Last Updated: July 11, 11:17
Saturday, July 11, 2026
ރިޕޯޓް

އަބުރާއި އިއްޒަތަށް އަރައިގަތުމުގެ ނުބައިކަން

އިސްލާމް ދީނަކީ އިންސާނާގެ އަބުރާއި، ނަސަބާއި، އިއްފަތްތެރިކަން ރައްކާތެރިކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާ ދީނެކެވެ. މީސްމީހުންގެ އަބުރަށް އަރައިގަނެ، ދޮގު ތުހުމަތުތައް ކުރުމަކީ މުޖުތަމަޢުގެ ބަދަހިކަން ގެއްލި، ފިތުނަ ފަސާދަ އުފެދޭ ކަމެކެވެ. މިގޮތުން އިސްލާމީ ޝަރީޢަތުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ "ޤަޒުފު" ކުރުމެވެ.

ޤަޒުފަކަށް ވަނީ ކޮންކަން ކަމެއް؟

ޝަރުޢީ އިޞްޠިލާޙުގައި ޤަޒުފަކީ، އިއްފަތްތެރި މުސްލިމަކު ޒިނޭކޮށްފިކަމަށް ބުނެ ތުހުމަތުކުރުން ނުވަތަ މީހެއްގެ ނަސަބު ނަފީކުރުމެވެ (އެބަހީ: އެއީ އެވެނި މީހެއްގެ ދަރިއެއް ނޫންކަމަށް ބުނުން) މީގެ ތެރޭގައި ސީދާ ބަހުން "ކަލޭ ތީ ޒިނޭކުރާ މީހެކޭ" ބުނުމާއި، ނުސީދާ ބަހުން ނުވަތަ އިޝާރާތުން އެފަދަ މާނައެއް ދޭހަވާ ގޮތަށް ވާހަކަދެއްކުންވެސް ހިމެނެއެވެ.

ކީރިތި ޤުރްއާނުގެ ދަލީލު:

ޤަޒުފުކުރާ މީހުންނަށް ދުނިޔެއާއި އާޚިރަތުގައި ހުރި ގަދަފަދަ ޢަޛާބުގެ ވާހަކަ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވެއެވެ. ސޫރަތުއް ނޫރުގެ 4 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. ﴿وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ فَاجْلِدُوهُمْ ثَمَانِينَ جَلْدَةً وَلَا تَقْبَلُوا لَهُمْ شَهَادَةً أَبَدًا ۚ وَأُولَٰئِكَ هُمُ الْفَاسِقُونَ﴾ މާނައީ: "عفّة ތެރި އަންހެނުންނަށް قذف ކުރާމީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ، އެއުރެންގެގައިގައި އަށްޑިހަ އެތިފަހަރުން (حد) ޖަހާށެވެ! އަދި ދުވަހަކުވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން قبول ނުކުރާށެވެ! އަދި އެއުރެންނީ، ހަމަ، فاسق ންނެވެ."

ނަބަވީ ސުންނަތުގެ ދަލީލު:

ކައު އިތުރު ރަސޫލާ صلى الله عليه وسلم ވަނީ ޤަޒުފަކީ ހަލާކުކުރަނިވި ހަތް ފާފަ (الموبقات السبع) ގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ބަޔާންކުރައްވާފައެވެ. ޙަދީޘްފުޅެއްގައިވެއެވެ. "ތިޔަބައިމީހުން ހަލާކުކުރަނިވި ހަތް ފާފައަކުން ދުރުހެލިވާށެވެ." އެ ފާފަތައް ބަޔާންކުރައްވަމުން "އިއްފަތްތެރި، މުއުމިން، ޣާފިލު (ފާފައެއްގެ ޚިޔާލެއްވެސް ނެތް) އަންހެނުންނަށް ޒިނޭގެ ތުހުމަތުކުރުން" ހިމެނުއްވިއެވެ.

ފިޤުހު ޢިލްމުވެރިންގެ ބަސްފުޅު:

ފިޤުހު ޢިލްމުވެރިން އިޖުމާޢުވެވަޑައިގަންނަވާ ގޮތުގައި ޤަޒުފަކީ ކަނޑައެޅިގެންވާ ޙައްދެއް ކަނޑައެޅިފައިވާ ބޮޑު ފާފައެކެވެ. ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ޤަޒުފުގެ ޙައްދު ޤާއިމުކުރުމަށްޓަކައި ބައެއް ޝަރުޠުތައް ފުރިހަމަވާން ޖެހެ އެވެ.

1. ތުހުމަތު ކުރެވޭ މީހާއަކީ މުސްލިމަކު ކަމުގައިވުމާއި، ބާލިޣުވެފައިވާ، ބުއްދިސަލާމަތުން ހުރި އިއްފަތްތެރިއަކަށް ވުން.
2. ތުހުމަތުކުރާ މީހާއަކީ ބާލިޣުވެފައިވާ ބުއްދިސަލާމަތުން ހުރި މީހަކަށްވުން.
3. ކުރެވޭ ތުހުމަތަކީ ސީދާ ޒިނޭގެ ތުހުމަތަށްވުން.

ކަމުގެ ޙުކުމް:

ޤަޒުފުކުރުމަކީ އިސްލާމީ ޝަރީޢަތުގައި ޙަރާމްކުރައްވާފައިވާ ބޮޑު ފާފައެކެވެ.

މިކަން ސާބިތުވެއްޖެ މީހެއްގެ މައްޗަށް ދުނިޔޭގައި އޮތް ޙުކުމަކީ:

1. އަށްޑިހަ އެތިފަހަރުން ޖެހުން.
2. އެމީހެއްގެ ހެކިބަހަކީ އެއްވެސް ޙާލެއްގައި ޤަބޫލުކުރެވޭނެ އެއްޗެއް ކަމުގައި ނުވުން.
3. އެމީހަކީ ފާސިޤެއްގެ ގޮތުގައި ކަނޑައެޅުން.

މީގެ އިތުރުން، އާޚިރަތް ދުވަހު އެމީހަކަށް ގަދަފަދަ ޢަޛާބު ހުރިކަން ޤުރްއާނުގެ އާޔަތްތަކުން އެނގެއެވެ. އެހެންކަމުން، މީސްމީހުންގެ އަބުރާ ބެހުމާއި، ހެއްކެއް ނެތި މީހުންގެ ބޮލުގައި އިއްފަތްތެރިކަމާ ގުޅޭ ތުހުމަތުތައް އެޅުވުމުން ދުރުހެލިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެކެވެ.

ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.