Last Updated: July 11, 13:48
Saturday, July 11, 2026
ދުނިޔެ

ބެއިޖިންގައި ޑްރޯން ވިއްކުން މަނާ ވަނީ

ޗައިނާގެ ވެރިރަށް، ބެއިޖިންގައި ޑްރޯން ވިއްކުން މަނާކުރަން ނިންމައިފި އެވެ.

ޑްރޯން ބޭނުން ކުރުމާ ގުޅޭ އާ ގަވާއިދާއެއް ވެސް އެކުލަވާލާފައިވާ އިރު މާދަމާ އިން ފެށިގެން ޑްރޯނާއި އެއާ ގުޅުން ހުރި ބައިތައް ވިއްކުމާއި ކުއްޔަށް ދޫކުރުމާއި ގަނެގެން ބެއިޖިން އަށް ގެންދިއުން މަނާވާނެ އެވެ.

ޗައިނާ އަކީ ކާނާ އާއި ބޭސް ޑެލިވަރީ ކުރުމާއި ދަނޑުވެރިކަމުގެ މަސައްކަތްތަކުގަ އާއި އުސް އިމާރާތް ފަދަ ތަންތަން ސާފު ކުރުން ފަދަ ކަންކަމުގައި ވަރަށް އާންމުކޮށް ޑްރޯން ބޭނުން ކުރަމުން އަންނަ ގައުމެކެވެ.

ނަމަވެސް ބެއިޖިންގައި ޑްރޯން ވިއްކުން މަނާކުރަން ނިންމީ ސަލާމަތީ ސަބަބުތަކާއި އާންމުންގެ ރައްކާތެރިކަމަށްޓަކައި ކަމަށް ސަރުކާރުން ބުންޏެވެ. އެހެންވެ އާ ގަވައިދުގެ ދަށުން ބެއިޖިންގައި ދެން ޑްރޯން ބޭނުން ކުރެވޭނީ ވެސް އެކަމަށް ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އަދި މިހާރު ބެއިޖިންގައި ޑްރޯން ގެންގުޅޭ މީހުން ފުލުހުންގެ އިދާރާގައި އެ މީހުންގެ ޑިވައިސްތައް ރަޖިސްޓްރީ ކުރަން ލާޒިމުކޮށްފައިވެ އެވެ.

ހަމަމިއާ އެކު ބެއިޖިންގައި ޑްރޯން ބޭނުން ކުރާ ނަމަ އެކަމަށް ކަމާބެހޭ ފަރާތްތަކުން ހުއްދައެއް ހޯދައި، އެކަމަށް ހާއްސަ ޓްރެއިނިން އެއް ފުރިހަމަ ކުރަން ޖެހެ އެވެ. އެ ޓްރެއިނިން އިން ފާސް ނުވާ ފަރާތްތަކަށް ޑްރޯން އުދުއްސުމުގެ ހުއްދައެއް އާ ގަވާއިދުގެ ދަށުން ނުދޭނެ އެވެ.

އާންމު ބޭނުންތަކަށް ބެއިޖިންގައި ޑްރޯން ވިއްކުން މަނާކުރި ނަމަވެސް، އޭގެ މުއާމަލާތް ހިންގޭނެ ހާލަތްތަކެއް އާ ގަވާއިދުގައި ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޓެރަރިޒާ ގުޅުން ހުރި ކަންކަމާއި ކާރިސާ ފަދަ ކުއްލި ހާލަތްތަކެވެ.

ޗައިނާގެ ވެރިރަށުގައި ޑްރޯން ވިއްކުން މަނާކުރަން ނިންމި އިރު، އެ ގައުމަކީ ޑްރޯން އުފައްދާ އެންމެ ބޮޑެތި ކުންފުނިތައް ހިމެނޭ ގައުމެވެ. އެގޮތުން ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޑީޖޭއައި އަކީ ޑްރޯން އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުންޏެވެ.

ޗައިނާގައި ރަޖިސްޓްރީކޮށްފައިވާ ޑްރޯންތަކުގެ އަދަދު މިހާރު ވެސް ތިން މިލިއަނަށް ވުރެ ގިނަ އެވެ.