Last Updated: May 14, 15:40
Tuesday, May 14, 2024
ޚަބަރު

ގަން އެއާޕޯޓްގެ އެޕްރަން މަރާމާތު ކުރަނީ

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމަށް ކުރިއަށްދާ މަޝްރޫއުގެ ދަށުން ގަން އެއާޕޯޓްގެ ކުރީގެ ރަންވޭ އާއި ވޯލްކްވޭ ރިސާފާސްކޮށް އަލުން މަރާމާތު ކުރުމުގެ ގޮތުން އެޕްރަނާއި ވޯލްކްވޭގެ ކޮންކްރީޓް ލޭޔާ ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އިން ބުނީ މިމަސައްކަތް މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ.
gan airport

އޭއައިއޭ އިން ބުނީ އޭޕްރަންގެ ހުޅަގުން 12،590 މީޓަރުގެ ސަރަހައްދެއް މުޅިން އެއްކޮށް ތަޅާލައި އަލުން ކޮންކްރީޓް އެލުމަށް ނިންމާފައިވާ ކަމަށެވެ.

އެ ސަރަހައްދަކީ މިހާރު ގަމުގައި ހިންގާ ފްލައިން ސްކޫލް އޭޝިއަން އެކަޑަމީ އޮފް އެރަނޮޓިކްސްއަށް ދޫކޮށްފައިވާ ސަރަހައްދެވެ. އެހެންވެ މިވަގުތު ފްލައިން ސްކޫލްގެ މަސައްކަތް ވަނީ މަޑުޖެހިފައެވެ.

ޑެންމާކުގެ ހޯގާޑް ކުންފުނިން ކުރިއަށްދާ މި މަސައްކަތް ކުރިއަށް އޮތް ފަސް ހަފްތާތެރޭ ނިންމާލެވޭނެ ކަމަށް އޭއައިއޭއިން ބުނެއެވެ.

އޭއައިއޭ އިން އަދި ބުނީ ކުރީގެ ރަންވޭ އަޕްގްރޭޑިން ނިމުމާ އެކު ރަންވޭ އަޕްގްރޭޑިން އެއްކޮށް ނިމޭނެ ކަމަށެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތުގެ ތެރެއިން ރަންވޭގެ ބާކީ ހުރި މަސައްކަތްތަކުގެ 90 ޕަސަންޓް މިހާރު ނިމިފައިވާ ކަމަށް ވެސް އޭއައިއޭ އިން ބުންޏެވެ.