Last Updated: July 12, 22:47
Sunday, July 12, 2026
ޚަބަރު

ސަރުކާރުގައި އޮތީ މަސައްކަތްތެރިންގެ އަޑުއެހުމުގެ ރޫހެއް

ހޯމް މިނިސްޓަރު އަލީ އިހުސާން - ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުން ގެންގުޅެނީ މަސައްކަތްތެރިންގެ އަޑުއެހުމުގެ ރޫހެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް މާލޭގައި ބޭއްވި ހިނގާލުން ނިންމާލުމަށްފަހު ވާހަކަދައްކަމުން އިހުސާން ވިދާޅުވީ ވަރަށް ގިނަ ދުވަސްވަންދެން މޭ 1 ރާއްޖޭގައި ފާހަގަކުރެވެމުން އައީ މަސައްކަތްތެރިންނާއި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރެވިގެން އަންނަ ރޫހެއް ފެންނަ ކަހަލަ ދުވަހެއްގެ ގޮތުގައި ކަމަށެވެ.

"އެހެންނަމަވެސް މިއަދު މަސައްކަތްތެރިންގެ އަޑު އަހައި މަސައްކަތްތެރިންނާ އެކުގައި މަސައްކަތް ކުރުމުގެ ރޫހެއް އަޅުގަނޑުމެން މި ގެންގުޅެނީ،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުތައް ނަގަހައްޓަންޖެހޭ ވަރަށް ގިނަ ކަންކަން "އަތްދަށުން ދޫވެފައި" އޮތްކަން ގަބޫލުކުރައްވާ ކަމަށާއި މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާ ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކާ ގުޅިގެން އެކަންކަން ހައްލުކޮށް، އަބުރުވެރި، ރައްކާތެރި، ހަމަހަމަ ވަޒީފާގެ މާހައުލެއް ގާއިމުކޮށްދޭނެ ކަމަށެވެ.

އަދި ކޮންމެ ފަދަ ވަޒީފާއެއް ވެސް އިސްއުފުލައިގެން ކުރެވޭނެ މާހައުލެއް ގާއިމުވެގެންދާ ދުވަސް މި ސަރުކާރުން ދެކެން ބޭނުންވާ ކަމަށްވެސް ވިދާޅުވި އެވެ.

"އެ ދުވަސް ޖެހެންދެން، ތިބޭފުޅުންނާ އެކު އެއް ފިޔަވަޅުމަތީގައި ފައި ހަމަ ކޮށްގެން އަޅުގަނޑުމެން މިއަދު މި ހިނގި ގޮތަށް ހިނގާނަން. ހުއްޓައެއްނުލާނަން ތިބޭފުޅުންގެ ހައްގުތަކަށް އެދެވިގެންވާ ހައްލުތަކެއް ނުލިބެނީސް. އަޅުގަނޑުމެންގެ ހުރިހާ ޑިޕާޓުމަންޓުތަކުން ތިބޭފުޅުންނާ ގުޅިގެން މަސައްކަތްކުރާނަން،" އިހުސާން ވިދާޅުވި އެވެ.

ރާއްޖޭގައި ތަފާތު ދައްކާ މަސައްކަތުގެ މާހައުލެއް ގާއިމުކުރުމުގެ މަސައްކަތް މިއަދު މި ފެށުނީ ކަމަށާއި އަންނަ އަހަރުގެ މި ރެލީ މިޔަށްވުރެ ކުލަގަދަކޮށް، މިޔަށްވުރެ ހައްގުތައް ކަށަވަރުވެފައިވާ މާހައުލެއްގައި ބޭއްވުމަކީ އުއްމީދެއް ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.