސްނުމެއް ނޫނެވެ. އަދި ކިއެއްތަ، ލަފުޒުތަކުން ތިބާގެ ނިންމުންތަކަށްވެސް ބަދަލު އާދެއެވެ.

ތިބާ، ތަކުރާރުކޮށް އަމިއްލަ ނަފުސަށް، ތިބާއަކީ ބަލިކަށި މީހެއް ކަމަށް ބުނާނަމަ، އެހިނދުން ބޮޑެތި ނިންމުންތައް ނިންމުމަށް ތިބާ ޖެހިލުންވާނެއެވެ. އަދި، ތިބާއަކީ ޤާބިލު މީހެއް ކަމަށް، ތިބާގެ ނަފުސު ދެކޭނަމަ، ތިބާ ކުރިއަށް ގެންގޮސްދޭނޭ ފިޔަވަޅުތައް، ތިބާގެ އަމިއްލަ ނަފުސުން އަޅާނެއެވެ.

ޔަޢުނީ، ލަފުޒުތަކާއި، ފިކުރުތަކާއި، ނިންމުންތަކާއި، އަދި ދިރިއުޅުމަކީ، އެއް ހިލިހިލާއެއްގެ ބޮޅުތަކެކެވެ. އަދި އޭގެ ފެށުން އުފެދިގެން އަންނަނީ އެންމެ ޖުމުލައަކުންނެވެ.

މިހާރު ސުވާލަކީ، ތިބާ ތަކުރާރު ކުރަނީ، އެބަސްތަކުން ތިބާ ފަހަތަށް ގެންގޮސްދޭ ބަސްތައް ހެއްޔެވެ؟ ނުވަތަ، ތިބާގެ ބަސްތައް ބަދަލުކުރަން ނިންމައިފިން ހެއްޔެވެ؟ ސަބަބަކީ، ތިބާގެ ދިރިއުޅުން ބޭރުފުށުން ބަދަލެއް ނުކުރެވޭނެއެވެ. ތިބާގެ ދިރިއުޅުން ބަދަލުކުރެވޭނީ އެތެރެއިންނެވެ. އަދި އެތެރޭގެ ބަދަލުތައް ފެށެނީ އެންމެ ލަފުޒަކުންނެވެ.

އެހެންކަމުން، މިއަދުން ފެށިގެން ވާހަކަ ދެއްކުމުގައި ތިބާ ބޭނުންކުރާ ބަސްތަކަށް ފާރަވެރިވާށެވެ. ސަބަބަކީ، ތިބާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ، ތިބާ ވާހަކަ ދެއްކުމުގައި ބޭނުންކުރާ ބަސްތައް ފިޔަވައި، އެހެން އެއްވެސް އެއްޗެއް ނޫން ކަމަށް ވެދާނެއެވެ. އަދި އެ ބަސްތަކަކީ ތިބާ ކޮންމެ ދުވަހަކު، ތިބާގެ އަމިއްލަ ނަފުސަށް ތަކުރާރު ކުރާ ބަސްތަކެވެ.

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.