ދަރިފުޅަށް ކެންސަރު ޖެހިފައިވާ ކަމަށް ބުނެ އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ އެހީގެ ގޮތުގައި ހޯދި އޮސްޓްރޭލިއާގެ އަންހެނަކު ހަތަރު އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
ހަ އަހަރުގެ ފިރިހެން ދަރިފުޅުގެ ލޮލަށް ކެންސަރު ޖެހި، ފަރުވާ އަށް އެހީ ބޭނުންވާ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައިގައި ހަތަރު އަހަރާއި ތިން މަހަށް ޖަލަށް ލާން މިއަދު ދެކުނު އޮސްޓްރޭލިއާގެ ޑިސްޓްރިކްޓް ކޯޓުން ހުކުމްކުރީ 45 އަހަރުގެ އަންހެނެއްގެ މައްޗަށެވެ.
އޭނަގެ މައްޗަށް ހުކުމްކުރި ނަމަވެސް ވަނަވަރު ވަނީ ސިއްރުކޮށްފަ އެވެ.
އަންހެން މީހާގެ މައްޗަށް އިއްވި ހުކުމުގައިވާ ގޮތުން ދަރިފުޅަށް ކެންސަރު ޖެހިފައިވާ ކަމަށް ބުނެ އަންހެން މީހާ އެހީ އަށް އެދި ފައިސާ ހޯދަމުން ދިޔައީ ކުއްޖާގެ ބޮލާއި ބުމަ ވެސް ބާލައި، ބޮލާއި އަތުގައި ބެންޑޭޖް އަޅައި ކެންސަރަށް ފަރުވާ ހޯދަމުންދާކަން ދައްކަމުންނެވެ. އަދި އެގޮތަށް އޭނަ ފައިސާ އެއްކުރަން ފެށީ އެކްސިޑެންޓެއްގައި ދަރިފުޅުގެ ލޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން ޑޮކްޓަރަށް ދެއްކުމަށް ފަހު އެވެ.
އޭގެ ފަހުން ފިރިމީހާ އާއި އާއިލާގެ މީހުންނާއި ރައްޓެހިންނާއި ދަރިފުޅު ކިޔަވާ ސްކޫލަށް ވެސް އަންހެން މީހާ ބުނެފައި އޮތީ ކުއްޖާގެ ލޮލަށް ކެންސަރު ޖެހިފައިވާކަން ކަމަށް އޭނަގެ މައްޗަށް އިއްވި ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
މި މައްސަލަ ފަޅާއަރައި އަންހެން މީހާގެ މައްޗަށް އުފުލީ ދަރިފުޅުގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމާއި މަކަރާއި ހީލަތުން އަމިއްލަ އަށް މަންފާ އަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ ދައުވާ އެވެ.
ދެ ކުދިން އަންހެން މީހާގެ ވަކީލު ވިދާޅުވެފައި ވަނީ އަންހެން މީހާ ގޭމްބްލިން އެޑިޓްވެފައިވާ މީހެއް ކަމަށެވެ.