Last Updated: July 12, 22:47
Sunday, July 12, 2026
ޚަބަރު

ގައުމު ހަލާކުވަނީ ހުޅަނގުގެ ޑިމޮކްރަސީ ގެންނަން އުޅޭތީ

ރާއްޖެ ހަލާކުވަމުން ދަނީ ހުޅަނގުގެ ޑިމޮކްރަސީ ގެންނަން މަސައްކަތް ކުރާތީ ކަމަށާއި ސިޔާސީ ފިކުރު ކުރިއަށް ނެރުމުގެ ބަދަލުގައި ގައުމާ މެދު ވިސްނާ ގައުމީ ފިކުރު އިސްކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީގެ މެންބަރު އިސްމާއިލް ނިޒާރު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ވެއްޓުމާ ބެހޭ ގޮތުން މީޑިއާއަކުން ގެނެސްދިން ޚަބަރެއްގެ ސުރުހީގެ ސްކްރީން ޝޮޓަކާ އެކު ސޯޝަލް މީޑިއާގައި މެންބަރު ވިދާޅުވީ ޕްރެސް ފްރީޑަމް އިންޑެކްސްގައި
100 ދަރަޖަ ފަހަތަށް ރާއްޖެ ދިޔަޔަސް ދިވެހިން އެ ދީނަކަށް ތަބާވާ އިސްލާމް ދީންގެ އަސާސްތަކާއި އަޅުނގަޑުމެން ޚިލާފުވެގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މި ގައުމު ހަލާކުވެގެން މި ދަނީ ތިޔަ ބުނާ ޑިމޮކުރެސީއަކާއި ހުޅަނގުގެ ގައުމުތަކުގެ ކާފާރުން ކަން ކުރާ ގޮތް ބަލައި އެ މަގުން މި ކުޑަކުޑަ ޤައުމުގެ ކަންކަން ހިންގަން މަސައްކަތް ކުރުމުން." ނިޒާރު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ކޮންމެ ކަމެއްގައި ތިމާގެ ސިޔާސީ ފިކުރު ކުރިއަށް ނެރުމުގެ ބަދަލުގައި ގައުމާ މެދު ވިސްނައި ގައުމީ ފިކުރު އިސްކުރަން ޖެހޭ ކަމަށެވެ.

"ސަރުކާރަކީ ބަދަލުވާ އެއްޗެއް. ސިޔާސީ ވިސްނުމާއި ފިކުރަކީ ވެސް ބަދަލުވާ އެއްޗެއް." ނިޒާރު ވިދާޅުވި އެވެ.

ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ މި އަހަރު އޮތީ 108 ވަނައިގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މީޑިއާތަކަށް މި ފަހުން ވަރަށް ބޮޑެތި ފިއްތުންތައް ކުރިމަތިވަމުން އަންކަން ގިނަ ބަޔަކު ފާހަަގަކުރެ އެވެ.