Last Updated: July 11, 12:07
Saturday, July 11, 2026
ރިޕޯޓް

އެމްޑީޕީގެ ބައެއް މެމްބަރުންގެ ބަހާއި އަމަލު ދިމާނުވޭ!

ސިޔާސީ މައިދާނަކީ ވަކި އުސޫލުތަކަކާއި ހަމަތަކެއްގެ މަތީގައި ބިނާވެފައިވާ ތަނަކަށް ވާންޖެހެއެވެ. ވަކިން ހާއްސަކޮށް، ރާއްޖޭގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ ކަމަށްވާ އެމް.ޑީ.ޕީ އަކީ ވަކި ފަލްސަފާއަކާއި ވަކި ސިޔާސަތުތަކެއްގެ މަތީގައި އުފެދިފައިވާ ޕާޓީއެކެވެ. ނަމަވެސް، ފަހަކަށް އައިސް އެ ޕާޓީގެ ބައެއް މެމްބަރުންގެ ކިބައިން ފެންނަމުންދާ "ދެކޮޅު ނުޖެހޭ" ސިޔާސަތުތަކުގެ ސަބަބުން، ޕާޓީގެ އަސާސްތަކާމެދު ސުވާލު އުފެދޭ ހިސާބަށް ކަންކަން ވަނީ ގޮސްފައެވެ.

މި ދެންނެވި ބޭފުޅުން ރޭގަނޑުގެ ވަގުތުތަކުގައި ބާއްވާ މުޒާހިރާތަކާއި ޖަލްސާތަކުގައި ސަރުކާރަށާއި ބައެއް ވަޒީރުންނަށް ކުރައްވާ ތުހުމަތުތަކަކީ ނުހަނު ސީރިއަސް ކަންތައްތަކެކެވެ. އޭގެ ތެރޭގައި، ޑީއެންއާރުގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސަރުކާރު ހިންގާ ޕާޓީގެ ދަފްތަރު އިތުރުކުރާ ކަމުގެ ތުހުމަތާއި، ސަރުކާރުގައި ހަމަޖެހޭ އިގްތިސާދީ ސިޔާސަތެއް ނެތް ކަމަށް ވިދާޅުވެ ކިޔުއްވާ ފާޑުކިޔުންތައްވެސް ހިމެނެއެވެ. މީގެ އިތުރުން، ސަރުކާރުން ސިޔާސީ ބޭނުންތަކަށް ގާނޫނުއަސާސީއަށް ބަދަލު ގެންނަ ކަމަށް ބުނެ، ކޮންމެ ގޮތަކުން ނަމަވެސް މި ސަރުކާރު ބަދަލުކުރަން ޖެހިފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ އިހުސާސްތަކާ އެ ބޭފުޅުން ކުޅުއްވައެވެ.

އެއް ދުވަހު ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމަށްފަހު، އޭގެ އަނެއްދުވަހު ރައްޔިތުންގެ މަޖިލީހުގައި ހަމަ އެ ބޭފުޅުންނަށް ރުހުން ދެއްވުމަކީ ސިޔާސީ ގޮތުން ބަލާއިރު ފެންނަން އޮތް ވަރަށް ބޮޑު ފުށުއެރުމެކެވެ. މިއީ ބުއްދީގެ ހަމަތަކުން ބަލާއިރު ގަބޫލުކުރެވޭނެ އިންސާފުވެރި ނިންމުމެއް ނޫނެވެ. މިފަދަ އަމަލުތަކަކީ އެމްޑީޕީގެ އަސާސީ އުސޫލުތަކާ ޚިލާފު، ރައްޔިތުންގެ ކުރިމަތީގައި ޕާޓީގެ އިތުބާރާއި ގަދަރު ކުޑަވެގެންދާނެ ކަމެކެވެ.

މީގެ އިތުރުން، ޕީޖީ ގްރޫޕުން ޕާޓީގެ އެތެރޭގެ އިންތިޚާބެއްގައި ފާޅުގައި ވަކި ކެންޑިޑޭޓަކަށް ތާއީދުކުރުމަށްފަހު، ވަޒީރުންނަށް ކުރި ބޮޑެތި ތުހުމަތުތަކާ ޚިލާފަށް އަލުން ހަމަ އެބޭފުޅުންނަށް ރުހުން ދިނުމަކީ، ޕީޖީ ގުރޫޕުގެ ނަޒާހަތްތެރިކަމާ މެދު އާންމުން ސުވާލު އުފެއްދުމަށް އަމިއްލައަށް ހުޅުވާލި ދޮރެކެވެ. ކުރިއަށް އޮތް ޗެއަރޕާސަން ހޮވުމުގެ އިންތިޚާބުގައި ވަކި ކެންޑިޑޭޓަކަށް ތާއީދުކުރާކަން ހާމަކުރުމަށްޓަކައި، ޕާލިމަންޓް ގްރޫޕުގެ ނަމުގައި އެބޭފުޅުން ބޭއްވި ޕުރެސް ކޮންފަރެންސަކީ މި ފުށުއެރުންތަކުގެ ހެއްކެކެވެ.

ސިޔާސީ މީހުންގެ ބަހާއި އަމަލު ދިމާނުވުމަކީ ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނެ ކަމެކެވެ. އެމްޑީޕީގެ ބައެއް މެމްބަރުން މި ގެންގުޅުއްވާ "ދެކޮޅުނުޖެހޭ" ސިޔާސަތުގެ ސަބަބުން، ޕާޓީގެ އާންމު މެމްބަރުން ތިބީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ. ހަގީގީ އިސްލާހީ ބަދަލަކީ ހަމައެކަނި ރޭގަނޑު ދައްކާ ވާހަކައަކަށް ނުހައްދަވައި، މި ބޭފުޅުންގެ ދުވާލުގެ އަމަލުތަކުންވެސް އެކަން ދެއްކެވުމެވެ.