ބޮލީވުޑްގެ ތަރި، ސަލްމާން ޚާންގެ ސުޕަހީރޯ ފިލްމުގެ ޝޫޓިން މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމަކީ ދެކުނުގެ ކާމިޔާބު ޕްރޮޑަކްޝަން ހައުސް، މައިތުރީ މޫވީސް އަށް ރާޖް އެންޑް ޑީކޭ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. ނަން އަދި ސާފު ނުވާ މި ފިލްމަކީ ސަލްމާނާ އެކު އެ މީހުން މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. މި ފަހުން 'ދަ ފެމިލީ މޭން' އާއި 'ފަރްޒީ' އަދި 'ސިޓަޑެލް: ހަނީ ބަނީ' ފަދަ މަގުބޫލު ވެބް ސީރީޒްތައް ގެނެސްދިން ރާޖް އެން ޑީކޭގެ އެންމެ ފަހުގެ ފީޗާ ފިލްމަކީ ސިދާތު މަލްއުތުރާއާ އެކު 2017 ގައި ގެނެސްދިން އެކްޝަން ކޮމެޑީ 'އަ ޖެންޓްލްމޭން' އެވެ.
ޕިންކްވިލާ އިން ބުނީ ސަލްމާނާ އެކު ރާޖް އެންޑް ޑީކޭ ހަދަން ތައްޔާރީތައްވަމުން އަންނަ ވަރުގަދަ އެކްޝަން ސުޕަހީރޯ ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ސަލްމާންގެ ޅިޔަނު އަތުލް އަގްނިހޯތުރީ ވެސް ހިއްސާވާ ކަމަށެވެ. އަދި މި ފިލްމުގެ ބަތަލާގެ ރޯލު ލިބުން ގާތީ ރާޖްގެ އަންހެނުން، ދެކުނުގެ މަޝްހޫރު ބަތަލާ ސަމަންތާ ރޫތު ޕްރަބޫ އަށް ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
ނަމަވެސް އާ ފިލްމާ ބެހޭ އެއްވެސް މައުލޫމާތު ރާޖް އެންޑް ޑީކޭ އަދި މިހާތަނަށް ހިއްސާކޮށްފައި ނުވާތީ މިއާ ބެހޭ ގޮތުން ދެކެވޭ އެއްވެސް ވާހަކައެއް މުޅިން ކަށަވަރެއް ނުވެ އެވެ.
ސަލްމާން މިހާރު އަންނަނީ ނެޝަނަލް އެވޯޑް ހޯދާފައިވާ ދެކުނުގެ ޑައިރެކްޓަރު ވަމްޝީ ޕައިޑަޕައްލީގެ އެކްޝަން ޑްރާމާއެއްގެ މަސައްކަތް ކުރަމުންނެވެ. ދިލް ރާޖޫ ޕްރޮޑިއުސްކުރާ މި ފިލްމުގެ ބަތަލާ އަކީ ދެކުނުގެ ބަތަލާ ނަޔަންތަރާ އެވެ.
ވަރަށް އަވަހަަށް ނަން ހާމަކުރަން ހަމަޖެހިފައިވާ މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ބެެލެވެނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.
ސަލްމާންގެ ކުރިއަށް އޮތް ފިލްމަކީ ކުރިން މިދިޔަ މަހަށް ތާވަލު ކުރުމަށް ފަހު، މިހާރު ވަކި ތާރީހެއް ކަނޑައަޅާފައި ނެތް ޑައިރެކްޓަރު އަޕޫރްވާ ލާކިއާގެ ހަނގުރާމަ ފިލްމު މާތުރަބޫމީ އެވެ. އޭނަ އެންމެ ފެނިފައި ވަނީ މިދިޔަ އަހަރުގެ 'ސިކަންދަރު' އިންނެވެ.