Last Updated: July 12, 22:47
Sunday, July 12, 2026
ޚަބަރު

ތެލުގެ ރިޒާވް ގާއިމުކުރަން މާލެ ކައިރިން ދެ ފަޅެއް ބަލަނީ

ރާއްޖޭގެ ތިން ސަރަހައްދެއްގައި ތެޔޮ ރިޒާވްއެއް ގާއިމުކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭންގެ ދަށުން، މާލެ ސަރަހައްދުން ދެ ފަޅެއް ބަލަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުންނަށް ދިމާވެދާނެ ދަތިތައް ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ތެޔޮ ރިޒާވް ގާއިމުކުރާނެ ތަންތަން ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އެގޮތުން މާލެ ސަރަހައްދުން ބަލަމުންދާ ދެ ފަޅުގެ ސާވޭ މަސައްކަތް އަންނަ ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ތެލުގެ ރިޒާވް ގާއިމުކުރާނެ ތަންތަން ފައިނަލް ކުރާނީ ކުރެވޭ ދިރާސާތަކަށް ފަހު ކަމަށާއި، އެ ދިރާސާތަކުގެ ފައިނަލް ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާނެ ކަމަށެވެ.

ރާއްޖޭގެ ތިން ސަރަހައްދެއްގައި ތެޔޮ ރިޒާވް ގާއިމުކުރާނެކަން ރައީސް މުއިއްޒު އިއުލާނުކުރެއްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި، މި މަސައްކަތަކީ ރާއްޖޭގެ އިގުތިސާދުގައި ހުރި ނާޒުކުކަން ހައްލުކުރުމަށް ދުރު ރާސްތާއަށް ރާވައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން، ކޮންމެ ފިޔަވައްސެއް ދޮޅު އަހަރު ނުވަތަ ދެ އަހަރުން ނިންމައި، ޖުމްލަ ފަސް އަހަރު ނުވަތަ ހަ އަހަރު ތެރޭގައި މުޅި މަޝްރޫއު ނިންމާލެވޭނެ ގޮތަށެވެ.