ރާއްޖެ އަށް ބޭސް އެތެރެ ކުރަން ހާއްސަކޮށްގެން މި ސަރުކާރުން އުފެއްދި ކުންފުނި، ސްޓޭޓް ފާމަސޫޓިކަލްސް އިން މި އަހަރުގެ މެދުތެރޭގައި ބޭސް އެތެރެ ކުރަން ފަށާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެެވެ.
ރައީސް އޮފީހުގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޭނަ ވިދާޅުވީ، ބޭސް އެތެރެކުރަން ސްޓޭޓް ފާމަސޫޓިކަލްސްއާ ހަވާލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެހެންވެ އަަހަރުގެ މެދުތެރޭގައި އެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރެވޭނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ، ރާއްޖެއިން ބޭސް ލިބުން ދަތިވާ މައްސަލައަށް މިހާރުން މިހާރަަށް ގެންނަން ޖެހޭ ބަދަލުތައް ވެސް ގެންނަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ވެސް ޢަމަލުކުރަމުންދާ ގޮތަށް ރާއްޖެއިން ނުލިބޭ ބޭސްތައް އައިޖީއެމްއެޗުގައި ހުރި ފާމަސީއަށް ގެނައުމުގެ މަސައްކަތް ސްޓޭޓް ފާމަސޫޓިކަލްސްއިން ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި ބޭސް ސިޓީ ލިބޭތާ 14 ދުވަހުގެ ތެރޭގައި ބޭސް ލިބޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ، މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވެސް ބޭސް ކުންފުނީގެ ފާމަސީތައް ހުންނާނެ ކަމަށެވެ. އެ ޕާމަސީތަކަކީ މިހާތަނަށް އެސްޓީއޯ އިން ހިންގަމުން އައި ފާމަސީތަކެވެ. އެ ފާމަސީތައް ބޭސް ކުންފުނީގެ ދަށަށް ބަދަލު ކުރުނުގެ މަސައްކަތް ފެށީ މި އަހަރުގެ ޖެނުއަަރީ މަހުގެ ތެރޭގަ އެވެ.
ޒަމީރު ވިދާޅުވީ ބޭސް ކުންފުނިން ބޭސް އެތެރެ ކުރަން ފެށުމުން ބޭސް ލިބުމުގައި ހުރި ދަތިތައް ޙައްލު ވާނެ ކަމަށެވެ.
ރައްޔިތުންނަށް ބޭސް ލިބުމުގައި ހުރި ދަތިތައް ޙައްލު ކުރުމުގެ ގޮތުން ސްޓޭޓް ފާމަސޫޓިކަލްސް އިން ވަނީ، ހޮޓްލައިން ނަންބަރެއް ވެސް ތަޢާރަފް ކޮށްފަ އެވެ. އެއީ، 1505 އެވެ.
ސްޓޭޓް ފާމަސޫޓިކަލްސްގެ މެނޭޖިން ޑިރެކްޓަރަކީ ޑރ. ޝާހު މާހިރެވެ. އެ ކުންފުނި އުފެއްދީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ގަ އެވެ.