އިންޑިއާގެ ބޮކްސް އޮފީހަށް ގުޑުން އެރުވި ފިލްމު 'ދުރަންދަރު' ގެނެސްދިން ޑައިރެކްޓަރު އަދިތިޔާ ދާރް އާ ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނީ ކުޅަދާނަ ޑައިރެކްޓަރުގެ އާ ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ޕްލޭންކޮށްފައި އޮތް ގޮތުން އާ ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ފަށާނެ ކަމަށް ވެސް އެ ނޫހުން ބުންޏެވެ. ޕިންކްވިލާ ބުނި ގޮތުގައި އާ ފިލްމުގެ ބަތަލުގެ ރޯލަށް 'ދުރަންދަރު' ގެ ދެ ބައިގެ ވެސް ލީޑް އެކްޓަރު ރަންވީރު ސިންގް ގެންނަން އޮތީ ވާހަކަ ދެކެވިފަ އެވެ.
ނަމަވެސް އާ ޕްރޮޖެކްޓާ ގުޅޭ އެއްވެސް ވާހަަކައެއް އަދިތިޔާ އަދި ރަސްމީކޮށް ހިއްސާކޮށްފައެއް ނުވެ އެވެ. އެކަމަކު އޭނަ ދެން ހަދާނީ ކޮން ކަހަލަ ފިލްމެއްތޯ ބަލަން ވަރަށް ގިނަ ބަޔަކު ތިބީ ކެތްމަދުވެފަ އެވެ.
ބަތަލާ ޔާމީ ގޯތަމްގެ ފިރިމީހާ، އަދިތިޔާ ސްޕައި އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދިން 'ދުރަންދަރު' ގެ ފުރަތަމަ ބައި ރިލީޒްކުރީ މިދިޔަ އަހަރުގެ ޑިސެންބަރު 5 ގަ އެވެ. ދެވަނަ ބައި ރިލީޒްކުރީ މިދިޔަ މަހުގެ 19 ގަ އެވެ.
'ދުރަންދަރު' އަކީ އަދިތިޔާ، 43، ގެ ދެވަނަ ޑައިރެކްޝަނެވެ. އޭނަގެ ފުރަތަމަ ފިލްމަކީ 2019 ގެ ވަތަނީ ފިލްމު 'އުރީ: ދަ ސާޖިކަލް ސްޓްރައިކް' އެވެ. އެ ފިލްމަށް ހަތަރު ނެޝަނަލް އެވޯޑް ލިބުނު އިރު، އޭގެ ތެރޭގައި އަދިތިޔާ އަށް ލިބުނު އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ވެސް ހިމެނެ އެވެ.
'އުރީ' ގެ ބޮޑު ކާމިޔާބި އަށް ފަހު އެ ފިލްމުން މޮޅު ބަތަލުގެ ނެޝަނަލް އެވޯޑް ލިބުނު އެކްޓަރު ވިކީ ކޯޝަލާ އެކު 'ދި އިމޯޓަލް އޮފް އަޝްވަތައްމާ' ކިޔާ ސުޕަހީރޯ ފިލްމެއް ހަދަން ވެސް އަދިތިޔާ އިއުލާންކުރި އެވެ. އެކަމަކު ބަޖެޓްގެ މައްސަލަތަކެއްގައި އޭގެ މަސައްކަތް އޮތީ ހުއްޓާލައިފަ އެވެ.