Last Updated: July 12, 22:47
Sunday, July 12, 2026
ޚަބަރު

700 ސިޔާސީ ވަޒީފާއަކީ ރިޔާސީ ވައުދެއް ނޫން: މުންދު

ސިޔާސީ މުވައްޒަފުން 700 ގައި ހިފެހެއްޓެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ނޫން ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ތަރުޖަމާނު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް "ޕްރެސަރ ވިތު ދަ ސްޕޮކްސް" ގެ ނަމުގައި ފެށި ސިލްސީ ޕްރޮގްރާމުގެ ފުރަތަމަ ބައްދަލުވުމުގައި ތަރުޖަމާނު ވިދާޅުވީ ސިޔާސީ މުވައްޒަފުން 700 އަށް ވުރެ އިތުރު ނުކުރެއްވުމަކީ އިންތިގާލީ މަރުހަލާގެ ތެރޭގައި ހިފި އަމާޒެއް ކަމަށެވެ.

ސިޔާސީ މުވައްޒަފުންގެ މިހާރުގެ ސީދާ އަދަދު ހާމަނުކުރައްވައި މުންދު ވިދާޅުވީ، އެ އަދަދު މިހާރުވެސް ދަނީ ދުވަހުން ދުވަހަށް ބަދަލުވަމުން ކަމަށެވެ.
މީގެ އިތުރުން، ކޮންމެ އަހަރަކު ވެސް ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށް ހާއްސަ އެސެސްމަންޓެއް ކުރިއަށްގެންދާ ކަމަށާއި، މި އަހަރުގެ އެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.

މި އެސެސްމަންޓްގެ ނަތީޖާއަށް ބަލައި، އެކަށީގެންވާ ނަތީޖާ ނުނެރެވޭ ފަރާތްތައް ވަޒީފާއިން ވަކިކުރުން ނުވަތަ އެހެން ވުޒާރާއަކަށް ބަދަލުކުރުން ފަދަ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިޔާސީ މަގާމުތައް ވެސް މަދުވެގެން ދާނެ، އެއާ އެކުގައި އެސްއޯއީތަކުގެ (ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ) މަގާމުތައް ވެސް މަދުވެގެން ދާނެ. އެހިސާބުން ކަންނޭނގެ އަޅުގަނޑުމެން އަދަދުގެ ވާހަކަ ދައްކަން ވާނީ،" މުންދު ވިދާޅުވި އެވެ.

މުންދު ވަނީ ސިޔާސީ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް އެއްކޮށް ނިމުމުން، އެ މައުލޫމާތު ހޯދަން އާރުޓީއައި (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން) ހުށަހަޅަން ނުޖެހޭނެ ކަމަށާއި، އެ އަދަދުތައް ހުރިހާ ރައްޔިތުންނަށް ވެސް ސާފުކޮށް އެނގެން އޮންނާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.