ރައީސް ޑރ. މުހައްމަދު މުއިއްޒު ކައިވެނީގެ ބޭރުން ގުޅުން ހިންގި ކަމަށް ތުހުމަތުކޮށް 'އަދަދު' ނޫހުން ހެދި ޑޮކިއުމެންޓްރީގެ މައްސަލައިގައި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ މިއަދު ފުލުހަށް ހާޒިރުކޮށްފި އެވެ.
ފުލުހަށް ހާޒިރުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ފިޔާޒު ވިދާޅުވީ، ރައްޔިތުންނާއި ވިސްލްބްލޯ ކުރާ ފަރާތްތަކުން މައުލޫމާތު ދެނީ ވަރަށް ބޮޑު އިތުބާރަކާ އެކު ކަމަށާއި އެހެންކަމުން، އެ މައުލޫމާތުތަކާއި މަސްދަރުތައް ރައްކާތެރިކަމާއެކު ބަލަހައްޓާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
"އަޅުގަނޑުމެން އުމުރުދުވަހު ޖަލުގައި އޮންނާން ޖެހުނަސް އަޅުގަނޑުމެން ހިމާޔަތްކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެން ދެން،" ފިޔާޒު ވިދާޅުވި އެވެ.
ފިޔާޒު ވިދާޅުވީ، މި ކަމަކީ ހަމައެކަނި އަދަދު ނޫހަށް ބިރު ދެއްކުމަށް ކުރާ ކަމެއް ނޫން ކަމަށާއި މިއީ ހުރިހާ ނޫސްވެރިންނަށާއި ނޫސްވެރިކަމުގެ މަސައްކަތުގެ ބޭރުން ސަރުކާރުގައި ހިޔާނާތާއި ވައްކަމުގެ ވާހަކަތައް ރިޕޯޓު ފަރާތްތަކަށް ވެސް ބިރު ދެއްކުމަށް ކުރާ ކަމެއް ކަމަށެވެ.
މި މައްސަލައިގައި ފުލުހުން ވަނީ އަދަދު ނޫހުގެ ސީއީއޯ ފިޔާޒުގެ އިތުރުން އެޑިޓަރު ހަސަން މުހައްމަދު ވެސް ތަހުގީގަށް ހާޒިރުކޮށްފަ އެވެ. އެގޮތުން އެ ދެ ފަރާތަށް ފަސް ޖިނާއީ ތުހުމަތެއް ކުރެ އެވެ. އެއީ:
– މީހަކު ކުރާ އަމަލަކަށް އެހެން މީހާކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާގެ ކުށް – ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާ
– މީހަކު ކުރާ އަމަލަކަށް އެހެން މީހާކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާގެ ކުށް – ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާގެ ހ. ގެ ދެވަނަ ނަންބަރުގެ ދަށުން
– ގަޛްފުގެ ކުށް – ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާ
– ކުށެއް ކުރުމަށް އެދުން – ގާނޫނުލްއުގޫބާތުގެ 81 ވަނަ މާއްދާ
– ކުށެއް ކުރުމަށް ރޭވުން – ގާނޫނުލްއުގޫބާތުގެ 82 ވަނަ މާއްދާ