މިިނިވަން ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ވެއްޓިއްޖެ އެވެ.
ކޮންމެ އަހަރެއްގެ މިނިވަން ނޫސްވެރިކަމުގެ ދުވަސް ކަމަށްވާ މެއި 3 އާ ދިމާކޮށް އާންމުކުރާ 'ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް' ގައި ރާއްޖެ އޮތީ 108 ވަނައިގަ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 4 ދަރަޖަ ދަށް ވަނައެކެވެ.
މި އަހަރު ރާއްޖެ ދަށަށް ދިޔަ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ މިދިޔަ ސަރުކާރުގައި ހެދި ހެއްކާ ބެހޭ ގާނޫނުގައި ނޫސްވެރިންގެ މަސްދަރު ހަމާކުރަން މަޖުބޫރުވާ ގޮތަށް ހިމެނި މާއްދާ، ސަރުކާރު ބަދަލުވެ މި ސަރުކާރުގެ ސުޕަ މެޖޯރިޓީ މަޖިލީހަށް ލިބުނު ފަހުން ވެސް އެ މާއްދާ އިސްލާހު ނުކުރުމާއި ސަރުކާރުގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކުން މީޑިއާތައް ކޮންޓްރޯލްކޮށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ގާނޫނެއް ހެދުމާއި ސަރުކާރުން މީޑިއާތަކަށް ފައިސާ ދޭން ފެށުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދޭ އިޝްތިހާރު މެދުވެރިކޮށް މީޑިއާ އައުލެޓްތަކުގެ މާލީ ބަލިކަށިކަން އޭރެއްގެ އޮންނަ ސަރުކާރުން މީޑިއާތައް ކޮންޓްރޯލްކުރުމުގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުން އައުން މި ސަރުކާރުން ވެސް ހުއްޓާނުލުން ފަދަ ކަންކަމާ ހެދި އެވެ.
މި ފަހުން ރާއްޖެ މިނިވަން ނޫސްވެރިކަމުގެ އިންޑެކްސްގައި އެންމެ ދަށަށް ވެއްޓުނު އަހަރަކީ 2018 އެވެ. އޭރު ރާއްޖެ އޮތީ 120 ގަ އެވެ.