މިއަދު ހެނދުނު އާންމު ރައްޔިތަކާއެކު ތައުލީމީ ދާއިރާގެ އެކިކަންކަމާ މެދު މަޝްވަރާ ކުރެވުނެވެ. ކުރިން ދަންނަ މީހެއް ނޫނެވެ. ނަމަވެސް، ފޯނުން ދިމާވީ އެވެ. ދެކެވުނު ވާހަކަތަކުގައި ސްކޫލްތަކުގައި ބުލީ ކުރާ ވާހަކަ ދެންނެވިއެވެ. މި މައުޟޫގައި އަޅުގަނޑު ދެއްކި ވާހަކައިގެ ހުލާސާއެއް ހިއްސާކުރަމެވެ.
——————————————————-
.ކުދިންނަށް އޯގާތެރި މުޖުތަމައެއް: އަޅުގަނޑުމެންގެ ޒިންމާ
ކުދިންނަކީ ވަށައިގެންވާ މާހައުލު ނަކަލުކުރާ ބައެކެވެ. ކުލުނާއި އޯގާތެރިކަމެއް ނެތް މާހައުލެއްގައި ބޮޑުވާ ކުއްޖަކަށް ފެނިގެންދަނީ ނުހަނު ނޭދެވޭ މަންޒަރުތަކެކެވެ. އެކަކު އަނެކަކަށް މަލާމާތްކޮށް، ދަށްކޮށްލާ ބަސްތައް ބޭނުންކުރާ މުޖުތަމައަކުން ކުއްޖާ ދަސްކުރާ
ނޭދެވޭ އާދަތައް ނަކަލުކޮށް، އެފަދަ ފުރައްސާރަ ސްކޫލުގެ މާހައުލުގައި ތަކުރާރުވެއެވެ.
ސޯޝަލް މީޑިއާގައާއި އާންމު އެއްވުންތަކުގައި މީހުންގެ އަބުރަށް އަރައިގަތުމަކީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި "މުނިފޫހިފިލުވުން" ކަމުގައި ވެއްޖެއެވެ. އިވޭ ކޮންމެ އަޑަކީ، އަދި ފަތުރާލާ ކޮންމެ ވާހަކައަކީ ހަގީގަތެއް ނޫނެވެ. ނަމަވެސް، ކަންކަމުގެ އަސްލު ބެލުމެއް ނެތި، އަނެކާގެ ހިތަށް ލިބޭނެ އަނިޔާއަށް ވިސްނުމެއް ނެތް މުޖުތަމައަކުން ނުކުންނާނީ ނަފްސާނީ ގޮތުން ބަލިކަށި ޖީލެކެވެ. މިއީ ދިވެހި ކޮންމެ ފަރުދަކު މިކަމާ މެދު ފުންކޮށް ވިސްނާ، އިސްލާހީ ފިޔަވަޅު އަޅަންޖެހިފައިވާ ކަމެކެވެ.
ހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި މުދައްރިސުން ކުރައްވަނީ އާދައިގެ މަސައްކަތެއް ނޫނެވެ. ކުދިންނަށް ފިލާވަޅުތައް އުގަންނައިދިނުމުގެ އިތުރުން، މުޖުތަމައާއި ގޭތެރެއިން ކުދިންނަށް ފެންނަ ނޭދެވޭ އާދަތައް އިސްލާހުކުރުމަށް މުދައްރިސުން ދަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ހަމަ މިއާއެކު، ސްކޫލްތަކުގައި ދެވޭ ތަރުބިއްޔަތުގެ ޕްރޮގްރާމް ގިނަކޮށް ހަރުދަނާ ކުރަންޖެހެއެވެ. (މިއަހަރު ކުރިއަށް ގެންދާ "ބިންގާ" ޕްރޮގްރާމަކީ މިފަދަ މަސައްކަތެކެވެ. ސްކޫލްތަކުން މި ޕްރޮގްރާމް ވަރަށް ފުރިހަމައަށް ގެންދާކަން ފާހަގަކޮށް ދަރިވަރުންނަށާއި މުދައްރިސުންނަށް ސާބަސް ދެމެވެ.)
އަހަރެމެންނަކީ މުސްލިމުންނެވެ. އިސްލާމީ ރިވެތި އަޚުލާގު ކުދިންނަށް އުނގަންނައިދިނުމަކީ އަހަރެމެންގެ އެންމެ ބޮޑު ޒިންމާއެވެ. މީހަކަށް ދެރައެއް ދިނުމަކީ ނުވަތަ ދުލުންނާއި އަތުން ފުރައްސާރަކުރުމަކީ ބޮޑުވެގެންވާ ފާފައެއްކަން ތަކުރާރުކޮށް ކުދިންނަށް ބުނެދޭން ޖެހެ އެވެ. އަދި ރިވެތި ނަމޫނާ އެކުދިންނަށް ބަހާއި އަމަލުން ދައްކަން ޖެހެ އެވެ.
ކީރިތި ރަސޫލާ ﷺ ހަދީޘްކުރައްވާފައިވެ އެވެ:
"الْمُسْلِمُ مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ"
މާނައީ: "މުސްލިމަކީ، އެމީހެއްގެ ދުލާއި އަތުގެ ނުބައިކަމުން (އުނދަގުލުން) އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާއެވެ."
ބުލީކުރުން ހުއްޓުވޭނީ އަޅުގަނޑުމެންގެ ގޭތެރެއާއި މުޖުތަމައުގެ މަސްރަހު އުފާވެރި، ހިތްފަސޭހަ، އަދި އެކަކު އަނެކަކުދެކެ ލޯބިވާ ވެއްޓަކަށް ބަދަލުކޮށްގެންނެވެ. ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައިގެންނެވެ. ގައުމުގެ މުސްތަގުބަލު ކަމުގައިވާ ކުދިންނަށް ހެޔޮ ނަމޫނާއެއް ނުދައްކައި، އަޅުގަނޑުމެން އެކަކު އަނެކަކަށް އޯގާތެރި ނުވެއްޖެނަމަ، މާދަމާގެ ޖީލު އޮންނާނީ ނަފްސާނީ ގޮތުން ބަލިކަށި، ކުލުނާއި އޯގާތެރިކަމުން މަހުރޫމުވެފައިވާ މާހައުލެއްގަ އެވެ.
ނޯޓް: މިއީ އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ފޭސްބުކްގައި މިއަދު ހިއްސާކުރެއްވި ލިޔުއްވުމެކެވެ.