Last Updated: July 12, 22:47
Sunday, July 12, 2026
ޚަބަރު

އިހްސާނަށް އެމްޑީޕީގެ މެންބަރުން ވޯޓް ދިނުމުން ޝުޖާގެ ތައުރީފު!

ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނަށް ރުހުން އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ނެގި ވޯޓްގައި އިދިކޮޅު އެމްޑީޕީގެ މެންބަރުންތަކެއް ވޯޓް ދެއްވުމާ ގުޅިގެން މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް، ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު އެ މެންނަބަރުންނަށް ތައުރީފު ކުރައްވައިފި އެވެ.

މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ 12 ގެ ތެރެއިން 8 މެންބަރަކުު އިހްސާނަށް ރުހުން އޮތް ކަމަށް ވޯޓް ދެއްވި އެވެ.

އޭގެ ތެރޭގައި ހިމެނެނީ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޝަމްހީދާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އާއި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އާއި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރާއި ތޮއްޑޫ ދާއިރާގެ މެމްބަރު ހުސެއިން ސަމީރާއި ކެޔޮދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިއުޝާދާއި މާވަށު ދާއިރާގެ މެމްބަރު އަހުމަދު ޝާކިރުގެ އިތުރުން މަރަދޫ ދާއިރާގެ މެމްބަރު އަހުމަދުދީދީ އެވެ.

އެ މެންބަރުން އިހްސާނަށް ރުހުން އޮތް ކަމަށް ވޯޓް ދެއްވުމުން ޝުޖާއު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ މަސައްކަތުގައި އެ ކޮލިޓީ ހުންނަން ވާނެ ކަމަށެވެ. އަދި އެމްޑީޕީގެ ޕީޖީ ގްރޫޕަށް ޝުކުރު އަދާކުރައްވައި އޭނަ ވިދާޅުވީ
އިޚްސާނަށް ތާއީދުކޮށް އެމްޑީޕީގެ މެންބަރުން ވޯޓް ދެއްވުމުން ދިވެހި ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް އެ މުއައްސަސާ އަށް ރައްޔިތުންގެ އިތުބާރު ހޯދައި ދިނުމަށާއި ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް ރައީސް ޑރ، މުހައްމަދު މުއިއްޒު
ކުރައްވަމުން ގެންދަވާ މަސައްކަތަށް އިދިކޮޅުގެ ތާއީދު އޮތްކަން ވެސް ހާމަވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިފަދަ ހެޔޮވިސްނުން ގެ މަޖިލިސް މެމްބަރުންގެ ވިސްނުންފުޅަށް އައުމަކީ ސިޔާސީ ހަމަޖެހުމަށް ކޮންމެހެން މުހިންމު ކަމެއް." ޝުޖާއު ވިދާޅުވި އެވެ.

އެމްޑީޕީގެ ގިނަ މެންބަރުންތަކެއް އިހްސާނަށް ވޯޓް ދެއްވި އިރު، އޭނަ އަކީ އެ ޕާޓީގެ ފަރާތުން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒު އެއް މިނިސްޓަރުކަން ފާހަގަކޮށްލެވެ އެވެ.