އައްޑޫ ސިޓީ ހިތަދޫ އުތުރަކީ ޕީއެންސީއަށް ތާއީދު ބޮޑު ދާއިރާއެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޕްރައިމަރީ ކާމިޔާބު ކުރި އެދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން މިއަދު ވަނީ ކުރިއަށް އޮތް ބައި-އިލެކްޝަންގައި ވާދަނުކުރަން ނިންމިކަން އިއުލާންކޮށްފަ އެވެ. އެއާއެކު ޕީއެންސީގެ ޓިކެޓް މިހާރު ދީފައިވަނީ ސިނާންއާ ވާދަކޮށް ޕްރައިމަރީން ބަލިވި އަހުމަދު ސައީދު (ސޮޑާ) އަށެވެ.
ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ ހިތަދޫ އުތުރު ދާއިރާއަކީ ޕީއެންސީގެ ވަރަށް ވަރުގަދަ ދާއިރާއެއް ކަމަށާއި އެގޮތުން 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވިއިރު، ޕީއެންސީ ފިކުރުގެ ވަރަަށް ގިނަ އިތުރު ބޭފުޅުން އެ ދާއިރާގެ އިންތިހާބުގައި ވާދަކުރައްވާ އެކަށީގެންވާ އަދަދަކަށް ވޯޓު ހޯދި ކަމަށެވެ.
"ހިތަދޫ އުތުރު ދާއިރާއަކީ ސަރުކާރަށް ތާއީދުކުރާ ނޫނީ ޕީއެންސީއަށް ވަރަށް ބޮޑު ތާއީދެއް އޮތް ދާއިރާއެއް،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ އާ ކެންޑިޑޭޓާއެކު މި ގޮނޑި ކާމިޔާބު ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި ވަކި ތާވަލެއްގެ ތެރެއިން އެ ދާއިރާއަށް ދަތުރުތައް ވެސް ފަށާނެ ކަމަށެވެ. ނަމަވެސް ކުރީ ސަރުކާރާއި ތަފާތުކޮށް، ބައި އިލެކްޝަނެއް އޮތޭ ކިޔާފައި އެ ދާއިރާއަށް ސަރުކާރު ބަންޑުންޖަހާނުލާނެ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.
އެހެންނަމަވެސް އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ސިޔާސީ ގޮތުން ޕާޓީން ކުރަންޖެހޭ ހުރިހާ މަސއްކަތްތަކެއް އެ ޕާޓީން ކުރަމުންދާނެ ކަމުގެ ޔަގީންކަން ޝިޔާމު ދެއްވި އެވެ.
ހިތަދޫ އުތުރު ދާއިރާއަށް ކުރިމަތިލާން މިހާތަނަށް ފޯމު ހުށަހަޅާފައިވަނީ އެމްޑީޕީގެ ފަރާތުން އެދާއިރާއަށް ވާދަކުރައްވާ އައްޑޫގެ ކުރީގެ މޭޔަރ އަބްދުالله ސޯދިގު (ސޯބެ) އެވެ.