ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރި އެދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން ކުރިއަށް އޮތް ބައި-އިލެކްޝަންގައި ވާދަނުކުރަން ނިންމައި އެދާއިރާގެ ޕްރައިމަރީން ބަލިވި އަހުމަދު ސައީދު (ސޮޑާ) އަށް ތާއިދު ކުރަން ނިމްމައިފި އެވެ.
މެމްބަރު ކަމުގައި ހުންނަވަނިކޮށް ސުޕްރީމް ކޯޓުގެ ހުކުމާއިއެކު މެންބަރުކަމުން ވަކިވި ސިނާން އެ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކޮށް ބަލިވި އަހުމަދު ސައީދު އާއި އެކު ނަގާފައިވާ ފޮޓޯއަކާއި އެކު ސޯޝަލް މީޑިއާގައި ހިއްސާކުރި ބަޔާނެއްގައި ބުނީ ނިމިދިޔަ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި އަޅުގަނޑަށް ތާއީދުކޮށް ވޯޓްދެއްވި ޕާޓީގެ ލޮބުވެތި މެމްބަރުންނަށް ނުހަނު ލޯތްބާއެކު ޝުކުރުދަންނަވާ ކަމަށެވެ.
"ޕާޓީގެ ޕްރައިމަރީ އިންސާފުވެރިކަމާއެކު އޮމާންކަންމަތީ ނިމިގެންގޮސް އަޅުގަނޑުގެ ކާމިޔާބަށް ޕާޓީގެ ރައީސާއި ލީޑަރޝިޕުން ވިދާޅުވި މަރުޙަބާއަށް ޓަކައިވެސް އަޅުގަނޑު ޝުކުރުދަންނަވަމެވެ. ނަމަވެސް އަޅުގަނޑު މިދިޔަ 3 ދުވަހު ދާއިރާގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ގާތުން ކުރެވުނު މަޝްވަރާތަކާއެކު މިފަހަރު މިގޮނޑި ޕާޓީއަށް ކާމިޔާބުވާން އެންމެ ފަހި ވާނީ އަޅުގަނޑު ފަހަތަށްޖެހި އެހެން އައު ބޭފުޅަކަށް ފުރުޞަތު ދީގެން ކަމަށް ފެންނާތީ އެގޮތަށް ނިންމި ވާހަކަ ލޮބުވެތި މެމްބަރުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.މިގޮތައް ނިންމި ނަމަވެސް މިގޮނޑި ކާމިޔާބު ކުރުމަށްޓަކައި ޕާޓީން ނުކުންނަ ކެނޑިޑޭޓެއް އިންތިޚާބު ކޮށްދިނުމަށް އަޅުގަނޑު ފުރިހަމަ ބައިވެރިވުމާއި އަޅުގަނޑުގެ ފުރިހަމަ ދައުރު އެންމެ ފުޅާކޮށް އޮންނާނެ ކަމުގެ ޔަޤީންކަންވެސް އަރުވަމެވެ.
އަޅުގަނޑުގެ މިނިންމުން މިހާރު ޕާޓީގެ ލޮބުވެތި ރައީސަށާއި ލީޑަރޝިޕަށް މިހާރުވާނީ ދަންނަވާފައެވެ.އަޅުގަނޑުގެ ނިންމުން ޕާޓީގެ ރައީސާއި
ލީޑަރޝިޕް އިޚްތިރާމާއެކު ވަނީ ބަލައިގެންފައެވެ.
މާތްاللهގެ ހެޔޮރަޚްމަތާއެކު ޕާޓީން ކެނޑިޑޭޓެއް ދެއްކިހާ އަވަހަށް އަޅުގަނޑު އެކެނޑިޑޭޓާއެކު ތިޔަ ލޮބުވެތި ރައްޔިތުންގެ އަރިހަށް ދާނަމެވެ.އަޅުގަނޑުގެ އިޚްލާސްތެރި އެދުމަކީ ހުރިހާރައްޔިތުން އައު ރޫހެއްގައި އަޅުގަނޑާއެކު ނުކުމެ އަޅުގަނޑުމެންގެ ޕާޓީގެ ކެނޑިޑޭޓް އިންތިޚާބު ކޮށްދެއްވުމެވެ" ސިނާންގެ ބަޔާނުގައި ބުނެފައިވެއެވެ.
ސިނާ މިއަދު ތާއިދު ކުރި އަހުމަދު ސައީދު ވަނީ ދާދި ފަހުން ބޭއްވުނު ތިން އިންތިހާބުންވެސް ބަލިވެފައެެވެ. އެގޮތުން 2024 ވަނަ އަހަރުގެ މަޖްލިސް އިންތިހާބުން ބަލިވި އިރު ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބު ނާކާމިޔާބުވިއިރު އެންމެ ފަހުން ބޭއްވުނު އުތުރު ދާއިރާގެ ބައި އިލެކްޝަނުންވެސް ވަނީ ނާކާމިޔާބު ވެފައެވެ.
ހިތަދޫ އުތުރު ދާއިރާއަށް ކުރިމަތިލުމަށް ފުރަތަމަ އިލެކްޝަނުން ދިން މުއްދަތު މިއަދު ހަމަވާގޮތަށް އޮތްވާ އެ މުއްދަތު މީގެ ދެ ދުވަސް ކުރިން އިލެކްޝަނުން ވަނީ އަންނަ މެއި މަހުގެ ދެވަނަ ދުވަހަށް ފަސްކޮށްފައެވެ. އިލެކްޝަނުން މުއްދަތު ފަސް ކުރުމާއި ގުޅިގެންވެސް އެކަމުގައި ކޮންމެވެސް އިތުރު ކަމެއް ހިނގަމުން އަންނަ ކަމަށް ރައްޔިތުން ތުހުމަތު ކުރިއެވެ.
ހިތަދޫ އުތުރު ދާއިރާއަށް ކުރިމަތިލާން މިހާތަނަށް ފޯމު ހުށަހަޅާފައިވަނީ އެމްޑީޕީގެ ފަރާތުން އެދާއިރާއަށް ވާދަކުރައްވާ އައްޑޫގެ ކުރީގެ މޭޔަރ އަބްދުالله ސޯދިގު (ސޯބެ)އެވެ.