ސަރުކާރުން ތައާރަފްކުރި 'ޓެކްސީ ނަފާ' ލޯނު ސްކީމްގެ ދަށުން ލޯނު ލިބިފައިވާ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދަން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މިނިސްޓަރު މުހައްމަދު ސައީދު މިއަދު ޓެކްސީ ނަފާ ލޯން ސްކީމްގެ ދަށުން ލޯނު ލިބިފައިވާ ބައެއް ފަރާތްތަކާއެކު، ކަމާގުޅުހުން ހުރި ފަރާތްތައް ހިމެނޭހެން ބައްދަލުކުރައްވާފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ސައީދު، މި ލޯން ސްކީމާ ގުޅިގެން އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި، މައްސަލަތައް ހައްލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން މިނިސްޓަރ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަޞައްވުރާ އެއްގޮތަށް، ދިވެހި ރައްޔިތުންގެ އަޑު އަހައި، ރައްޔިތުންގެ ހުރި މިފަދަ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަބަދުވެސް ކުރަމުންދާނެކަމުގެ ޔަޤީންކަން އަރުވާފައި ކަމަށްވެސް މިނިސްޓްރީން ހާމަކުރެ އެވެ.
ޓެކްސީ ނަފާ ލޯނު ސްކީމަކީ ގްރޭޓާ މާލޭ ސަރަހައްދުގައި ޓެކްސީ ވިޔަފާރި ފަށައިގަތުމަށް ދިވެހި ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ތައާރަފްކުރި ސްކީމެކެވެ.