Last Updated: July 12, 22:47
Sunday, July 12, 2026
ޚަބަރު

ސަރުކާރު ޖަވާބުދާރީ ނުކުރެވޭ، އެމްޑީޕީން ވެސް ބުނީ ރަނގަޅޭ

ހޯމް މިނިސްޓަރު އަލީ އިހުސާނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ފެންނަ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވޯޓު ދެއްވާފައިވާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ފާޑު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިހުސާނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ޖުމްލަ 70 މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.

މީގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ އަށް މެމްބަރަކު ހިމެނިވަޑައިގަންނަވަ އެވެ. އެ މެމްބަރުންނަކީ ހުޅުމާލެ ދެކުނު ދާއިރާގެ އަޙްމަދު ޝަމްހީދާއި، ގަލޮޅު އުތުރު ދާއިރާގެ މުޙައްމަދު އިބްރާހީމް (ކުޑޫ) އާއި، ހަނިމާދޫ ދާއިރާގެ ޢަބްދުލްޣަފޫރު މޫސާއާއި، ކެންދޫ ދާއިރާގެ މަޢުރޫފް ޛާކިރުގެ އިތުރުން ތޮއްޑޫ ދާއިރާގެ ޙުސައިން ސަމީރާއި، ކެޔޮދޫ ދާއިރާގެ މުޙައްމަދު ނިއުޝާދާއި، މާވަށު ދާއިރާގެ އަޙްމަދު ޝާކިރު އަދި މަރަދޫ ދާއިރާގެ އަޙްމަދުދީދީ އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ނެގި ވޯޓުގައި މިނިސްޓަރު އިހުސާނަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެކަންޏެވެ.

އެކަމާ ގުޅިގެން "ސަންގު ޓީވީ"އަށް 11 އަހަރުފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހަށް މިހާރު ސަރުކާރު ޖަވާބުދާރީ ކުރެވޭ ކަމަކަށް ދެންނެވެން ނެތް ކަމަށް ވިދާޅުވެފަ އެވެ.

"ސަރުކާރު ޖަވާބުދާރީކުރުން ރައްޔިތުންގެ މަޖިލީހުން އެކަން ކުރެވޭ ކަމަކަށް މިހާރު އެއްގޮތަކަށްވެސް ދެކެވޭކަށް ނެތް. ވާދަވެރި ޕާޓީވެސް އެ ބުނީ ވަރަށް ރަނގަޅޭ، ރުހުމޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވައި އެކަންކަމުގެ އަސްލާއި ހަގީގަތް ގެނެސްދޭން ތިބީ ނޫސްވެރިން ކަމަށެވެ. އަދި ހަބަރުތައް ގެނެސްދިނުމުގައި ތެދު ދޮގު ބެލުން ވަރަށް މުހިއްމު ކަމަށާއި ނޫސްވެރިން ކުރާ މަސައްކަތް އަގުވަޒަން ކުރައްވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.