އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ފޯމު ހުށަހަޅުއްވައިފި އެވެ.
ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާން ފޯމު ހުށަހެޅުއްވިކަން މީކާއިލް ހާމަކުރެއްވީ އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި "އިތުބާރު ހަރުގެ ޖަލްސާ" ގަ އެވެ.
"މިއަދު އަޅުގަނޑުމެން ވާނީ އަޅުގަނޑުމެންގެ އިތުބާރު ކެމްޕޭން، އެމްޑީޕީގެ ޗެއާޕާސަން މަގާމަށް އަޅުގަނޑުމެން ބޭނުންވާ ތަސައްވަރު، މި ޕާޓީއަށް ގެންނަން އަޅުގަނޑުމެން މި ކުރި މަސައްކަތުގެ އެންމެ ފުރަތަމަ މަރުހަލާ ފޯމް ހުށަހެޅުމުގެ މަރުހަލާ މިއަދު ވާނީ ފުރިހަމަ ކޮށްފައި." މީކާއީލް ވިދާޅުވި އެވެ.
"ހަލުވި ދުވެލީގައި ދުވެލާފައި ގޮސް އަޅުގަނޑުމެންގެ ޕާޓީގެ އޮފީހަށް އެ ފޯމް ވާނީ ހުށަހަޅާފައި،"
އެމްޑީޕީ ޗެއާޕާސަންގެ މަގާމަށް ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ މެއި މަހުގެ 2 ވަނަ ދުވަހުގެ 14:00 އަށެވެ. އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ.
ޗެއާޕާސަން ކަމަށް މީކާއިލްގެ އިތުރުން ދެން ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އެވެ.