ހޯމް މިނިސްޓަރު އަލީ އިހުސާނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވި އެމްޑީޕީގެ މެންބަރުން މައާފަށް އެދެން ފަށައިފި އެވެެ.
މިނިސްޓަރު އިހުސާނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ޖުމްލަ 70 މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.
މީގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ އަށް މެމްބަރަކު ހިމެނިވަޑައިގަންނަވަ އެވެ. އެ މެމްބަރުންނަކީ ހުޅުމާލެ ދެކުނު ދާއިރާގެ އަޙްމަދު ޝަމްހީދާއި، ގަލޮޅު އުތުރު ދާއިރާގެ މުޙައްމަދު އިބްރާހީމް (ކުޑޫ) އާއި، ހަނިމާދޫ ދާއިރާގެ ޢަބްދުލްޣަފޫރު މޫސާއާއި، ކެންދޫ ދާއިރާގެ މަޢުރޫފް ޛާކިރުގެ އިތުރުން ތޮއްޑޫ ދާއިރާގެ ޙުސައިން ސަމީރާއި، ކެޔޮދޫ ދާއިރާގެ މުޙައްމަދު ނިއުޝާދާއި، މާވަށު ދާއިރާގެ އަޙްމަދު ޝާކިރު އަދި މަރަދޫ ދާއިރާގެ އަޙްމަދުދީދީ އެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ނެގި ވޯޓުގައި މިނިސްޓަރު އިހުސާނަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެކަންޏެވެ.
އިއްޔެ ވޯޓުލީ ގޮތާ މެދު މާފަށް އެދިވަޑައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވީ އިހުސާނަށް ވޯޓު ދިނުމުގައި ވަރަށް ބޮޑު ގޯހެއް ހެދިފައިވާކަން ގަބޫލުކުރައްވާ ކަމަށާއި އެއީ ތާއީދުކުރާތީ ދިން ވޯޓެއް ނޫން ކަމާއި، އެ ވަގުތު އެކަމާމެދު އެންމެ ފުންކޮށް ނުވިސްނައި އަމަލުކުރެވުނީތީ އިހުލާސްތެރިކަމާއެކު މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"މިއީ ބަލައިގަންނަން އުނދަގޫ ކަމެއްކަން ވެސް އަޅުގަނޑު ދަންނަމެވެ. ކުރިޔަށް އޮތް ތަނުގައި މިފަދަ ކަންކަން ތަކުރާރު ނުވާނޭގޮތަށް އަޅުގަނޑުގެ އަމަލުތައް ބަހައްޓާނޭ ކަމުގެ ޔަޤީންކަން އަރުވަމެވެ،" އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވެސް ވަނީ އިހުސާނާއި އިތުރު މަދު ވަޒީރުންތަކަކަށް ވޯޓު ދެވުނީ އޮޅުމަކުން ކަމަށް ވިދާޅުވެ އެކަމުގެ ފުރިހަމަ ޒިންމާ ނަންގަވައި މާފަށް އެދިވަޑައިގެންފަ އެވެ.