Last Updated: July 11, 11:17
Saturday, July 11, 2026
ރިޕޯޓް

ޢިލްމެއް ނެތި ދީނީ ކަންކަމަށް ބަސްބުނުމުގެ ނުރައްކާ!

އިސްލާމް ދީނަކީ ޢިލްމާއި އުނގެނުމުގެ ދީނެވެ. މި ދީނުގައި ކޮންމެ ކަމެއްވެސް ބިނާވެގެން ވަނީ ވަޙީގެ އަލީގަ އެވެ. ނަމަވެސް، މިއަދުގެ މުޖުތަމަޢުގައި ފެންނަމުންދާ އެންމެ ހިތާމަވެރި އެއް ކަމަކީ، ދީނީ ފުން މަޢުލޫމާތު ލިބިފައި ނެތް މީހުން، ދީނުގެ ބޮޑެތި ޙުކުމްތަކާއި މަސްއަލަތަކާ ބެހޭ ގޮތުން އެއްވެސް ޖެހިލުމެއް ނެތި ވާހަކަދައްކައި ފަތުވާ ނެރުމެވެ. މިއީ ދީނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބޮޑެތި ނުރައްކާތަކެއް ހުރި ކަމެކެވެ.

ޢިލްމެއް ނެތި ދީނުގެ ކަންކަމުގައި ވާހަކަދެއްކުމަކީ މާތް الله ނަހީކުރައްވައިފައިވާ ބޮޑުވެގެންވާ ފާފައެކެވެ. ސޫރަތުލް އަޢުރާފްގެ 33 ވަނަ އާޔަތުގައި މާތް الله ވަނީ ޝިރުކުކުރުމަށްވުރެވެސް ބޮޑު ކަމެއްގެ ގޮތުގައި، އެކަލާނގެއާ މެދު އެނގުމެއްނެތި ބަސްބުނުން ބަޔާންކުރައްވާފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ﴿…وَأَن تَقُولُوا۟ عَلَى ٱللَّهِ مَا لَا تَعْلَمُونَ﴾ މާނައީ: "… އަދި ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް، اللَّه އާމެދު ތިޔަބައިމީހުން ބުނުމެވެ."

އަދި ސޫރަތުއް ނަޙްލުގެ 116 ވަނަ އާޔަތުގައި، އަމިއްލަ ނަފްސަށް ފެންނަ ގޮތަށް މިއީ ޙަލާލު އެއްޗެކޭ ނުވަތަ މިއީ ޙަރާމް އެއްޗެކޭ ބުނުމާ މެދު ވަނީ އިންޒާރު ކުރައްވާފައެވެ. ‎﴿وَلَا تَقُولُوا لِمَا تَصِفُ أَلْسِنَتُكُمُ الْكَذِبَ هَٰذَا حَلَالٌ وَهَٰذَا حَرَامٌ لِّتَفْتَرُوا عَلَى اللَّهِ الْكَذِبَ ۚ إِنَّ الَّذِينَ يَفْتَرُونَ عَلَى اللَّهِ الْكَذِبَ لَا يُفْلِحُونَ ‎﴾‏ މާނައީ: "اللَّه އާމެދު، ތިޔަބައިމީހުން ދޮގުހެދުމަށްޓަކައި، ތިޔަބައިމީހުންގެ ދޫތަކުން ދޮގުތައްހަދައި، ސިފަކޮށް އުޅޭކަންތަކަށް، މިއީ حلال ކަމެކޭ، އަދި މިއީ حرام ކަމެކޭ ތިޔަބައިމީހުން ނުބުނާށެވެ! ހަމަކަށަވަރުން، اللَّه އާމެދު، ދޮގުހަދާމީހުން ނުދިނޭހުށްޓެވެ."

ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. (إنَّ اللهَ لا يَقبِضُ العِلمَ انتِزاعًا يَنتَزِعُه مِنَ العِبادِ، ولَكِن يَقبِضُ العِلمَ بقَبضِ العُلَماءِ، حتّى إذا لَم يُبقِ عالِمًا اتَّخَذَ النّاسُ رُؤوسًا جُهّالًا، فسُئِلوا فأفتَوا بغيرِ عِلمٍ، فضَلُّوا وأضَلُّوا.) صحيح البخاري (١٠٠)، أخرجه مسلم (٢٦٧٣) باختلاف يسير) މާނައީ: "ހަމަކަށަވަރުން الله سبحانه وتعالى، އަޅުތަކުންގެ ކިބައިން ޢިލްމު އަތުލައްވާނީ (އެއްފަހަރާ) އެ ޢިލްމު އުފުއްލަވައިގެނެއް ނޫނެވެ. އެހެނެއްކަމަކު، އެކަލާނގެ ޢިލްމު އަތުލައްވާނީ ޢިލްމުވެރިންގެ ފުރާނަ ހިއްޕަވައިގެންނެވެ. އެންމެފަހުން އެއްވެސް ޢިލްމުވެރިއަކު ބާކީ ނުހުންނަ ހިނދު، މީހުން ޖާހިލުންނަކީ އެމީހުންގެ ވެރިން ކަމުގައި ހަދާނެއެވެ. ފަހެ، އެމީހުންނާ ސުވާލު ކުރެވުމުން، އެއްވެސް ޢިލްމަކާ ނުލައި ފަތުވާ ދޭނެއެވެ. ނަތީޖާއެއްގެ ގޮތުން އެމީހުން އަމިއްލައަށް މަގުފުރެދި، އެހެން މީހުންވެސް މަގުފުރައްދާނެއެވެ."

ކުރީގެ ސަލަފުއްޞާލިޙުން ދީނީ ކަންކަމުގައި ފަތުވާ ދެއްވުމަށް އިންތިހާއަށް ބިރުވެތިވެވަޑައިގަންނަވައެވެ. الإمام مالك رحمه اللهގެ އަރިހުން 40 ވަރަކަށް މަސްއަލައާ މެދު ސުވާލުކުރެވުމުން، އޭގެ ތެރެއިން 36 މަސްއަލައަކަށް ވިދާޅުވީ "ތިމަންކަލޭގެފާނަކަށް ނޭނގެއެވެ" މިފަދައިންނެވެ. ޢިލްމުވެރިން ބުނުއްވާ ގޮތުގައި "ނޭނގެއޭ ބުނުމަކީ ޢިލްމުގެ ދެބައިކުޅަ އެއްބައެވެ." ނަމަވެސް މިއަދު ފެންނަނީ މަދު މަޢުލޫމާތުކޮޅެއް ލިބުމާއެކު، އަމިއްލައަށް އިޖުތިހާދުކޮށް ޙުކުމްތައް ނެރެން އުޅޭ މީހުންނެވެ.

މިކަމުގެ ސަބަބުން ލިބޭ ގެއްލުން:

މަގުފުރެދުން: ޢިލްމެއް ނެތި ދީނުގެ ވާހަކަ ދެއްކުމަކީ އަމިއްލަ ނަފްސާއި މުޅި މުޖުތަމަޢު މަގުފުރެދުމަށް ހުޅުވޭ ދޮރެކެވެ.
ބައިބައިވުން: ދީނުގެ އަޞްލުތަކާ ޚިލާފު ވާހަކަތައް ފެތުރުމުގެ ސަބަބުން މީހުންގެ މެދުގައި ފިތުނަ އުފެދި ބައިބައިވުން އުފެދެއެވެ.
ދީނަށް ފުރައްސާރަކުރުން: ނޭނގި ތިބެ ދައްކާ ނުބައި ވާހަކަތަކުގެ ސަބަބުން، ދީނުގެ ދުޝްމަނުންނަށް ދީނަށް ފާޑުކިޔުމުގެ ފުރުޞަތު ލިބިގެންދެއެވެ.
ޙަރާމް ކަންކަން ޙަލާލުވުން: ޢިލްމީ އަސާސެއް ނެތި ދައްކާ ވާހަކައިން، الله ޙަރާމްކުރެއްވި ކަންކަމަކީ ހުއްދަ ކަންކަން ކަމުގައި މީހުންނަށް ހީވެދާނެ އެވެ.

ދީނީ ކަންކަމުގައި ބަސްބުނުމަކީ ކޮންމެ ކޮންމެ މީހަކަށް އޮތް ފުރުޞަތެއް ނޫނެވެ. އެއީ އެކަމަށް ކިޔަވައިގެން ތިއްބެވި ޢިލްމުވެރިންގެ މަސައްކަތެކެވެ. އަޅުގަނޑުމެން ކޮންމެ މީހަކީވެސް ތިމާ ދައްކާ ވާހަކައަކަށް ޤިޔާމަތް ދުވަހު ސުވާލު ކުރެވޭނެ މީހެއްކަން ހަނދާން ކުރަން ޖެހެ އެވެ.

އެހެންކަމުން، ދީނުގެ ކަމެއް ނޭނގޭ ނަމަ، "ފަހެ، ތިޔަބައިމީހުންނަށް ނޭނގޭ ނަމަ ޢިލްމުވެރިންނާ ސުވާލު ކުރާށެވެ" މި އިލާހީ އަމުރުފުޅަށް ތަބާވުން ހުއްޓެވެ. ދީނުގެ ނަމުގައި ދޮގު މަޢުލޫމާތު ފެތުރުމުން ދުރުހެލިވެ، ޢިލްމުވެރިންގެ އިރުޝާދުގެ ދަށުން ދީން އުނގެނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެކެވެ.

ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.