Last Updated: May 16, 14:10
Thursday, May 16, 2024
ރިޕޯޓް

1.2 ބިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި ވާހަކަ ދައްކާނެ! އެވާހަކަތައް ނުހުއްޓުވޭނެ!

ރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި އަހްމަދު އަދީބް ހުންނަވައި، ދައުލަތުގެ ފައިސާއިން 1.2 ބިލިއަނަށް ވުރެ ގިނަ ފައިސާއަށް ހިޔާނާތްތެރިވި ވާހަކަ އާއި ދައުލަތުން، ސިއްރާއި ފާޅުގައި، ހިންގާފައިވާ ބޮޑެތި ކަރަޕްޝަންގެ ވާހަކަތައް ހުއްޓުވޭތޯ ސަރުކާރުން ދަނީ ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުންނެވެ.

ދައުލަތުން ގެއްލުނު ފައިސާގެ ވާހަކަތައް އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓްގައި އޮތީ އޭގެ އެންމެ ސައްހަ މިންވަރަކަށް ނޫން ކަމަށް ދިވެހި ރައްޔިތުން މިދަނީ ބުނަމުންނެވެ. ފައިސާގެ ޖުމްލަ އަދަދު 3.5 ބިލިއަނަށް ވުރެ މަތީގައި ހުރި އިރު ދައުލަތުން ހާމަކޮށްފައިވަނީ ގެއްލިފައިވަނީ 1.2 ބިލިއަން ރުފިޔާ ކަމަށެވެ.

މިވާހަކަތައް ފެންމަތި ވުމާއި އެކު ފުރަތަމަ ރައީސް އަބްދުﷲ ޔާމީން އާއި ސަރުކާރަށް ނިސްބަތްވާ މަޖްލިސް މެމްބަރުން މި މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވަމުން ދަނިކޮށް ފައިސާގެ ބޮޑުބައި، ރައީސް އާއި މަޖްލިސް މެމްބަރުންގެ އެކައުންޓްތަކަށް ވަދެފައިވާ ކަން އަމިއްލަ އަށް މިދަނީ އިއްތިރާފް ވަމުންނެވެ.

ރައީސް އަބްދުﷲ ޔާމީން އއ. ތޮއްޑޫގައި ވިދާޅުވީ އެމަނިކުފާނަށް ވިޔަފާރިވެރިން ފައިސާ ދެއްވިކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރައީސުލް ޖުމްހުރިއްޔާއަކަށް ހުންނަވާ ބޭފުޅަކަށް އެފަދަ ގޮތަކަށް ފައިސާ ނުހޯއްދެވޭނެކަން ގާނޫނުގައި އެބަވެއެވެ. އެރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މަޖްލިސް މެމްބަރުންނަށްވެސް އެމްއެމްޕީއާރްސީގެ ފައިސާ ލިބިފައިވާނެ ކަމަށާއި، ނަމަވެސް އޭގެ ތެރެއިން ބައެއް މެމްބަރުންނަށް އެފައިސާ އަކީ ކޮން ފައިސާއެއްކަން ނޭގި ހިގައިދާނެ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ކަރަޕްޝަންގެ މައްސަލަ ފެންމަތިވެ، ރައީސް އަމިއްލަފުޅަށް ދައްކަވާފައިވާ ވާހަކަފުޅުތަކުން، އެމަނިކުފާންގެ މައްޗަށް ކުރެވޭ ކަރަޕްޝަންގެ ތުހުމަތުތައް މިވަނީ އޭސީސީން ފުރިހަަމަ ތަހްގީގެއް ކުރަންޖެހޭ ހިސާބުގައެވެ. ނަމަވެސް އެކަން އެބަކުރެވޭ ހެއްޔެވެ؟

ރައީސް ޔާމީން މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައިވަނިކޮށް، ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް މިވަނީ މި މައްސަލައިގެ ތުހުމަތުތަކަށް އިތުރު ބާރެއް ދެއްވާފައެވެ. މުހައްމަދު ވިދާޅުވީ، ފައިސާ ނެންގެވި މަޖްލިސް މެމްބަރުންގެ ނަންތައްވެސް ހާމަ ކުރަން ތައްޔާރަށް ހުރި ކަމަށާއި، ފައިސާ ބަހަން ގެންދިޔަ "ގޯނީގެ" އެއްކޮޅުގައި ހުރީ މުހައްމަދު ކަމަށެވެ.

ގައުމުގެ އެންމެ އިސްވެރިއާއިން ފެށިގެން މަޖްލިސް މެމްބަރުން އެމްއެމްޕީއާރްސީގެ ފައިސާގެ ކަރަޕްޝަންގެ ވާހަކަ ދައްކަވަމުން ގެންދަވާ އިރު، އެވާހަކަ ރައްޔިތުން ދެއްކުމަކީ އަމަން ނަގާލުމެވެ.

މިއަދުގެ ހުކުރު ހުޠުބާގައި ދޮގު ހަބަރު ނުފެތުުރުމަށާއި، އެކަމުގެ ނުބައި ކަމުގެ ވާހަކަ ވަނީ ދައްކަވާފައެވެ. އަދި އަމަން އަމާންކަން ގެއްލޭނެ ކަންކަން ނުކުރުމަށް ވަނީ ގޮވާލައްވާފައެވެ. ހުޠުބާގައި މިސާލު ނަންގަވާފައިވަނީ ރަސޫލާގެ ހަޔާޕުޅުގައި ހިނގާފައިވާ ހާދިސާތަކުގެ މައްޗަށެވެ.

ރައްޔިތުންގެ މުދާ، ވެރިންނަށް ރައްކާ ނުކުރެވޭ ނަމަ އެވާހަކަ ރައްޔިތުން ދައްކާނެއެވެ. އެއީ ދޮގު ވާހަކަ ފެތުުރުމެއް ނޫނުވެ. އަދި އެވާހަކަ ދެއްކުމަކީ ގައުމު ބައިބައިވުމެއްވެސް ނޫނެވެ. އޭގެ ބަދަލުގައި އެވާހަކަ ދެއްކުމުން ރައްޔިތުންނަށް ހަގީގަތް އެނގި އެފަދަ ވެރިންގެ އަމަލްތައް ހުއްޓުވުމަށް ރައްޔިތުންނަށް ބާރަކަށް ވެގެންދެއެވެ.

މިއަދު މި ރާއްޖެއިން މި ފެންނަނީ މިހާތަނަށް މިގައުމުގައި ހިނގި އެންމެ ބޮޑު ކަރަޕްޝަން މައްސަލަ މަތި ޖެހުމަށް ބޭނުން ކުރެވެން ހުރި ހުރިހާ ހަތިޔާރެއް ބޭނުން ކުރަމުންދާތަނެވެ. މީޑިއާތަކަށް ބިރުދައްކައި، އެންމެ ފަހުން ހަގީގަތް ހާމަ ކުރުމަކީ ދޮގު ހަބަރު ފެތުރުން ކަމަށް މިވަނީ ސިފަކޮށްފައެވެ. މުޅި ހުޠުބާ އަމާޒުކޮށްފައިވަނީ ސަރުކާރާއި މެދު ރައްޔިތުން ދައްކަމުންދާ ވާހަކަ ތަކަށެވެ. ފޭސްބުކް އާއި ސޯޝަލް މިޑިއާގައި ދެކެވޭ ވާހަކަތަކަށެވެ.

ނަމަވެސް ހަގީގަތަކީ ފޮރުވޭނެ އެއްޗެއް ނޫނެވެ. ހައްގަކީ ބާޠިލް ކުރެވޭނެ އެއްޗެއް ނޫނެވެ.