Last Updated: June 4, 21:55
Thursday, June 4, 2026
ރިޕޯޓް

ނަފްސު ކޮންޓްރޯލް ކުރާނީ ކިހިނެއް؟

ކޮންމެ މީހަކުވެ ސް ބޭނުން ވަނީ ނަފުސު ކޮންޓްރޯލް ކުރާށެވެ. އެކަމަކު، ޙަޤީޤަތުގައި ގިނަ މީހުން އެކަން ބޭނުންވަނީ ހަމައެކަނި ނަމެއްގައެވެ. ބައެއް މީހުން ނަފުސު އިސްލާޙުކުރާކަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ.

ނަފުސަކީ އެންމެ ދުވަހެއްގެ ތެރޭގައި ބަދަލުކުރެވޭނެ އެއްޗެއް ނޫނެވެ. އެއީ ކޮންމެ ވަގުތަކުވެސް ތިބާ އިމްތިހާނުކުރާ ބާރެއް އޭގައި އެކުލެވޭ އެއްޗެކެވެ. ބައެއް ފަހަރު އަމިއްލަ އެދުމުގެ ސިފައިގައެވެ. އަދި ބައެއް ފަހަރު ރުޅިވެރިކަމުގެ ސިފައިގައެވެ. އަދި ބައެއް ފަހަރު އަނާ ނުވަތަ އީގޯގެ ސިފައިގައެވެ. ނަފުސު އަބަދުވެސް ތިބާއަށް ދައްކާނީ ފަސޭހަ ގޮތެވެ.

ތިބާ ހިތް އެދޭ ކޮންމެ ކަމެއް ކޮށް، ރަނގަޅު އިޙުސާސް ކުރެވޭ ކަންތައްތައް ތެދު ކަމުގައި ދެކި، ދަތި އުނދަގޫ ކަންތައްތައް މާދަމާއަށް ދޫކޮށްލުމަށް ނަފުސު ބާރުއަޅައެވެ. އަދި "ތިމާގެ ގޮތަކީ މިއީކަމަށް" ހީކުރެވި، މަޑުމަޑުން އެކަން އާދައަކަށް ވެދެއެވެ. ތެދުތެދަށް ބުނާނަމަ ނަފްސު ކޮންޓްރޯލް ކުރުމުގެ ފުރަތަމަ ފިޔަވަޅުވެސް އެދަނީ އެ ނަފުސު ކޮންޓްރޯލް ކުރުމާއި ދެކޮޅަށެވެ.

ނަފުސު އިސްލާޙުކުރުމާއި ދެކޮޅަށް ތިބާގެ ހިތް މަސައްކަތް ކުރަން ފެށުމުން ދުޢާ ކުރާށެވެ. ރުޅި އަންނަހިނދު މަޑުމައިތިރިކަމާއި، ހިމޭންކަން އިޚުތިޔާރު ކުރާށެވެ. ތިބާގެ ހިތުން ބަދަލު ހިފަން ބޭނުންވާ ހިނދު، މަޢާފު ކުރަން އަވަސްވެ ގަންނާށެވެ.
ކުރިން މިދެންނެވި ވަގުތުތަކަކީ ތިބާ ކާމިޔާބު ހޯދާ ވަގުތުތަކެވެ. ނުވަތަ ތިބާގެ އަމިއްލަ ނަފުސު، ތިބާގެ ކޮންޓްރޯލްގެ ދަށަށް ގެނެވޭ ވަގުތުތަކެވެ. އެކަމަކު ހަނދާންކުރާށެވެ. ހަމައެކަނި ވަގުތީ ޖަޒުބާތުތަކުން ނުފުދޭނެއެވެ. ނަފުސު ކޮންޓްރޯލް ކުރުމަށްޓަކައި ކޮންމެ މީހަކަށްވެސް ޖެހޭނީ އެމީހެއްގެ އަމިއްލަ ނަފުސު ހިސާބުކުރާށެވެ. ނަފުސު އޮޑިޓް ކުރާށެވެ. ކޮންމެ ދުވަހެއް ނިމުމުން އަމިއްލަ ނަފުސާއި ސުވާލުކުރާށެވެ.

މިއަދު އަހުރެންގެ ނަފުސަށް ގެއްލުނީ ކޮން ކަމެއް ހެއްޔެވެ؟ ކޮންތާކު، ކީއްކޮށްގެން ހެއްޔެވެ؟ އަދި އަހުރެންގެ އަނާ ނުވަތަ އީގޯގެ މައްޗަށް އަހުރެން ކުރި ހޯދީ ކޮންއިރަކު، ކޮންތާކު ހެއްޔެވެ؟ ތިބާ ތެދުބަހުން، ތިބާގެ ނަފުސާއި ވާހަކަ ދައްކަން ދަސްކޮށްފިނަމަ، ނަފުސު ކޮންޓްރޯލް ކުރުމުގެ ހަނގުރާމައިގެ ދެބައިކުޅަ އެއްބައި ތިބާއަށް ކާމިޔާބު ކުރެވުނީއެވެ.

އަނެއް ޙަޤީޤަތަކީ، އަނާއަށް ނުވަތަ އީގޯއަކަށް އެކަނި ނަފުސު އިސްލާޙުކުރުމުގެ ހަނގުރާމަ ކާމިޔާބެއް ނުކުރެވޭނެއެވެ. އެ ހަނގުރާމަ ބާރުވެރިކޮށްދޭ އެންމެ މުހިންމު އެއްޗަކީ ތިބާގެ މާހައުލެވެ. ގޯސް އެކުވެރިންނާއި، އަމާޒެއް ނެތް ވަގުތާއި، ފަސޭހައިން ބޭކާރުކޮށްލެވޭ ކޮންމެ ހިނދުކޮޅަކީ އަނާއަށް ބާރު ލިބޭ ކަންތައްތަކެވެ. އަނާ ކޮންޓްރޯލް ކުރުމަކީ ހަމައެކަނި މުޠާލިބާއެއް ނޫނެވެ. އެއީ ދުވަހުން ދުވަހަށް ކުރަންޖެހޭ ކަމެކެވެ.

އެއީ ކުދިކުދި ކާމިޔާބީތަކަށް ދެވޭ ނަމެކެވެ. އަޅުކަން ކުރުމާއި، ހަޱުހުރުމާއި، ޢަފޫކުރުމެވެ. އެންމެ ފަހުން ތެދު ޙަޤީޤަތް އަޑުއަހާށެވެ. އަނާއަކަށް ދުވަހަކުވެސް ނިމުމެއް ނާންނާނެއެވެ. އެކަމަކު، އަނާ ކޮންޓްރޯލް ކުރެވޭނެއެވެ. އެއްގޮތަކީ ތިބާ، އަނާ ކޮންޓްރޯލް ކުރުމެވެ. އެހެންނޫނީ އަނާ، ތިބާ ކޮންޓްރޯލް ކުރާނެއެވެ. އެކަމުގައި އޮތީ ދެކޮޅެވެ. މެދެއް ނޯންނާނެ އެވެ.

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.