Last Updated: July 11, 13:48
Saturday, July 11, 2026
ރިޕޯޓް

ހިތަދޫ އުތުރުގެ އުންމީދު؛ ސޯބެ

ރާއްޖޭގެ ސިޔާސީ ތާރީޚަށް ނަޒަރު ހިންގާލާއިރު، ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށާއި އިސްލާހީ މަސައްކަތްތަކުގައި ޢަބުދު ﷲ ސޯދިގް (ސޯބެ) އަކީ ފާހަގަކޮށްލެވޭ ވަރުގަދަ ޝަޚްސިއްޔަތެކެވެ. ރާއްޖެ ކުރި އިސްލާހީ ދަތުރުގެ މުހިންމު ފަޅުވެރިއެއްގެ ގޮތުގައި ހުންނަވައި، އޭނާ ވަނީ ގައުމީ ފެންވަރުގައާއި އަތޮޅު ފެންވަރުގައި ނަމޫނާ ޚިދުމަތްތަކެއް ކުރައްވާފައެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަން އިންތިޚާބުގައި ހިތަދޫ އުތުރު ދާއިރާއަށް ސޯބެ ނުކުމެވަޑައިގަންނަވާއިރު، އެއީ އެ ދާއިރާއަށް އެންމެ އެކަށީގެންވާ، ތަޖުރިބާކާރު ބޭފުޅާ ކަމާމެދު ޝައްކެއް ނެތެވެ.

ސޯބެއަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމަށް އައި ބޮޑު ބަދަލާއެކު، ލާމަރުކަޒީ އުސޫލުން އަތޮޅުތަކާއި ރަށްތައް ހިންގުމަށް މަގުފަހިވެގެން ދިޔައިރު، އައްޑޫ ސިޓީގެ ތަރައްގީއަށް މުހިންމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ޚާއްޞަކޮށް، އަމިއްލަ ޕާޓީގެ ސިޔާސަތުތަކުގައި ސާބިތުވެ ހުންނަވައި، ޕާޓީއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އިޚްލާޞްތެރިއެކެވެ. އޭނާގެ ސިޔާސީ ހަޔާތަކީ ވަފާތެރިކަމާއި، ސާބިތުކަމުގެ ރީތި ނަމޫނާއެކެވެ.

އައްޑޫގެ އިގްތިޞާދީ މައިބަދަ ކަމުގައިވާ ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ދާއިރާއިން ސޯބެ ކުރައްވާފައިވާ މަސައްކަތްތަކަކީ ފާހަގަކޮށްލަންޖެހޭ މުހިންމު ކަންކަމެވެ. އައްޑޫގައި މިހާރު ތަރައްގީ ކުރެވެމުންދާ ޓޫރިޒަމް ޒޯންތަކާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުތަކުގެ އެންމެ އިސް މޭސްތިރިއަކީ ސޯބެއެވެ. އައްޑޫގެ މުސްތަގުބަލު އުޖާލާކުރުމަށްޓަކައި އޭނާ ކުރެއްވި މި ފަރުމާތަކަކީ މިއަދު އަމަލީ ސިފަ އަންނަމުންދާ ކަންކަމެވެ.

މީގެ އިތުރުން، އައްޑޫގެ ފަތުރުވެރިކަން މުޅިން އައު ހަރުފަތަކަށް ގެންދިއުމުގެ ގޮތުން، ހަންކެޑަ ބުރިޖަކުން ވަކިކޮށް، އެއީ ޚާއްޞަ ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ ތަޞައްވުރަކީ ސޯބެގެ ބުރަ މަސައްކަތުގެ ނަތީޖާއެވެ. މިފަދަ ބޮޑެތި މަޝްރޫއުތައް ރާވައި، ހިންގުމުގެ ގާބިލުކަން ހުރި ބޭފުޅަކު ހިތަދޫ އުތުރު ދާއިރާ ތަމްސީލުކުރުމަކީ އެ ދާއިރާގެ ރައްޔިތުންނަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

ހިތަދޫ އުތުރުގެ ތަރައްގީއަށާއި، އައްޑޫގެ އިގްތިޞާދީ ކުރިއެރުމަށް ސޯބެއަކީ މިއަދު މަޖިލީހަށް ނުހަނު ބޭނުންތެރި ބޭފުޅެކެވެ. އޭނާގެ ތަޖުރިބާއާއި، އިސްލާހީ މަސައްކަތުގައި ހުރި ސާބިތުކަމަކީ ދާއިރާގެ ރައްޔިތުންގެ އަޑު އުފުލައި، ހައްގުތައް ހޯދައިދިނުމުގައި ލިބޭނެ އެންމެ ބޮޑު ޔަގީންކަމެވެ. އެހެންކަމުން، ހިތަދޫ އުތުރުގެ ގޮނޑިއަށް ސޯބެ އިންތިޚާބު ކުރުމަކީ މުޅި އައްޑޫގެ ކުރިމަގަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.