Last Updated: July 11, 12:07
Saturday, July 11, 2026
ކުޅިވަރު

ވޯލްޑް ކަޕްގައި އިރާން ކުޅޭނެ: އިންފަންޓީނޯ

މި އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގައި އިރާނުން ކުޅޭނެ ކަމަށް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

އިރާން ވޯލްޑް ކަޕަށް ކޮލިވެފައިވީ ނަމަވެސް އެމެރިކާ އާއި އިޒްރޭލުން އިރާނާއި ދެކޮޅަށް ހަނގުރާމައެއް ފެށުމުން އެ ގައުމުން މިފަހަރުގެ ވޯލްޑް ކަޕްގައި ބައިވެރިވާނެ ކަމާމެދު ސުވާލުތަކެއް އުފެދުނެވެ. އެގޮތުން އިރާނުން ވަނީ އެޓީމުން ކުޅެންޖެހޭ މެޗުތައް އެމެރިކާގެ ބަދަލުގައި މެކްސިކޯ އަށް ބަދަލުކޮށްދިނުމަށް ފީފާގައި އެދިފަ އެވެ. ނަމަވެސް އިރާނުގެ އެ ހުށަހެޅުން ފީފާއިން ބަލައިގެންފައެއް ނުވެ އެވެ.

ކެނެޑާގައި ކުރިއަށްދާ ފީފާގެ 76 ވަނަ ކޮންގްރެސްގައި ވާހަކަދައްކަމުން އިންފަންޓީނޯ ވިދާޅުވީ ވޯލްޑް ކަޕްގައި އިރާނުން ބައިވެރިވާނެ ކަމަށާއި އަދި އެޓީމުން މެޗުތައް ކުޅޭނީ ވެސް އެމެރިކާގައި ކަމަށެވެ. މިކަމުގައި އެންމެން ވެސް އެއްބައިވަންތަ ވާންޖެހޭ ކަމަށާއި އެއީ އެންމެންގެ ވެސް ޒިންމާއެއް ކަމަށް އިންފަންޓީނޯ ވިދާޅުވި އެވެ.

ފީފާގެ ކޮންގްރެސްގައި އިރާނުގެ ފުޓްބޯޅަ އިދާރާގެ އެއްވެސް އޮފިޝަލަކު ބައިވެރިއެއް ނުވެ އެވެ.

ވޯލްޑް ކަޕުގައި އިރާން އޮތީ ގްރޫޕް ޖީ ގަ އެވެ. އިރާނާއެކު އެ ގްރޫޕުގައި ދެން އޮތީ ބެލްޖިއަމް، މިސްރު އަދި ނިއުޒީލެންޑެވެ. އިރާން ކުޅޭ ފުރަތަަމަ ދެ މެޗު އޮތީ ލޮސް އެންޖެލްސްގައި، ނިއުޒީލެންޑާއި ބެލްޖިއަމާ ދެކޮޅަށް ޖޫން 15 އާއި 21 ގަ އެވެ. އަދި، މިސްރާ ދެކޮޅަށް ކުޅެން އޮތް މެޗު، ޖޫން 26 ގައި ކުޅޭނީ ސިއޭޓަލްގަ އެވެ.

ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 ގަ އެވެ.