ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެންޑިޑެންސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފި އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ އެ ގޮނޑި ފުރުއްވަމުން ގެންދެވި ޕީއެންސީ އަށް ނިސްބަތްވާ މުހައްމަދު ސިނާންގެ މައްޗަށް ސާބިތުވި ދަރަނި ހުކުމާ އެއްގޮތަށް ދައްކާފައި ނުވުމުގެ ސަބަބުންނެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފި އެވެ.
އީސީން ބުނީ ސޯބެ އަކީ ގާނޫނުގައިވާ ގޮތުގެ މަތިން ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނަށް ޝަރުތު ހަމަވާ މީހެއް ކަމަށް ބަލައި، ސޯބެ ހުށަހެޅި ހުށަހެޅުން ގަބޫލުކޮށްފައިވާ ކަމަށެވެ.
ސޯބެ ވަނީ އައްޑޫގެ މޭޔަރުކަން ތިން ދައުރެއްގެ މަތިން 10 އަހަރު ފުރުއްވައިފަ އެވެ. އަދި ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ފުރުއްވި އެވެ.
މި ބައިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އެވެ.