އިސްލާމީ ނަޒަރަކުން ބަލާއިރު މިނިވަންކަމަކީ ހަމައެކަނި އަމިއްލަ ހިތަށް އެރިހައި ގޮތަކަށް އުޅުމެއް ނޫނެވެ. އެއީ މާތް اللهُ އިންސާނާ ދުނިޔެއަށް ފޮނުއްވިއިރު ދެއްވައިފައިވާ ވަރަށް އަގުބޮޑު ނިޢުމަތެކެވެ. ނަމަވެސް މި މިނިވަންކަން ވަނީ ވަކި އިންތަކަކާއި އުޞޫލުތަކަކުން ބައްޓަން ކުރެވިފައެވެ. އިސްލާމްދީނުގައި މިނިވަންކަމުގެ އަޞްލަކީ މަޚްލޫޤުންނަށް އަޅުދާސްވުމުން ބަރީއަވެ، ހަމައެކަނި ޚާލިޤުވަންތަ اللهُ އަށް ބޯލަނބައި ކިޔަމަންގަތުމެވެ.
ދީނީ ގޮތުން، މިނިވަންކަމަކީ އިންސާނާގެ ނަފްސު އެދުންވެރިކަމުގެ އަޅަކަށް ވިޔަނުދީ، އިލާހީ ޙުދޫދުތަކުގެ ތެރޭގައި ހުރުމެވެ. އަޚްލާޤީ ގޮތުން، އެއީ ތިމާގެ ޢަމަލުތަކުން މުޖުތަމަޢުގެ މަޞްލަޙަތަށް އުނިކަން ނާންނާނެހެން، އަދި އަނެކުންގެ ކަރާމާތަށް އުނިކަން ނުލިބޭނެހެން އުޅުމުގެ ޙައްޤެވެ.
އެހެން މީހުންގެ މިނިވަންކަމަށް އަރައިގަތުމުގެ ނުބައިކަންބަލާއިރު، އިސްލާމްދީން ބާރުއަޅަނީ ތިމާގެ މިނިވަންކަން ނިމޭ ހިސާބަކީ އަނެކާގެ މިނިވަންކަން ފެށޭ ހިސާބު ކަމުގައެވެ. އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަތުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ.
ކިރިތި ޤުރްއާނުގައިވަނީ،އެކަކު އަނެކަކަށް ފުރައްސާރަކުރުމާއި، ނެތިނުބައި ކިޔުމާއި، އަދި މީހުންގެ އަމިއްލަ ކަންކަމުގެ ތެރެއަށް ވަދެގަތުން ނަހީކުރައްވާފައެވެ. ސޫރަތުލް ޙުޖުރާތުގައި މިކަން ވަރަށް ސާފުކޮށް ބަޔާން ކުރައްވާފައިވެ އެވެ.
ކީރިތި ރަސޫލާގެ ސުންނަތަށް ބަލާއިރު، "މުސްލިމަކީ އެމީހެއްގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާކަމަށް ބަޔާން ކުރައްވައިފައެވެ.
އިލްމުވެރިން ވިދާޅުވާ ގޮތުގައި އިސްލާމީ ޝަރީޢަތުގެ މައިގަނޑު މަޤްޞަދަކީ 'މަޞްލަޙަތު ހިމާޔަތްކުރުމެވެ'. އުޞޫލުލް ފިޤްހުގެ ޤާއިދާއެއްގައިވެއެވެ: "لا ضرر ولا ضرار" މާނައީ: "ގެއްލުން ދިނުމެއް ވެސް އަދި ގެއްލުމުގެ ބަދަލުގައި ގެއްލުން ދިނުމެއްވެސް ނުވެއެވެ." މީގެ މާނައަކީ ތިމާގެ މިނިވަންކަމުގެ ބޭނުންކޮށްގެން އަނެކާއަށް އެއްވެސް ކަހަލަ އުނދަގުލެއް ނުވަތަ ގެއްލުމެއް ދިނުމަކީ ޙަރާމްކަމެކެވެ.
"މިނިވަންކަން" މިބަހުގެ ނާޖާއިރު ބޭނުން ހިފުމުގެ ނަތީޖާއަކީ، އިޖުތިމާޢީ އާއިލީ ގުޅުންތައް ކެނޑުމާއި، މުޖުތަމަޢުގައި އޮންނަން ޖެހޭ އިޙްތިރާމާއި ލޯބި ނެތިދިއުމެވެ. އަޚްލާޤީ މިނިވަންކަމުގެ ނަމުގައި ފާހިޝް ކަންކަން ފެތުރުމާއި، އަދަބު އިޙްތިރާމް ކުޑަވުމެވެ. މިނިވަންކަމުގެ ނަމުގައި ބުނާ ބަދުބަސްތަކުގެ ސަބަބުންނާއި، "ސައިބަ ބުލީން" ފަދަ ކަންކަމުގެ ސަބަބުން ނަފްސާނީ ބަލިތައް އިތުރުވެ ބައެއް މީހުން އަމިއްލަ ނަފުސު ހަލާކުގެ ތެރެއަށް އެއްލައިލުމެވެ. މީގެ އިތުރުން އެކަކު އަނެކަކަށް އޮންނަ އިތުބާރު ގެއްލި، މުޖުތަމަޢުގެ އަމާންކަމާއި އިޖުތިމާޢީ އަޚްލާޤީ ފޭރާން ވީދިގެން ދިއުމެވެ.
ނަތީޖާ: ޙަޤީޤީ މިނިވަންކަމަކީ اللهُ އަށް އަޅުވެތިވުމެވެ. އަދި އެހެން މީހުންގެ ޙައްޤުތަކަށް އިޙްތިރާމްކޮށް، އަޚްލާޤީ މިންގަނޑުތަކުގެ ތެރޭގައި ދިރިއުޅުމެވެ. މިނިވަންކަމުގެ ނަމުގައި އަނެކާގެ އަބުރާއި، މުދަލާއި، ނަފްސަށް އަރައިގަތުމަކީ އިސްލާމީ ނަޒަރަކުން ބަލާއިރު މިނިވަންކަމެއް ނޫނެވެ. އެއީ "ޖާހިލުކަމާއި" "އަނިޔާވެރިކަމެވެ." އެކަމުން ތިބާ އަކީ ގަޓްހުރި މީހެއްކަން ދޭހަކޮށެއް ނުދެއެވެ.
ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.