Last Updated: July 12, 22:47
Sunday, July 12, 2026
ޚަބަރު

ރައީސްގެ ލަންކާ ދަތުރު މެއި 3 ގައި

ސްރީ ލަންކާ އަށް ރައީސް ޑރ. މުހައްމަދު ކުރައްވާ ރަސްމީ ދަތުރުގައި ފުރާވަޑައިގަންނަވާނީ އަންނަ މަހުގެ 3 ގައި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

އެތަނުން ބުނީ އަންނަ މަހުގެ 3-6 އަށް ކުރައްވާ މި ދަތުރަކީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ.

މި ދަތުރުގައި އެ ގައުމުގެ އިސް މަސްއޫލުވެރީންނާ ބައްދަލު ކުރައްވުމުގެ އިތުރުން ރާއްޖެ އާއި ލަންކާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން އެ ޤައުމުގެ ރައީސާއެކު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވެ އެވެ. އަދި ދެ ލީޑަރުންގެ ހާޒިރުގައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުންބަދަހި ކުރުމުގެ އެއްބަސްވުންތައް ބަދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ރައީސްގެ ލަންކާ ދަތުރުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން ކެބިނެޓުގެ ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ލަންކާގެ ރައީސް ވެސް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާއްޖެ އަށް ރަސްމީ ދަތުރެއް ކުރެއްވި އެވެ.