Last Updated: July 11, 02:43
Friday, July 10, 2026
ރިޕޯޓް

އަސްލު މި އުޅެނީ ކޮން ކަމެއް ކުރަން؟

ރާއްޖޭގެ މިއަދުގެ ޙާލަތަށް ނަޒަރު ހިންގާލާއިރު، ހިތުގައި އުފެދޭ އެންމެ ބޮޑު ސުވާލަކީ މިއީ އެވެ. ދައުލަތުގެ އެކި މުއައްސަސާތަކާއި އިދާރާތައް އުފެދިފައި ވަނީ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށް، ޢަދުލުއިންޞާފު ޤާއިމު ކުރުމަށެވެ. ނަމަވެސް، މިއަދު ފެނިގެންމި ދަނީ ނުހަނު ހިތާމަވެރި މަންޒަރެކެވެ. ޤައުމުގެ ހުރިހާ އިދާރާތަކާއި މުއައްސަސާތަކެއް އެކުއެކީގައި ކެތްމަދުވެ، ފޫގަޅާލައިގެން އުޅޭ މަންޒަރު ފެންނަނީ ހަމައެކަނި ވެރިންނަށް އިންޞާފު ހޯދައި ދިނުމަށެވެ.

ވެރިންގެ މަޞްލަޙަތު ހިމެނޭ ކަމެއް ނުވަތަ ބާރުގަދަ މީހެއްގެ ޙައްޤެއްގެ ވާހަކަ ދެކެވޭއިރު، ދައުލަތުގެ މުޅި ނިޒާމު ހޭލައިގަނެއެވެ. ތަޙުޤީޤީ އިދާރާތަކުން ފެށިގެން އަދުލު އިންޞާފުގެ ދާއިރާއާ ހަމައަށް ހުރިހާ ފުރޮޅުތަކެއް އެނބުރެން ފަށަނީ ބާރުގަދަ ސްޕީޑެއްގައެވެ. ނަމަވެސް، މި މަންޒަރު މުޅިން ބަދަލުވެގެންދަނީ ނިކަމެތި ރައްޔިތަކާ މިކަންކަން ގުޅުމުންނެވެ.

އާދައިގެ ރައްޔިތުންގެ އިއްޒަތާއި އަބުރަށް އުނިކަން އައިސް، އެމީހުންގެ އަސާސީ ޙައްޤުތަކުން މަޙްރޫމްވަމުންދާއިރު، އެކަންކަމަށް އިންޞާފު ހޯދައިދޭނެ ހަރުދަނާ ނިޒާމެއްގެ މުހިންމުކަން މިއަދު ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. ނިކަމެތި ރައްޔިތުންގެ ކަންބޮޑުވުންތަކާއި އާދޭސްތަކަކީ އަދުލު އިންޞާފުގެ ނިޒާމުގެ ތެރޭގައި އެކަށީގެންވާ ބުރަދަނެއް ދެވޭ ކަންކަމަށް ވާން ޖެހެ އެވެ. ނަމަވެސް، ފެންނަމުން ދަނީ ރައްޔިތުންގެ ޙައްޤުތަކާއި ކަރާމާތަކީ ހަމައެކަނި ޤާނޫނީ ލިޔެކިޔުންތަކުގައި އޮންނަ އިބާރާތްތަކަކަށް ވެފައިވާ މަންޒަރެވެ.

ވަކިން ޚާއްޞަކޮށް، ތަޙްޤީޤު މަރުޙަލާގައިވާ މައްސަލަތަކާ ގުޅޭ ގޮތުން ދައުލަތުގެ ބާރުވެރި މުއައްސަސާތަކުގެ އިސްވެރިން ވަކި ގޮތަކަށް ބަޔާންތައް ދެއްވުމަކީ، އެ މައްސަލައެއް އިންޞާފުވެރިކަމާ އެކު ބެލެވޭނެ ކަމުގެ އިތުބާރު މުޅިން ގެއްލިގެންދާނެ ކަމެކެވެ. މިއީ މައްސަލައިގެ މިނިވަން ތަޙްޤީޤަށް ނުފޫޒު ފޯރުވުމަށް މަގުފަހިވާ، އަދި ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ނަޒާހަތްތެރިކަން ކުޑަވެގެންދާ ފަދަ ނޭދެވޭ އަމަލެކެވެ.

ކަންކަން މިމަގަށް ހިނގަމުންދާ ނަމަ، މުޖުތަމަޢުގެ އިޖުތިމާޢީ ޢަދާލަތު ގެއްލި، ބާރުގަދަ މީހާގެ މުށުތެރެއަށް ހުރިހާ ބާރެއް ޖަމާވެގެން ހިނގައިދާނެއެވެ. ދައުލަތުގެ މުއައްސަސާތަކަކީ ވަކި ބައެއްގެ ނުފޫޒުގެ ދަށުގައި އޮންނަ، ހަމައެކަނި ވެރިންގެ ފައިބުޑުގައި ކުޑަކަކޫ ޖަހާ ތަންތަނަށް ވެގެން ނުވާނެއެވެ. އަސްލު އަޅުގަނޑުމެން އުޅެންވީ ވެރިންނަށް އިންޞާފު ހޯދައިދޭކަށް ނޫނެވެ. އޭގެ ބަދަލުގައި، ކޮންމެ ދިވެހި ރައްޔިތަކަށްމެ، އޭނާގެ މަޤާމާއި ނުފޫޒަށް ބެލުމެއް ނެތި، ހަމަހަމަކަމާއެކު އިންޞާފު ލިބޭނެ މަގު ތަނަވަސްކޮށް ދިނުމަށެވެ.

ނިކަމެތި ރައްޔިތުންގެ އިޙްސާސްތަކާއި ޙައްޤުތައް ދަންނަ، އަދި އެކަންކަމަށް އިޙްތިރާމްކުރާ މުއައްސަސާތަކެއް ޤައުމުގައި ނެތް ނަމަ، އަޅުގަނޑުމެން މިކުރާ ދަތުރުގެ މަންޒިލަކީ ބޭއިންޞާފުގެ އަނދަވަޅެކެވެ. ވީމާ، މުއައްސަސާތަކުގެ ވެރިން މިއަދު އަލުން އަމިއްލަ ނަފްސާ ސުވާލުކުރަން ޖެހެއެވެ. އަސްލު އަޅުގަނޑުމެން މިއުޅެނީ ކޮންކަމެއް ކުރަން ހެއްޔެވެ؟ ޖަވާބަކީ ހަމައެކަނި ވެރިންގެ ޚާދިމުންނަށްވުން ކަމުގައި ވާ ނަމަ، އެއީ ޤައުމު ފަނާވެދިއުމުގެ ފެށުމެވެ.