Last Updated: July 12, 22:47
Sunday, July 12, 2026
ޚަބަރު

ސަރުކާރު ބަރާބަރު ކަމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ބުނެފި

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް - ފޮޓޯ: ޕީއެންސީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އަލަށް އައްޔަންކުރެއްވި ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ބުނީ މި ސަރުކާރު "ބަރާބަރު" ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ބ. ކެންދޫއިން ކޮންގްރެސް ޕާޓީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރޭ ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ އެމްޑީޕީގައި މިވަގުތު އެންމެ ބާރުވެރިކޮށް ތިއްބެވީ އެޕާޓީގެ ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ މެންބަރުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނަށް ރުހުން ހޯދުމަށް ނެގުނު ވޯޓަކީ މުހިންމު ވޯޓެއްކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ އެ ވޯޓަކީ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ރުހުން އޮތްތޯ ބެލުމަށް ނެގުނު ވޯޓެއް ކަމަށެވެ.

"އަޅުގަނޑުމެނަށް ފެނިގެން ދިޔައީ އެމްޑީޕީގެ ރައްޔިތުން ތަމްސީލު ކުރައްވަން ތިއްބެވި މެންބަރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރަށް އެ ބޭފުޅުން ވިދާޅުވީ ސަރުކާރު ބަރާބަރޭ. މިއަށް ވުރެ ބޮޑު ސިޔާސީ ވާހަކައެއް އިދިކޮޅުގައި ތިއްބެވި ބޭފުޅުންނަށް މިއަދު ވިދާޅުވެވޭނެތޯ؟ ވިދާޅުވީ މިނިސްޓަރު އިހުސާން ވެސް ބަރާބަރޭ. މިނިސްޓަރު ޒަމީރު އަދި މާ ބަރާބަރޭ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އެމްޑީޕީގެ މަޖިލިސް މެންބަރުން ވަޒީރުންނަށް ރުހުން ދިނުމުގައި ވޯޓުދިން ގޮތުން މިއަދު އެ ޕާޓީން އެ މެންބަރުން "ކުޑަކަކޫ" ޖައްސާފައި ތިބި ކަމަށެވެ. އަދި މިއީ ޑިމޮކްރަޓިކް ޕާޓީއަކުން ކަންކުރަންވާޏެ ގޮތްތޯ ޝިޔާމް ސުވާލު އުފެއްދެވި އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ފެންނަ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވޯޓު ދެއްވާފައިވާތީ، އެ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

މިނިސްޓަރު އިހުސާނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ޖުމްލަ 70 މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.

މީގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ އަށް މެމްބަރަކު ހިމެނިވަޑައިގަންނަވަ އެވެ. އެ މެމްބަރުންނަކީ ހުޅުމާލެ ދެކުނު ދާއިރާގެ އަޙްމަދު ޝަމްހީދާއި، ގަލޮޅު އުތުރު ދާއިރާގެ މުޙައްމަދު އިބްރާހީމް (ކުޑޫ) އާއި، ހަނިމާދޫ ދާއިރާގެ ޢަބްދުލްޣަފޫރު މޫސާއާއި، ކެންދޫ ދާއިރާގެ މަޢުރޫފް ޛާކިރުގެ އިތުރުން ތޮއްޑޫ ދާއިރާގެ ޙުސައިން ސަމީރާއި، ކެޔޮދޫ ދާއިރާގެ މުޙައްމަދު ނިއުޝާދާއި، މާވަށު ދާއިރާގެ އަޙްމަދު ޝާކިރު އަދި މަރަދޫ ދާއިރާގެ އަޙްމަދުދީދީ އެވެ.

އެ ވޯޓުގައި މިނިސްޓަރު އިހުސާނަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެކަންޏެވެ.