އައްޑޫ ފޭދޫ ސްކޫލްގައި މިއަދު އަލިފާނުގެ ހާދިސާ ހިނގީ އެ ސްކޫލްގައި ލައިބްރީ ކަމަށާއި އެ ހާދިސާގައި އެތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ސްކޫލުން ބުނެފި އެވެ.
ސްކޫލްގައި ހެނދުނުގެ ކިޔެވުން ކުރިއަށް ދަނިކޮށް ހިނގި އެ ހާދިސާގައި ލައިބްރަރީ އެތަން ހިމެނޭ ފްލޯގެ ކޮރިޑޯ އަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. މި ހާދިސާއާ ގުޅިގެން އައްޑޫ ސިޓީގެ ކައުންސިލްގެ ޓީމަކުން ވެސް ސްކޫލަށް ޒިޔާރަތްކޮށް ލިބުނު ގެއްލުންތައް ބަލާފައިވެ އެވެ.
އެ ޓީމުގައި ހިމެނެނީ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު އާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އިމާދު ސޯލިހެވެ. ކައުންސިލްގެ ޓީމުން ބުނީ ރޯވި ހާދިސާގައި ލައިބްރަރީ ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައިވާ ކަމަށެވެ.
މިއަދުގެ މި ހާދިސާއާ ގުޅިގެން ކިޔެވުން މިއަދު ވަނީ މެދުކަނޑާލައިފަ އެވެ.
ފޭދޫ ސްކޫލްގައި އަލިފާނުގެ ހާދިސާއެއް ހިނގިކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ ހެނދުނު 08:20 ހާއިރު އެވެ. އެއާ އެކު ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަ ސްޓޭޝަނުގެ ފަޔަފައިޓަރުން އެތަނަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައި، ރޯވި އަލިފާން ނިއްވުމުގެ މަސައްކަތްކުރި އެވެ. އަދި އަލިފާން އެއްކޮށް ނިއްވައިލެވުނީ 08:56 ހާއިރު އެވެ.
މި ހާދިސާގައި ސްކޫލްގެ އެއްވެސް މުވައްޒަފަކަށް އަދި ދަރިވަރަކަށް ވެސް ގެއްލުމެއް ނުވެ އެވެ. ނަމަވެސް އަލިފާންގެ ހާދިސާ ހިނގަން މެދުވެރިި ސީދާ ސަބަބެއް އަދި ސާފެއް ނުވެ އެވެ. މިކަން ފުލުހުން އަންނަނީ އިތުރަށް ބަލަމުންނެވެ.
ކީ ސްޓޭޖުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައި ދެމުން އަންނަ ފޭދޫ ސްކޫލަކީ އެ އަވަށުގެ ހަމައެކަނި ސްކޫލެކެވެ. އެތަނުގައި ކިޔަވާ ދަރިވަރުންގެ އަދަދު 500 އަށް ވުރެ ގިނަ އެވެ.
ފޭދޫ ސްކޫލް ހުޅުވީ 1972 ގަ އެވެ.