Last Updated: May 15, 10:34
Thursday, May 15, 2025
ކުޅިވަރު

ސްޓީވް މެކްލެެރެން ވަކިކޮށް ނިއުކާސަލްގެ މެނޭޖަރަކަށް ރަފާ ބެނިޓޭޒް

ރިއަލް މެޑްރިޑް ލިވަޕޫލް އަދި ޗެލްސީގެ ކުރީގެ މެނޭޖަރު ރަފާ ބެނިޓޭޒް ޕްރިމިއާ ލީގަށް އެނބުރި އަތުވެއްޖެއެވެ. މިސީޒަން ރިއަލް މެޑްރިޑާ އެކީ ފެށި ބެނިޓެޒް ގެ ލަލީގާ ކެރިއަރ ކުރު ކޮށްލަން ޖެހުމަށް ފަހު ދުވަސްކޮޅަކަށް ފުޓުބޯޅައާ ދުރުގައި ހުރުމަށްފަހު ޕްރިމިއާ ލީގަށް އެނބުރި އައިސްފައިވަނީ ލީގުގެ އެންމެ މުހިއްމު ދަނޑިވަޅުގައެވެ.
ރެލިގޭޝަނާ ކުރިމަތިވެފައި އޮތް ނިއުކާސަލްގެ މެނޭޖަރު ކަމާ ހަވާލުވެފައިވަނީ ސްޓީވް މެކްލެރެން އެ މަގާމުން ވަކި ކުރުމަށް ފަހުގައެވެ.

ބެނިޓޭޒްގެ ފުރަތަމަ މެޗު ހޯމަ ދުވަހު ލީގު ޓޭބަލުގެ އެއްވަނަ ލެސްޓާ އާ ދެކޮޅަށް ނިކުންނަން ޖެހިފައި އޮތް އިރު ފުރަތަމަ ހޯމް މެޗު އޮތީ އޭނާގެ ދުވަސްވީ އަދުއްވެއް ކަމަށްވާ ސޭމް އެލާޑީސްގެ ސަންޑަލޭންޑާ ދެކޮޅަށެވެ.
2004 ވަނަ އަހަރު ވަނަ އަހަރު ލިވަޕޫލްގެ މެނޭޖަރު ކަމުގެ މަގާމަށް ބެނިޓޭޒް އައި ފަހުން އެލާޑީސް އާ ދެމީހުންގެ ކޮންމެވެސް ދެކޮޅުވެރިކަމެއް މިއަދާ ހަމައަށްވެސް އޮވެއެވެ.

ދެމީހުންގެ ދުވަސްވީ ވާދަވެރިކަން އަނެއްކާވެސް ތަކުރާރުވާނެ ސީޒަނަކަށް މިސީޒަން ވަނީވެފައެވެ. އެއީ ދެ ޓީމުވެސް މިހާރު އަންނަނީ ރެލިގޭޝަނުން ސަލާމަތްވުމުގެ މަސައްކަތުގައެވެ.

28 މެޗުން އެންމެ 24 ޕޮއިންޓު ލިބިފައިވާ ނިއުކާސަލް މިހާރު ލީގު ޓޭބަލުގައި އޮތީ ފުލުން ދެވަނައިގައެވެ. ސަންޑަލެންޑް 17 ވަނައިގައި އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ.

އެހެންކަމުން މި ދެޓީމު ބައްދަލު ކުރާ މެޗަކީ ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރާ މެޗެކެވެ.