ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރެވޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ ބަލީގެ 2،183 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓްކުރި ކޭސްތަކާ އަޅާބަލާ އިރު 483 ޕަސެންޓް އިތުރުވުމެކެވެ.
މިދިޔަ އަހަރުގެ ޖެނުއަރީގައި ޑެންހީގެ 76 ކޭސް ރިޕޯޓްކުރި އިރު މި އަހަރުގެ ޖެނުއަރީގައި 679 ކޭސް ރިޕޯޓްކުރި އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީގައި 87 ކޭސް ރިޕޯޓްކުރި އިރު މި އަހަރުގެ ފެބްރުއަރީގައި 428 ކޭސް ރިޕޯޓްކުރި އެވެ. އަދި މިދިޔަ އަހަރުގެ
މާޗްގައި 76 ކޭސް ރިޕޯޓްކުރި އިރު މިދިޔަ މާޗްގައި 600 ކޭސް ރިޕޯޓްކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެ އެޕްރީލްގައި 135 ކޭސް ރިޕޯޓްކުރި އިރު، މި މަހުގެ މިހާތަނަށް 476 ކޭސް ރިޕޯޓްކޮށްފައިވެ އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ޑެންގީގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓްކުރަނީ އަތޮޅުތަކުންނެވެ. އެގޮތުން އަތޮޅުތަކުން 1،813 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓްކުރިއިރު މާލެއިން ރިޕޯޓްކުރީ 370 މީހުންނެވެ.
ޑެންގީ އަކީ މަދިރީގެ ޒަރީއާއިން ޖެހޭ އަދި ފުރާނަ އަށް ނުރައްކާވާ ބައްޔެކެވެ. މި މަހުގެ ތެރޭގައި އެ ބަލީގައި ރާއްޖެ އިން ދެ ޒުވާނަކު ނިޔާ ވެސް ވެފައިވެ އެވެ.