އިންސާނާ އުފެދިގެން ވަނީ ހަށިގަނޑާއި ފުރާނައިގެ މައްޗަށެވެ. އެއީ އޭނާގެ ބޭރުފުށާއި އެތެރެފުށެވެ. އިސްލާމީ ރީތި އަޚުލާޤަކީ އިންސާނާގެ އެތެރެފުށުގެ ތަޞްވީރެވެ. އެ ތަޞްވީރުގެ މަރުކަޒަކީ އޭނާގެ ހިތެވެ. މުސްލިމެއްގެ ޝަޚުޞިއްޔަތު ބިނާވެފައިވަނީ މި ބުނެވުނު އެތެރެފުށުގެ ސިފަތަކުގެ މައްޗަށެވެ.
އިންސާނެއްގެ ފެންވަރު ވަޒަންކުރެވެނީ އޭނާގެ އިސްކޮޅާއި ހަށިގަނޑުގެ ސައިޒަކުން ނޫނެވެ. ނުވަތަ އޭނާގެ ކުލަޔާއި ރީތިކަމަކުން، ނުވަތަ ފަޤީރުކަމާއި މުއްސަނދިކަމަކުންވެސް ނުމެނޫންމެއެވެ. އިންސާނާގެ އަގު ވަޒަންކުރެވެނީ އޭނާގެ އަޚުލާޤާއި، އެ އަޚުލާޤު ހާމަކޮށްދޭ އޭނާގެ އަމަލުތަކުންނެވެ.
މިކަމާ ގުޅޭގޮތުން މާތް ﷲ ވަޙީކުރައްވާފައިވެއެވެ: ﴿يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا ۚ إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْ ۚ إِنَّ اللَّهَ عَلِيمٌ خَبِيرٌ ﴾ (سورة الحجرات: 13) މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް غيبة ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ أخ އާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ.."
އަދި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. (إنَّ اللهَ لا يَنظُرُ إلى أجسادِكُم ولا إلى صورِكُم، ولكِن يَنظُرُ إلى قُلوبِكُم وأعمالِكُم) (صحيح مسلم (٢٥٦٤) މާނައީ: "ހަމަކަށަވަރުން ﷲ ތިޔަބައިމީހުންގެ ހަށިތަކަކަށް އަދި ތިޔަބައިމީހުންގެ ސޫރަތަކަކަށް ބައްލަވައިވޮޑިއެއްނުގަންނަވައެވެ. އެހެނެއްކަމަކު އެކަލާނގެ ބައްލަވައިވޮޑިގަންނަވަނީ ތިޔަބައިމީހުންގެ ހިތްތަކަށާއި އަމަލުތަކަށެވެ."
އަދިވެސް އިތުރު އެކަލޭގެފާނު صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. (ليَنتَهِيَنَّ أقوامٌ يَفتَخِرونَ بآبائِهمُ الذينَ ماتوا، إنَّما هم فَحمُ جَهَنَّمَ، أو ليَكونُنَّ أهونَ على اللهِ مِنَ الجُعَلِ الذي يُدَهْدِهُ الخِراءَ بأنفِه، إنَّ اللهَ أذهب عنكم عُبِّـيَّةَ الجاهليَّةِ وفَخْرَها بالآباءِ، إنَّما هو مُؤمِنٌ تَقيٌّ، وفاجِرٌ شَقيٌّ، النَّاسُ بَنو آدَمَ، وآدَمُ خُلِقَ من تُرابٍ) )الألباني، صحيح الترغيب (٢٩٢٢)، أخرجه الترمذي (٣٩٥٥) މާނައީ: "މަރުވެފައިވާ ކާބަފައިންގެ މަތިވެރިކަން ދައްކައި، އެކަމާ ފަޚުރުވެރިވާ މީހުން އެ ޢަމަލު ހުއްޓާލަންޖެހެއެވެ. އެހެނީ، އެފަދަ މީހުންނަކީ ނަރަކައިގެ އަނގުރުތަކެކެވެ. އެކަން އެގޮތަށް ނުކޮށްފިނަމަ، ނޭފަތުން ނަޖިސް ގުޅަވަރު ކޮއްޕާ ކުޑަ ސޫތްޕަށްވުރެވެސް މާތްﷲ ގެ ޙަޟްރަތުގައި އެބައިމީހުން ދަށްވެގެންވެއެވެ. ހަމަކަށަވަރުން، މާތް ﷲ ވަނީ ޖާހިލިއްޔަ ޒަމާނުގެ ކިބުރުވެރިކަމާއި ކާބަފައިންގެ މައްޗަށް އޮތް ފަޚުރުވެރިވުން ނައްތާލައްވައިފައެވެ. މީސްތަކުން ބެހިގެންވަނީ ދެ ބަޔަކަށެވެ. އެއީ ތަޤުވާވެރި މުއުމިނުންނާއި، އަބާއްޖަވެރި ފާޖިރުންނެވެ. ހުރިހާ އިންސާނުންނަކީ އާދަމުގެފާނުގެ ދަރިންނެވެ. އަދި އާދަމުގެފާނު އުފެއްދެވީ މަށީންނެވެ.."
ހަމައެއާއެކު، މީސްތަކުންނަށް ރިތި އަޚުލާޤުން ޒީނަތްތެރިވުމަށް އެކަލޭގެފާނު އަބަދުވެސް އަމުރުކުރެއްވިއެވެ. أبو ذر رضى الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ހަދީޘްކުރެއްވިއެވެ. (اتَّقِ اللهَ حَيثُما كُنتَ، وأتبِعِ السَّيِّئةَ الحَسَنةَ تَمحُها، وخالقِ النَّاسَ بخُلُقٍ حَسَنٍ) (أخرجه الترمذي (١٩٨٧)، وأحمد (٢١٣٩٢) މާނައީ: ކޮންމެ ތަނެއްގައި އަދި ކޮންމެ ޙާލަތެއްގައި ވީނަމަވެސް، މާތްﷲ އަށް ބިރުވެތިވެ ތަޤުވާވެރިވާށެވެ. އަދި ނުބައި އަމަލެއް ކުރެވިއްޖެނަމަ، އެއާ ގުޅިގެން ހެޔޮ އަމަލެއް ކުރާށެވެ. އޭރުން އެ ހެޔޮ އަމަލުގެ ސަބަބުން ކުރިން ކުރެވުނު ނުބައި އަމަލުގެ ފާފަ ފޮހެވިގެންދާނެއެވެ. މީގެއިތުރުން، މީސްތަކުންނާ މުޢާމަލާތްކޮށް އުޅުމުގައި ރިތި އަދަބުތަކާއި ހެޔޮ އަޚުލާޤު އިސްކުރާށެވެ." ވީމާ، ރިތި އަޚުލާޤުގައި ހިފެހެއްޓުމަކީ މާތްﷲ އާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم އަށް ކިޔަމަންތެރިވުމުގެ ތެރެއިންވާ ކަމެކެވެ.
ނޯޓް: މިއީ މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.