Last Updated: July 12, 22:47
Sunday, July 12, 2026
ޚަބަރު

ވޯޓަށް ތައްޔާރު، އިންތިހާބު ފަސްކުރުމާ ދެކޮޅު

މީކާއީލް ނަސީމް

ވޯޓަށް ތައްޔާރު، އިންތިހާބު ފަސްކުރުމާ ދެކޮޅުކަން އިންތިހާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.

ޗެއާޕާސަން އިންތިހާބު ފަސްކުރަން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަނީ ހުށަހަޅުއްވާފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ގަޕޯ ވިދާޅުވީ ޗެއާޕާސަން އިންތިހާބާއި ގައުމީ މަޖިލިސް އިންތިހާބު މިވަގުތު ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި، އޭގެ ސަބަބުން ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށެވެ. ދެވަނަ ކަމެއްގެ ގޮތުގައި ގަޕޯ ފާހަގަ ކުރެއްވީ ދެ އިންތިހާބު ބާއްވަން ފައިސާ ނެތުމެވެ.

އެގޮތުން، ދައުލަތުގެ ބަޖެޓުން އެ ޕާޓީއަށް ލިބެން ޖެހޭ ފައިސާ އަދިވެސް ލިބިފައި ނުވާ ކަމަށް ގަޕޯ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން މީކާއިލް ވިދާޅުވީ ޗެއާޕާސަން އިންތިހާބު ލަސްކުރަން އުޅޭ އުޅުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި ޕާޓީން އިއުލާނުކޮށްފައިވާ ތާވަލާ އެއްގޮތަށް އިންތިހާބު ކުރިއަށް ގެންދަންޖެހޭ ކަމަށެވެ.

"ވަކި ބަޔަކަށް ފައިދާވާގޮތަށް އިންތިހާބާ ނުކުޅުއްވާ. ކޮމިޓީއިން ނިންމާފައިވާ ނިންމުމަށް އިހްތިރާމް ކުރައްވާ. އަޅުގަނޑާއި އަޅުގަނޑުގެ ޓީމު މިތިބީ އިންތިހާބަށް ފުރިހަމައަށް ތައްޔާރަށް،" މީކާއިލް ވިދާޅުވި އެވެ.

އިންތިހާބު ފަސްކުރުމުގެ އިތުރުން، ޕާޓީ ހިންގުމަށް އިސް ފަރާތްތަކުން މަޝްވަރާކޮށްގެން ވަގުތީ އިންތިޒާމެއްގެ ދަށުން ކުރިއަށް ދިއުމަށް ވެސް ގަޕޯ ވަނީ ހުށަހަޅުއްވައިފަ އެވެ. އަދި އެކަން ގައުމީ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރުމަށް ގަޕޯ އެދިވަޑައިގެންނެވި އެވެ.

ޗެއާޕާސަން އިންތިހާބުގައި މީކާއިލްއާ ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.