Last Updated: July 12, 22:47
Sunday, July 12, 2026
ޚަބަރު

އަލްހާން ޗެއާޕާސަންގެ މަގާމަށް ވާދަ ނުކުރާނެ

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ނުކުރަން އަލްހާން ފަހުމީ ނިންމަވައިފި އެވެ.

އޭނަ އެ މަގާމަށް ވާދަނުކުރަން ނިންމި އިރު، މިހާތަނަށް ކެމްޕޭންގެ އެއްވެސް ހަރަކާތެއް ވެސް ހިންގައިފައެއް ނުވެ އެވެ. އެހެންވެ ވާދަނުުރަން ނިންމެވީ ޕާޓީގެ ތެރެއިން ތާއީދެއް ނެތުމުން ކަމަށް އެނގިފައިވެ އެވެ. އަދި ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއިލް ނަސީމަށް އަލްހާން ވަނީ ތާއީދު ކުރައްވަން ނިންމަވައިފަ އެވެ.

އޭނަ އަކީ ކުރިން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ.

އަލްހާން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަަށް ވާދަނުކުރައްވަން ނިންމި އިރު، އެ މަގާމަށް ވަރަށް ފޯރީގައި ކުރީގެ ރައީސް މުހައްމަދު މީކާއިލް ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ.

ޗެއާޕާސަންގެ އިންތިހާބު ބާއްވަން ނިންމާފައި އޮތީ އަންނަ މަހުގެ 12 ގަ އެވެ.

ނަމަވެސް އެމްޑީޕީގެ އެ އިންތިހާބު ފަސްކުރަން ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަނީ ހުށަހަޅުއްވައިފަ އެވެ. އޭނަ ވިދާޅުވީ ޗެއާޕާސަން އިންތިހާބާއި ގައުމީ މަޖިލިސް އިންތިހާބު މި ވަގުތު ބާއްވައިފި ނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި، އޭގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށެވެ. އަދި ފާހަގަ ކުރެއްވީ ދެ އިންތިހާބު ބާއްވަން ފައިސާ ނެތް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ގަޕޯ ވިދާޅުވެފައި ވަނީ ދައުލަތުގެ ބަޖެޓުންޕާޓީއަށް ލިބެން ޖެހޭ ފައިސާ އަދިވެސް ލިބިފައި ނުވާ ކަމަށެވެ.

އިންތިހާބު ފަސްކުރަން ގަޕޯ ހުށަހެޅުއްވުމުން މީކާއީލް ވަނީ އެކަމާ ދެކޮޅު ކަމަށް ވިދާޅުވެފަ އެވެ.