Last Updated: May 17, 00:08
Thursday, May 16, 2024
ރިޕޯޓް

ކޯޓުތައް ސިޔާސީވެ ރައްޔިތުން ހަނާ ވަނީ!

ނިމިގެން މިދިޔަ ހަފްތާގައި އެންމެ ބާރު އަޑަކަށް ނޫސްތަކުން އިވުނީ ކުރިމިނަލް ކޯޓުގެ ގާޒީ ބާރީ އެތަން ހިންގުމަށް ހަވާލުވެ އެކޯޓުގެ ގާޒީންނަށް އެންގި އެންގުމެއްގެ ވާހަކައެވެ. މައްސަލަ ނިންމުމުގެ ކުރިން "މަޝްވަރާ ކުރުމަށެވެ".

މިނިވަން މުސްތަގިއްލު ކަމާއެކު މައްސަލަ ނިންމަންޖެހޭއިރު ގާޒީ ބާރީގެ ނިންމުގެ ސަބަބުން ހުކުމްތަކަށް އަސަރުކުރާނެ ކަަމަށް ބެލެވެއެވެ. އެއްވެސް މައްސަލައެއް ނިންމުމުގައި އެއްވެސް މީހެއްގެ ލަފައެއް ރައުޔެއް ހޯދަން ނުޖެހޭނެއެވެ. އެހެންނަމަވެސް މިއަދު ގައުމުގެ ހާލަތު ވިސްނަވާށެވެ.

މިއަދު ހަލާކުގެ ތެރެއަށް ވެއްޓިފައިވަނީ ބާރީއާއި ކުރިމިނަލް ކޯޓު އެކަންޏެއްނޫނެވެ. ގާނޫނީ ވަކީލުންނާއި ގާނޫނީ މީހުން ބުނާގޮތުގައި ހުރިހާ ކޯޓެއްގެ ހާލަކީވެސް އެއީއެވެ. ބައެއް ކޯޓުތަކުގައި ގާޒީން މައްސަލަ ނިންމަންވީގޮތް އެކޯޓެއްގެ އިސްގާޒީ ނުވަތަ ހިންގާ ގާޒީ ދަނީ ބުނެ އަނގަމުންނެވެ.

އެއްވެސް ހާލެއްގައި ސަރުކާރުގެ ސިޔާސީ ފަރާތްތަކާ ސަރުކާރުގެ މަޖިލިސް މެންބަރުންނާއި އަދި އެމީހުންނަށް ވާގިދޭ އަދި ފައިސާ ދޭ ވިޔަފާރިވެރިންގެ މައްޗަށް ދައުވާ ކުރެވޭ މަދަނީ/އާއިލީ އަދި ޖިނާއީ މައްސަލަތައް ފަސޭހަގޮތަކަށް ހިންގައިނުލެވޭކަމަށް ވެއެވެ.

އެފަދަ މައްސަލަތައް ހިންގުމުގައި ކޯޓުތަކުގައި އިސްގާޒީން ދަނީ ގާޒީންނަށް ފިއްތުން ކުރިމަތި ކުރަމުންނެވެ. އަދި މިދެންނެވި ފަދަ ފަރާތްތަކަށް އެއްވެސް ފައިސާއެއް ހައްގެއް ލިބޭ ގޮތަށް އޮންނަ މައްސަލައެއް ނަމަ އެމައްސަލަ ވައިރޯޅިއެއްހާ އަވަހަށް ދަނީ ނިންމަމުންނެވެ. ނުވަތަ ނިންމުމަށް ދަނީ ބާރުއަޅައި އުނދަގޫ ކުރަމުންނެވެ. އެކަން މައްސަލަތައް ހިނގާ ގޮތުން ވަރަށް ސާފުކޮށް އެނގޭކަމަށް ވަކީލުން ތުހުމަތު ކުރެއެވެ. އަދި އެކަންކަން ކޮންމެ ދުވަހަކު ދެކެމުންދާކަމަށް އެމީހުން ބުނެއެވެ.

މިހާރު ކޯޓުތައް ތަރުތީބު ކޮށްފައިވަނީ އުއްތަމަ ފަނޑިޔާރާއި އެކޯޓުގައި ތިބި ބާރުގަދަ ފަނޑިޔާރުންނާއި، ޖުޑީޝަލް ކަމިޝަނުގައި ތިބި މީހުންނަށް ކޯޓުތަކަށް އަތް ބޭނޭ ގޮތަށެވެ. އެކަން އެދަނީ ރޯމާ ދުވާލުގައި ހިންގަމުންނެވެ. އެމީހުން ބުނާ ގޮތް ނަހަދާ ގާޒީން އެދަނީ ވަކިކޮށް ސަސްޕެންޑް ކުރަމުންނެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންއާއި ސުޕްރީމް ކޯޓުގެ ބާރުވެރި ފަރާތްތަކުން ފަނޑިޔާރުންނާއި އިސް ގާޒީންނާއި ހިންގާ ގާޒީއިންނަށް ތަފާތު ރިކުއެސްޓް ކުރާއިރު އެއިން އެއްވެސް މީހަކު އެއިން ކަމަކަށް އިންކާރެއް ކުރާހެން ހީނުވެއެވެ.

ފެންނަނީ ހަމަ ވިދާޅުވިގޮތެއް ހަދާ ތަނެވެ. މިއިން މީހެއްގެ މައްސަލައެއް ބެލޭނެ ތަނެއް ނެތެވެ. އެކަމަކު އަދި ދިވެހިރައްޔިތުން އިންސާފު ހޯދާނެއެވެ. މިގައުމުގައިތިބި ކޮރަޕްޓް ފަނޑިޔާރުން ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅައި ވަކި ކުރާނެއެވެ. އެކަމަށް ބޭނުންވަނީ ތިބޭފުޅުންގެ ދުޢާއެވެ. މިގައުމުގެ ފަރުދުންނަށް އިންސާފު ލިބުމަށާއި، އަދި ކަރަޕްޓް ނުބައި ނުލަފާ ގާޒީން ގެ ކިބައިން ރައްޔިތުންނާއި ގައުމު ސަލާމަތް ކުރުމަށް ތިބޭފުޅުން ދުޢާ ކުރައްވާށެވެ.

މިހާރު ކުރިމިނަލް ކޯޓަށް ގެނެސްފައިވާ ބަދަލަށް ބަލާއިރު އެކޯޓުގައި ތިބި އިންސާފުވެރި ފަނޑިޔާރުން ކަމުގައި ބެލެވޭ ފަނޑިޔާރުންކުރެ ދެފަނޑިޔާރަކު އެވަނީ ކައިވެނި/ވަރީގެ މައްސަލަބަލަން ޑީމޯޓު ކޮށްލާފަައެވެ. ބުނެވޭގޮތުގައި މިފަޑިޔާރުން ކޯޓު ބަދަލު ކުރުމަށް އެދުމާއެކު އެކަންވަނީ ނިިމިފައެވެ.

ވާނީ އެހެންތާއެވެ! އެމީހުން ތިބީމާ ބޭނުން ޖަރީމާތަކެއް ހިންގުމަށް އެތައް ހުރަހެއް އެޅޭނެތާއެވެ. މިއާއި ހިލާފަށް، ދާދި ފަހުން މެޖިސްޓްރޭޓަކު ވަަނީ އާދޭސް ކޮށްގެންވެސް ކޯޓު ބަދަލުކޮށް ނުދީގެން މަގާމުން ވަކިވެފައެވެ. އެއީ ޝަރީއާ އެންޑް ލޯއިން ފަސްޓް ޑިގްރީ އޮންނަ ބޭފުޅެކެވެ.

އެކަމަކު ފަސްޓް ޑިގްރީ އޮންނަ މީހަކަށްވުރެ ސެޓްފިކެޓް ލެވެލްގެ ބޭފުޅުންވެސް ކަމިޝަނަށް ރަނގަޅެވެ. ހުޅުމާލޭ ކޯޓަކީ މިހާރުވެސް ތިން މެޖިސްޓްރޭޓުން ތިބޭ ތަނެކެވެ. އެތަނުގައިތިބީ ޖުޑީޝަރީގެ އިސްވެރިން ވަރަށް ރުހޭ ބަޔަކަށްވާތީ، އެމީހުންނަށް ލިބޭ ފުރުސަތު ހަމަ ބޮޑީއެވެ.

ސިވިލް ކޯޓަށް ބެލި ނަމަވެސް އެކޯޓު ވެސް އެވަނީ އިމުން ލުހެލާފައެވެ. އަވަހަށް މައްސަލަ ނިންމާ މޮޅު ގާޒީން ތިބީ ޑިސްޕިއުޓް ސެކްޝަނަށް ލާފައެވެ. ކޯޓުގައި ތިބި އަންހެން ހުރިހާ ގާޒީން ވަނީ ކޯޓުން ބޭރުކޮށްފަކަމަށް މޭގައި އަތް ޖަހާފައި އެދަނީ ބުނަމުންނެވެ.

މުޅި ކޯޓުގެ ހުރިހާ ޑިވިޝަނެއް އެދަނީ ސަރުކާރުންނާ ސްޕްރީމް ކޯޓުގެ ބާރުގަދަ ގާޒީންނާ ޖުޑީޝަލް ކަމިޝަނުން އިސްގާޒީ ލައްވާ ކޮންޓްރޯލް ކުރަމުންނެވެ. މައްސަލަތަކަށް ހުރަސްއަޅަމުންނެވެ.

ފެމެލީ ކޯޓު އެވަނީ މިހާރު ކޮންޓްރޯލްގެ ދަށަށް ގެނެސް އަަރުވާލާ ދެވަނަ ތަނަކަށް ހަދާފައެވެ. ފުރަތަމަ އަރުވާލަން ފެށީ ކުޑަކުދިންގެ ކޯޓަށެވެ. އެތަނުގައި މީހަކަށް ލިބޭނީ ގިނަވެގެން އަހަރަކު 30 ވަރަށް މައްސަލަ ނަމަވެސް އެއީ އަރުވާލެވޭ ޖާގައެކެވެ. މިހާރު އަރުވާލެވޭ ގާޒީންގެ ޖަގަހައަކަށް ފެމެލީ ކޯޓު ވެފައިވާ ސަބަބުތައް އެހުރީ ސާފުކޮށް ދިމާއަށް ފެންނާށެވެ.

މިއީ މިގައުމުގެ ދަށު މަރުހަލާގެ ކޯޓުތަކުގެ ހާލަތެވެ. ވިސްނާށެވެ. މިގޮތް ބޭނުންވާނީ ކާކު ހެއްޔެވެ؟ އެެއްވެސް މީހަކަށް ނުހައްގުން ތިމާގެ ފައިސާ ލިބިދިނުމަށް އެދެމު ހެއްޔެވެ؟

އެއްވެސް މީހަކު ހައްގަކާ ނުލައި ޖަލުގައި 10-12 އަހަރު ހޭދަކުރަން ރުހޭ ހެއްޔެވެ؟ އެއްވެސް ކަހަލަ އަދުލުވެރިކަމެއްނެތެވެ. ހަމަ ހަމަކަމެއް ނެތެވެ. މިއެންމެނަށް ގާނޫނުގައި ބުނާ އެންމެ ބޮޑު އަދަބު ދިވެހިރާއްޖޭގައި އުފެދޭ މިނިވަން ކޯޓުތަކުން ދޭނެއެވެ. މުޅި ގައުމު ފަނާ ވެފައިވަނީ އަދުލު އިންސާފު ނެތުމުންނެވެ.